ބަލިން ނެގެޓިވް ވެވެން އޮތީ ޕޮޒިޓިވް ކޮށް ވިސްނައިގެނެވެ

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން މިއަދު މިވަނީ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އަށް ވެސް ފޯރާފައެވެ. ފުރަމާލެއިން ފުރަތަމަ ފަހަރަށް ފެނުނު ކޯވިޑް 19 ގެ ކޭސް އާއިއެކު މުޅި ރާއްޖެ ބިރުވެރި ކަމެއްގެ ތެރޭގައި ލޮކްޑައުންވެ ދިވެހިން ދުވަހަކުވެސް އުންމީދު ނުކުރާ ހާލަތަކަށް މުޅި ގައުމު މިވަނީ ގޮސްފައެވެ. ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ކޭސް ތަކާއި އެކު ދިވެހިންގެ ހިއްތަކުގައި އުފެދިފައިވާ ބިރުވެރިކަން މިދަނީ އިތުރު ވަމުންނެވެ. މި މާޔޫސް ކަމުން ސަލާމަތް ވުމަށްޓަކައި މިއަދު އަޅުގަނޑު މެންނަކަށް ކުރެވޭނެ މާބޮޑު މަސައްކަތްތަކެއް ނެތެވެ. ޖިސްމާނީ ގައިދުރުކަން ބެހެއްޓުމާއި އަތް ދޮވުން ފިޔަވާ އިތުރު އެއްވެސް އިރުޝާދެއް މިކަމުގައި ޑޮކްޓަރުންވެސް ނުދެއްވައެވެ. މިފަދަ ހާލަތެއްގައި އަޅުގަނޑުމެން ވީހިނދު ނަފްސާނީ ބަލިމަޑު ކަމަކުން ސަލާމަތްވެ ތިބުމަކީ ވަރަށްވެސް މުހިންމުކަމެއް ކަމުގައި ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ކޮވިޑް އާއި ގުޅިގެން އުފެދިފައިމިވާ ބިރުވެރިކަމާއި މާޔޫސްކަން ދިވެހިންގެ ހިތްތަކުގައި ބޮޑުވެގެން ގޮސްފައިވަނީ އިންތިހާ ދަރަޖައަށެވެ. އަދި ހަމަ އެއާއެކު ކޮންމެ ދުވަހަކުމެ ސޯސަލްމީޑިއާގައި ފެތުރެމުންދާ ގޮތްނޭންގޭ އެކިއެކި ވާހަކަ ތަކުގެ އަވައިގައިޖެހި ފިކުރު ބޮޑުވެ ގޮތްހުސްވާ މީހުންވެސް މަދެއްނޫނެވެ. މިގޮތަށް ފެތުރޭ ގިނަ ވާހަކަ ތަކުގެ ސަބަބުން އެތައް ގެއްލުން ތަކެއް ލިބެއެވެ. ކޯވިޑްގެ ސަބަބުން ލިބޭ ގެއްލުން އެތައް ގުނަ އަކަށް އިތުރު ކުރުވައެވެ. މިފަދަ އެތައް ނުރަނގަޅު ޚަބަރުތަކެއް ނޫސްތަކުގެ ފަލަސުރުހީންވެސް ވަނީ ފެނިގެން ގޮސްފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޯވިޑް ކޭސްއެއް ފެނިފައި ވަނީ ޅ.ކުރެއްދޫ ރިޒޯޓްއިންނެވެ. މިކޭސް ފެނުމާއިއެކު ސޯސަލްމީޑިއާގައި ވަރަށް ގިނަ ވާހަކަތައް އެކި ގޮތްގޮތަށް ދައުރުވާން ފެށިއެވެ. ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ކަށަވަރު ކޮށްދީފައިނުވާ އެތައް ޚަބަރެއް ނޫސްތަކުގައިވެސް ލިޔެފައި ހުއްޓެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވެއްޓުނީއެވެ. އެއްބަޔަކު ރާއްޖެ ބަނޑަށް ޖެހޭނެ ކަމުގައި ބުނެ މުދާ ގަނެ ރައްކާކުރީއެވެ. އަނެއްބަޔަކު ފޭސްމާސްކް އަދި ސެނަޓައިޒަރ ފަދަ ތަކެތި ބޭނުންވާ ވަރަށްވުރެ އިތުރަށް ގަނެ ފިހާރެތައް ހުސްކޮއްލީއެވެ. މިއާއެކު މުދަލުގެ ދަތިކަމާއި ކުރިމަތިލާންޖެހި ބޭނުން ޖެހިފައިވާ އެތައް ބަޔަކަށް މިތަކެތި ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނީއެވެ. މިހުންނަނީ ސަރުކަރުގެ ކަމާބެހޭ ފަރާތްތްކުންދޭ އިރުޝާދުތަކަށް ތަބައުނުވުމުގެ ނަތީޖާއެވެ.

