ބައެއް ޚިދުމަތްތައް މުނިސްޕަލްކުރާނަން، އަންހެނުންނަށް ޚާއްސަކޮށްގެން ރަށުގައި އިތުރު ވަޒީފާތައް އުފައްދާނަން: މުއުމިނާ ޞާލިޙް

އަބަދުވެސް އުއްމީދު ކުރަނީ އަންހެނުން ބާރުވެރިކުރުވުމުގައި ކުރީސަފުގައިހުރެ ޚިދުމަތްކުރުމުގެ ފަހި ފުރުޞަތަކަށް ކަމަށާއި މީގެކުރިންވެސް މިފަދަ ފުރުޞަތަކަށް އެދި ރައްޔިތުންގެ ކައިރިއަށް އައިފަދައިން މިފަަހަރު މިއައީ އައު އުއްމީދުތަކާއެކު ކަމަށާއި، ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަކުރުމަށް އެމް.ޑީ.ޕީން ނިންމުމަކީ އަންހެނުން ބާރުވެރިކުރުވުމަށްކުރެވޭ މަސައްކަތުގައި ބައިވެރިވެ ކުރިޔަށްދިއުމަށް ހިތްވަރާއި ޖޯޝް ގެނުވި ކަމެއްކަމަށް މުއުމިނާ ޞާލިޙް (މޫންޓީ) ބުނެފިއެވެ.

މިލަދޫޑޮޓްކޮމް އާއި ވާހަކަ ދައްކަމުން، ސަރުކާރު ހިންގާ މައި ޕާޓީ އެމް.ޑީ.ޕީގެ ޓިކެޓްގައި މަނަދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް ނަންބަރު 4 މުއުމިނާ ޞާލިޙް (މޫންޓީ) އިތުރަށް ބުނީ އެމް.ޑީ.ޕީން ދޮރުންދޮރަށް ހިނގާ ރައްޔިތުންގެ ހާލުބަލައިފި ކަމަށާއި، އެމް.ޑީ.ޕީން ކައުންސިލް އިންތިޚާބަށް ނިކުމެ އޮތީ ތަސައްވުރަކާއި އެކު ސިޔާސަތު ތަކެއް ހިފައިގެންކަމަށާއި، އެއީ މަނަދޫގެ ލޮބުވެތި ރައްޔިތުންގެ އުއްމީދުތަށްކަމަށެވެ.

މައިގަނޑު 4 ދާއިރާއަކަށް ބަހާލައިގެން ރަށްވެހިކަމުގެ އިތުރު ޚިދުމަތްތަށް ރަށަށް ތަޢާރަފްކޮށް، މިހާރު ޤާއިމްވެފައިހުރި ރަށްވެހިކަމުގެ ޚިދުމަތްތަށް އިތުރަށް ތަރައްޤީވެ މަނަދޫއަކީ އަތޮޅުވެރިކަން ކުރާރަށުގެ ފުރިހަމަ ސިފަތަށް ހުރި ރަށަކަށް ހަދަން މަސައްކަތް ކުރާނެކަމަށް ބުނަމުން މޫންޓީ ބުނީ އޭނާ ހިމެނޭ އެމް.ޑީ.ޕީ ކައުންސިލްގެ ފުރަތަމަ އަހަރުވެސް ބައެއްޚިދުމަތްތަށް މުނިސިޕަލްކޮށް އަންހެނުންނަށް ޚާއްސަ އިތުރުވަޒީފާތަށް އުފައްދާނެކަމަށެވެ.

މޫންޓީ ބުނީ ރަށުކައުންސިލުންދެވޭ ރައްވެހި ޚިދުމަތްތަކުގެ ފެންވަރު ބަރޯސާވެފައި އޮންނަނީ ރަށުން ލިބެންހުރި އިންސާނީ ވަޞީލަތްތަކުގެ މަށްޗަށްކަމުގައިވާތީ، އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން އޭނާހިމެނޭ އެމް.ޑީ.ޕީ ކައުންސިލްގައި ސްކޫލްނިމޭ ކުދިންނަށް ރަށުގައި ތިބެގެން މަތީސާނަވީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

އިޖުތިމާޢީ ރައްކާތެރިކަމާ، އިންސާނީ ވަސީލަތް ތަރައްޤީކުރުމާ، ޢާއްމު ސިއްޙަތާއި އަދި ވިޔަފާރިޔަށް ފަހި ފުރުސަތު ހުޅުވާލުމަކީ މައިގަނޑު ދާއިރާތައް ކަމަށާއި، އެކިދާއިރާތަކުން، ކަނޑައަޅާފައިވާ ސިޔާސަތުތައް އެކި ޕްލެޓްފޯރމްތަކާއި އާއްމު ފޯރަމްތަކުގައި އެމް.ޑީ.ޕީގެ ކެނޑިޑޭޓުންް ޙިއްސާކުރައްވަމުން ގެންދަވާކަމަށް މޫންޓީ ބުނެފައިވެއެވެ.

އަދި މަނަދޫގެ ރައްޔިތުން އެދެނީ އެމް.ޑީ.ޕީގެ ރައްވެހިފަތިހުގެ ސިޔާސަތުތައް ތަންފީޒުކުރުންކަން މިހާރު މާބޮޑަށް ސާފުވެފައިވާކަމަށާއި، ހާސްކަމުން ސަލާމަތްވެފައިވާ ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށާ އަންހެނުން ބާރުވެރިކުރުމަށް ޚާއްސަ އިޖުތިމާޢީ ސިޔާސަތުތައް އެކުލަވާލެވިފައި އޮތީ ހަމައެކަނި އެމް.ޑީ.ޕީގައިކަމަށެވެ.

އެހެންކަމުން ރައްޔިތުން އެދޭފަދަ ރަށްވެހިތަރައްޤީގެ އައު ހަރުފަތަކަށް މަނަދޫގެންދިއުމަށް ހުރިހާ ރައްޔިތުން އެކުވެރިކަމާ އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށާއި، އަދި ލާމަރުކަޒީ ރާއްޖޭގެ ރައްވެހިތަރައްޤީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވުމަށް ރައްޔިތުންނަށް މިލިބޭ ރަނުގެ ފުރުޞަތގައި، 10 އެޕްރީލްވާ ހޮނިހިރު ދުވަހު ހުރިހާ ބޭފުޅުންވެސް މުއުމިނާއާއި އޭނާއާއެކު ނިކުމެތިބި އެމް.ޑީ.ޕީގެ ހުރިހާކެނޑިޑޭޓުން ނާމާދިމާލުގައި ފާހަގަޖައްސަވާ ތިލަފަތަށް ވޯޓުދެއްވުމަށް މަނަދޫގެ ހުރިހާ ރައްޔިތުންގެ ކިބައިން އިޙްތިރާމާއެކު އެދޭކަމަށްވެސް މުއުމިނާ ޞާލިޙް (މޫންޓީ) ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރަށްވާ