ބޭބީ ނާސަރީއާއި މަތީތަޢުލީމާއި ތަމްރީންގައިވެސް ކައުންސިލް އިންވެސްޓްކުރާނެ – ނަޝާޔާ

ބޭބީ ނާސަރީއާއި މަތީތަޢުލީމާއި ތަމްރީންގައިވެސް ކައުންސިލް އިންވެސްޓްކުރާނެ ކަމަށް މިލަދޫ ކައުންސިލުގެ އަންހެނުންގެ ގޮނޑިޔަށް ވާދަކުރާ މަރިޔަމް ނަޝާޔާ (ނަޝް) ބުނެފިއެވެ.

މިލަދޫ ޑޮޓްކޮމް އަށް ދިން ޚާއްސަ އިންޓަވިއުގައި ނަޝް ބުނީ ތަރައްޤީ އަކީ ޠަބީޢީ އިންސާނީ ޤުދުރަތީވަންތަ ކަމެއްކަމަށާއި ޤައުމުތައް ތަރައްޤީވެފައި ހުރީ އެޤައުމުތައް ޤުދުރަތީ ގޮތުން އުފެދިފައި އޮތްގޮތާއި އޮތްތަނާ ގުޅިގެންކަމަށާއި، ޕޯޗުގީޒުގެ ލިޒްބަން، އެމެރިކާގެ މިއާމީ ފަދަ ތަންތަނުގެ ފޮތްތަކަށް ބެލުމުންވެސް އެކަންކަން ފެންނަކަމަށެވެ. ރާއްޖޭގެ ރަށްތައް ތަރައްޤީ ވާނީވެސް ރާއްޖެ އުފެދިފައި އޮތްގޮތާއި ތަނާއި އެއްގޮތަށް ކަމަށް ނަޝް ބުންޏެވެ.

ރާއްޖޭގައި ރޭލުދުއްވަން އެއްވެސް މީހަކު ނުވިސްނާނެކަމަށާއި ރާއްޖެއަކީ ޖަޒީރާ ޤައުމެއްކަމުން ރަށްތައް އެކީ އެރަށެއްގެ ރަށްޔިތުން އެދޭ އިސްފަސްމިނުން އެދޭ ގޮތަށް ތަރައްޤީވާނެ އެންމެ ފުރިހަމަ ވިސްނުމަކީ އެމްޑީޕީގެ “ޖަޒީރާ ރާއްޖެ” ކަމަށާއި އެއީ ދެކޮޅުނުހެދޭނެ މޮޅު ޕްލޭނެއްކަމަށްވެސް ނަޝް ބުންޏެވެ.

މިލަދޫ ކައުންސިލްގެ އަންހެނުންގެ ގޮނޑިޔަށް ސަރުކާރުހިންގާ މައި ޕާޓީ އެމްޑީޕީ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓް ނަންބަރ 7 މަރިޔަމް ނަޝާޔާ ބުނީ ޒުވާން އަންހެނުން ބާރުވެރިކުރުމަށް މި ލިބޭ ރަނުގެ ފުރުސަތުގައި މިއީ އޭނާގެ ކޮމިއުނިޓީ ކޮންޓްރިބިއުޝަންކަމަށާއި ކެމްޕެއިން ފޯރިގަދަނަމަވެސް، ހުރިހާ ބޭފުޅުންގެ ޚިޔާލު ހޯދުމަށްވެސް ވަގުތު ހޭދަކުރާކަމަށެވެ.

“ޚާއްސަކޮށް ހަމަ އަންހެން ބޭފުޅުންގެ ޚިޔާލް އެބަ ބޭނުންވޭ، ހަމަ އެންމެ ފަހުވަގުތުވެސް، ފުރަތަމަ އަހަރު އިސްކަންދޭނެ ކަންކަމަކީ ކޮބާތޯ ބަލާ ޚިޔާލް ހޯދާނަން” ނަޝް ބުންޏެވެ.

އޭނާ ބުނީ، އެންމެ އުފާވަނީ އަންހެން ބޭފުޅުންގެ ވިސްނުމާއި ތަނަވަސް ޚިޔާލްތައް ލިބޭތީ ކަމަށާއި އަދި އެކަންކަން ހަގީގަތަކަށް ހެދުމަށް ތައްޔާރުވާމިންވަރު އެނގޭތީ ހިތްވަރު އާވާ ކަމަށެވެ.