މި ކާރިސާ ފެށުނީއްސުރެ މިއަދާ ހަމަޔަށް އައިއިރު އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ވަރަށްގިނަ ސައްޚަނޫން އެތައް ޙަބަރުތަކެއް ފެތުރިފައި އެބަހުއްޓެވެ. ރާއްޖޭގެ ގިނަބަޔަކު ބައްޔަށް ޕޮޒިޓިވްވެ ރާއްޖެ ހުއްޓުމަކަށް އައިސްފައި ވާއިރު މިކަމަކަށް ބަދަލެއް އައިތަނެއް ނުފެނެއެވެ. ތަފާތު އެކި ހާލަތްތަކާއި ގުޅުވައިގެން ފަތުރާ ދޮގު ޙަބަރުތައް ދަނީ އިތުރުވަމުންނެވެ. ހިތާމައަކީ ވަކި ބަޔަކު ގަސްތުގައި މިފަދަ އަމަލުތައް ހިންގާކަމެވެ. ބަޔަކަށް މިކަމުގެ ސަބަބުން ލިބޭނެ ގެއްލުމަކަށް ބެލުމެއްނެތިއެވެ. ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ނުވަތަ ސަރުކާރު ބަދުނާމު ކުރުމުގެ ނިޔަތުގައި މިހެން ފަތުރާ ނުރަނގަޅު މައްލޫމާތްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ހަމަ ދިވެހި ރައްޔިތުންނަށް ކަން މިވެރިންނަށް ހަމަ ނޭނގެނީބާވައެވެ؟

މުޅި ދުނިޔެއަށް މިއަދު ދިމާވެފައިމިވާ ބަލިމަޑުކަމަގެ ހާލަތަކީ މީގެ ކުރިން ދުނިޔެ ދުވަހަކުވެސް ތަޖުރިބާކުރި ހާލަތެއް ނޫނެވެ. އެހެންކަމުން މިފަދަ ހައްސާސް ދަނޑިވަޅެއްގައި މަސައްކަތް ކުރާނެ ރަނގަޅު އުސޫލެއް އެކުލަވާލުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަށްވެސް މިއަދު މިވަނީ ނުކުޅެދިފައެވެ. އަޅުގަނޑުމެންގެ ރާއްޖެ ވެސް އޮތީ މިފަދަ ހާލަތެއްގައެވެ. އެހެންނަމަވެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެޅެންހުރި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅަމުންނެވެ. ކާރިސާއެއްގެ ތެރޭގައި ރައްޔިތުން ތިބިކަމުގެ އިހްސާސް ވީހާވެސް ކުޑަކޮށް ދިނުމަށްޓަކައި ސަރުކާރުގެ އެހީ އޮތީ ހުޅުވާލެވިފައެވެ. އެހެންނަމަވެސް ރައްޔިތުންގެ މެދުގައި އުފައްދާފައިވާ ޝައްކާއި ވަހުމުގެ ސަބަބުން ސަރުކާރަށް އިތުބާރުކުރަން ބައެއް ފަރާތްތަކަށް އުނދަގޫ ވަނީ އެވެ. ރެޔާއި ދުވާލު ސަރުކާރަށް “ޕްރެޝަރ” ކުރުމުގައި އަވަދިނެތި އުޅޭ މީހުން ފަތުރާ ދޮގު ޚަބަރުތަކުގެ ޝިކާރައަކަށް ގިނަބަޔަކު ވަނީއެވެ.

