އިންތިޚާބު ފޯރި ގަދަޔަސް، އިޖުތިމާޢީ މިންގަޑުން ބޭރުވަންޏާ އެއްބާރުލުން ނުދޭނަން: ފިޑޯ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި ކިިތަންމެ ގަދަވިނަމަވެސް އާއްމު އިޖުތިމާޢީ މިންގަނޑުން ބޭރުން ހިންގާ އެއްވެސްކަމަކަށް އެއްބާރުލުން ނުދޭނެކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި މިލަދޫ ކައުންސިލްގެ ގޮނޑިއަށް ސަރުކާރު ހިންގާ މައި ޕާޓީގެ ޓިކެޓްގައި ވާދަކުރާ  ކެނޑިޑޭޓް ނަންބަރ 11 ޙުސެއިން ޢަލީ (ފިޑޯ) ބުނެފިއެވެ.

މިލަދޫގެ މަޤްބޫލް އިޖުތިމާޢީ އެކްޓިވިސްޓް ފިޑޯ މިލަދޫ ޑޮޓްކޮމް އަށް ދިން އިންޓަވިއުގައި މައުލޫމާތުދެމުން ބުނީ ތަރައްޤީ އަކީ އިޖުތިމާޢީ ފޭރާން ރަނގަޅުވެފައިވެސް ހުރުން ކަމަށް ކުރިއަށް ގޮސް ބެލީމަ އެނގޭނެ ކަމަށެވެ.

“ވަރަށް އެކުވެރި ބާރު ގަދަބައެއް މިލަދޫ މީހުންނަކީ. ކާމިޔާބީ ހޯދިފައިހުރީ ހުރިހާ ފަހަރަކުވެސް އެންމެން އެކުވެގެން. މިސާލަކަށް ކާމިޔާބުކުރި ފުޓްބޯޅަ މުބާރާތްތަކަށް ބެލިޔަސް ފެންނާނެ، 22 މީހުން ކުޅުނަސް 1400 މީހުން ބައިވެރިވެގެން ތަށިތަށް ނަގަނީ. ތަރައްޤީ އަކީވެސް އެހެންހޯދޭނެ އެއްޗެކޭ ބުނަން ބޭނުން.” ފިޑޯ ބުންޏެވެ.

އެނާ ބުނިގޮތުގައި ރަށެއްގެ ރައްޔިތުންގެ މަސަލަސްކަމާ ހަމަޖެހުމާއި ތަރައްޤީއަކީ ވަކި ނުކުރެވޭނެ ގުޅިފައިވާ ދެކަމެވެ. އަދިތަރައްޤީގެ ކަންކަން ކުރިއަށް ތަރުތީބު ވެގެންދާއިރު އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމާއި ރައްޔިތުންގެ އެއްބައިވަންތަކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.

ފިޑޯ އިތުރަށް ބުނީ ޖުމްލަކޮށް ދޮރު ހުޅުވާލި ހުރިހާ ގެއެއްގެ ޙާލުބެލިއްޖެކަމަށާއި، ރައްޔިތުންގެ ހުވަފެންތަށް ވަރަށް ސާދާ އަދި އެހާމެ ފޮނިކަމަށެވެ.

“ހަމަ އެއްވެސް މީހަކު ހަނދަށްދިއުމަށް ނޭދޭ، ބޯއިންގް 727 އަކަށްވެސް ނޭދޭ.. ވަރަށް ސާދާ އުއްމީދީ ހުވަފެންތަށްއެދެނީ، މުސްކުޅި މައިިންބަފައިން އިޙްތިރާމާއެކު ކަށުކަމާކެމީގެ ކަންކަން ކުރެވޭނެ ރީތިގޮތެއް، އެދެނީ ފެންވަރު ރަނގަޅު ބަށިކޯޓާ، އައުޓުޑޯރ ޖިމް، އެދެނީ ފުޓްބޯޅަ ދަނޑަކަށް. اللهގެ ވާގިފުޅާއެކު މިކަންކަން ކުރަން އަދި ކުރެވޭނެކަން ސާބިތުކޮށްދޭން އަޅުގަނޑު ހަމަ އެހާމެ ބޮޑަށް އެދެން.” ފިޑޯ ބުންޏެވެ.