ޝައްކެއްވެސް ނެއްގޮތުގައި ކޮރޯނާވައިރަސް ގެ ސަބަބުން ދިވެހިންނަށް ލިބެމުންދާ ގެއްލުންތައް ވަރަށްވެސް ގިނައެވެ. މި ވައިރަސް ވެގެން ގޮސްފައިމިވަނީ ފަހުގެ ތާރީހެއްގައި ދިވެހިން ދުއް އެންމެ ބޮޑު އެއް ކާރިސާއަށެވެ. ތާރީހުގެ ތެރެއަށް ބަލައިލާއިރު ދިވެހިން މިފަދަ ވަރަށްގިނަ ކާރިސާ ތަކާއި ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. 2004 ވަނަ އަހަރުގެ ސުނާމީ އަކީ މިފަދަ އެއް ކާރިސާއެވެ. އޭރުގެ އެ ކާރިސާގެ ތެރޭގައި ދިވެހިން ދެއްކީ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ލާމަސީލު މިސާލެކެވެ. ނަތީޖާއެއްެގޮތުން އެ ހިތްދަތި ހާލަތުން ދިވެހިންނަށް އިސާހިތަކު އަރައިގަނެވި އާންމު ހާލަތަށް އެނބުރާ ރުޖޫއަ ވެވުނެވެ. މިކަމުންވެސް ދޭހަ ކޮށްދެނީ ކާރިސާގެ ވަގުތުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމެވެ.

ނަމަވެސް މިއަދުގެ މި ހާލަތަށް ބަލައިލާއިރު މަންޒަރު ވަރަށްވެސް ތަފާތެވެ. ރަށުތެރެއިން ފެންނަނީ ދެކޮޅުވެރިކަމެވެ. އެއްބަޔަކު އަނެއްބަޔަކާ އަރާރުންވާތަނެވެ. މިފަދަ ބޮޑު ވަބާއަކުން އަޅުގަނޑުމެން ސަލާމަތްވާން ބޭނުން ކަމުގައި ވާނީނަމަ އެކުވެރި ކަމާއި އެއްބައިވަންތަކަން އިސްކުރުން ލާޒިމެވެ. މާޒީން އިބްރަތް ހާސިލްކޮށް އެންމެން އެކުގައި މަސައްކަތް ކުރަން ކޮންމެހެންވެސް ޖެހެއެވެ. އެހެނީ ސިޔާސީ ވާދަވެރިކަމަށްވުރެ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުން އެންމެނަށް ވެސް މުހިންމު ވާނެތީއެވެ. “ނެގެޓިވް” ވިސްނުމާއި ހިޔާލާއި ދުރުވެ “ޕޮޒިޓިވް” ކޮށް ވިސްނައިގެން މެނުވީ މިކަމުން މިންޖުވުމެއް ނެތެވެ. އަޅުގަނޑުމެން އެންމެންނަކީވެސް އެކުވެރިކަމާއި ބަދަހަ ކަމަައިއެކު މި ބައްޔާއި ކުރިމަތިލާ ބައެއްކަމުގައި ވަވޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ. الله ގެ ވާގިފުޅާއި އެކު މިބަލިން އަޅުގަނޑުމެން ސަލާމަތްވާނެއެވެ.

އިތުރަށް ކިޔާލުމަށް

ޚިޔާލް ފާޅުކުރަށްވާ