އަދި މީގެ އިތުރުން މިކަންކަން ކާމިޔާބުކުރުމަށް މިހާރުވެސް ކަމާ ގުޅޭ ދާއިރާތަކާއެކު މަޝްވަރާ ކުރެވިއްޖެކަމަށާއި ކަންކުރެވޭނެ ސާފު އަލިމަގު ސަރުކާރުގެ ތެރެއިން ފެންނަށް އެބައޮތް ކަމަށާއި، މިލަދޫ ކައުންސިލަށް އިންތިޚާބުވެއްޖެނަމަ ފުރަތަމަ އަހަރުގެ ތެރޭގައިވެސް ފުރިހަމަ ހިނަވާގެއަކާއި ފެންވަރު ރަނގަޅު ނެޓުބޯޅަ ކޯޓެއްގެ މަސައްކަތް ނިންމޭނެވަރަށް ތައްޔާރުވަމުންދާކަމަށެވެ.

“ކުދި ކަންކަމޭ ހީވިއަސް އޭގެ ޒާތުގައި ވަރަށް އެކަށީގެންވާ ކަންކަން ނޫންތޯ؟ އަދި ހަމަ ޕާކުވެސް މިހާރު ގެރެންޓީވެފަ. މިކަހަލަ ކަންކަމުން ރައްޔިތުންގެ ހާސްކަންފިލާ އުފާވެރިކަން އައިސް އެކުވެރިވުމަށް ދޮރުތަށް ހުޅުވިގެންދާނެ. އިރާދަފުޅު ކުރެއްވިއްޔާ ހަމަ އުފާވެރިކަން ކުރިޔަށް އޮތީ ތަރައްޤީއާއެކު، ހުރިހާ ކުލައެއްގެ ހުރިހާ ޖިންސެއްގެ އެންމެނަށް ތަފާތެއްނެތި، އިޖުތިމާޢީ ފޭރާން ރަނގަޅުކުރާނަން، އެކަމަށް ޚާއްސަ ސްޓްރެޓެޖިކް ޕްލާނެއް އަޅުގަނޑު ބައިވެރިވާ އެމްޑީޕީ ކައުންސިލްގައި އެކުލަވާލާނެ. އެކަމުގެ ޔަގީންކަން އަރުވަން.” ފިޑޯ ބުންޏެވެ.

އަދި ޚާއްޞަކޮށް ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފަ ތިބި ޒުވާނުން އެކަމުން ސަލާމަތްކޮށް މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ވެސް ހަދާނެކަމަށް ފިޑޯ ބުންޏެވެ.

މިލަދޫ ޑޮޓްކޮމް އަށް ދިން އިންޓަވިއު ނިންމާލަމުން ފިޑޯ ބުނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިނގާ ގޮތާއި، ވެރިކަންކުރާ ޕާޓީއާއި މިވަގުތު ރާއްޖޭގެ ކަންކަން ހުރިގޮތަށް ބަލާ ފިކުރުކުރާނަމަ، ރާއްޖޭގެ ރަށްތަށް ތަރައްޤީކުރަން އޮތް ރަނުގެ ފުރުޞަތަކީ “ޖަޒީރާ ރާއްޖެ” ކަމާމެދު އެއްވެސް ދިވެއްސަކު ދެބަސް ނުވާނެއެވެ.

އަދި އެއީ އެކަމުގެ މައްޗަށް ރަށުގެ އެއްބައެއް އަނެއްބަޔަކާއި ޒުވާބުކުރަންޖެހޭ ކަމެއްނޫންކަމަށާއި، ރަށް ތަރައްޤީކުރަން އެމްޑީޕީ ކެނޑިޑޭޓުންނަށް މި ފުރުޞަތު ދިނުމަކީ ރަށުގެ މަސަލަސްކަމާއި މަސްލަހަތާއި ތަރައްޤީއަށް އޮތް އެންމެ ހިތްގައިމު ގޮތްކަމުން އެގޮތް ޚިޔާރުކުރުމަށް އޭނާ މިލަދޫގެ ރައްޔިތުންގެ ކިބައިން އެދޭކަމަށެވެ.

އަދި 10 އޭޕްރީލް ވާ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބު ގައި އޭނާއާއި ދިމާލުގައި ތިލަފަތުގައި ފާހަގަ ޖަހައި ވޯޓުދިނުމަށް އަދަބުވެރިކަމާއެކު މިލަދޫގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ.

ޚިޔާލު ފާޅުކުރަށްވާ

2 ކޮމެންޓް
  1. މިލަދޫ ރައްޔިތެއް

    ފިޑޯ އަކީ ކައުންސިލުގަ އިންނަން ޖެހޭ މީހެއް

  2. މިލަދޫ ރައްޔިތެއް

    ފިޑޯ އަކީ ކައުންސިލުގަ އިންނަން ޖެހޭ މީހެއް