“ޖުމްލަކޮށް އަންހެނުންގެ ކަންކަން، ފައިސާ އުފެއްދޭ، އޭގެން އެހެންކަންކަން ކުރެވޭ މުސްތަޤިއްލު ކުދި އިޖުތިމާޢީ އިޤްތިސާދީ ޔުނިޓްތަށް، ވިސްނުންވެސް މިތިބީ ތަރައްޤީވެފައި. ފަހާފޮށްޓާއި އަވަނާއި ތާހުގެ ބޭރުންވެސް ބޭބީ ނާސަރީ އާއި މަތީތަޢުލީމާއި ޚާއްސަ ހުނަރާއި ތަމްރީންގައިވެސް އިންވެސްޓްކުރާ ވަރަށް ވިސްނުން އެބަހުރި.” ނަޝް ބުންޏެވެ.

ނަޝް އިތުރަށް ބުނީ ގިނަކަންކަން ހަޤީގަތަކަށް ހެދޭނެ ސާފު އަލިމަގު ސަރުކާރުގެ ތެރެއިން ފެންނަށް އޮތްކަމަށާއި ބައެއްކަންކަން ފުރަތަމަ އަހަރުގެ ތެރޭގައިވެސް ކޮށްލެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ ތެރެއިން އޮތް ކޮމިޓީއާއެކު ކުރާނެކަންކަމަށް ޚާއްސަ ސަމާލުކަމެއް ނަޝް ހިމެނޭ ކައުންސިލްގައި ދޭނެ ކަމަށާއި އޭނާ ހިމެނޭ އެމްޑީޕީ ކައުންސިލްގެ އިޖުތިމާޢީ އިގްތިސާދީ ބަޖެޓްގެ 10 އިންސައްތަ ޚާއްސަ ކުރާނީ އަންހެނުންނާއި ޒުވާނުން ބާރުވެރުކުރުމުގެ ދާއިރާއަށްކަމަށްވެސް ނަޝް ބުންޏެވެ.

ނަޝް ބުނިގޮތުގައި މިވަގުތަކީ ރައްޔިތުން އެއްބައިވަންތަކަމާއެކު އެއްބާރުލުންދީ ރަށްރަށުގެ ތަރަޢްޤީއަށް ކުރާނެ ސަޅި ކަންކަމާމެދު ޒުވާން އަންހެނުން ނިކުމެ އެއްވެ ބާރަށްސައްލާ ކުރަންވީ ވަގުތުކަމަށާއި، ރާއްޖޭގެ ރައްތައް ވަކިން ޚާއްސަކޮށް މިލަދޫ ޖަޒީރާ ރާއްޖޭގެ ޖަޒީރާ ރަށެއްގޮތުގައި ސަރުކާރާގުޅިގެން ބާރަށް ތަރައްޤީވާނެކަމާމެދު ޝައްކުނުކުރާ ކަމަށާއި، އޭގެތެރޭގައި ޒުވާން އަންހެނުން ނިކުމެ ވިދާލާ ދާތަން ދެކެން އޭނާއެދޭކަމަށެވެ.

ނަޝްބުނީ އޭނާ ބޭނުމީ ތަރައްޤީގައި ބައިވެރިވާން ކަމަށާއި ރައްޔިތުން އެފުރުސަތު އޭނާއަށް ދޭނެކަމަށް ޔަޤީން ކުރާ ކަމަށެވެ.

“ވަރަށްބޭނުން މިފުރުސަތު، މިޚިދުމަތްކުރަން، މިކަންކަން ވާނެކަން ދައްކައިދޭން ލީޑަރޝިޕްގަ އުޅެން. އެހެންވީމާ ހުރިހާ ބޭފުޅުންވެސް 10 އޭޕްރީލް ވާ ހޮނިހިރު ދުވަހު އަވަހަށް ވަޑައިގަންނަވާށޭ އަވަހަށް ވޯޓްލައްވާށޭ، އަޅުގަނޑާ ދިމާލުގައި ތިލަފަތުގައި ފާހަގަޖައްސަވާށޭ، ވަރަށް ބޮޑަށް ޝުކްރިއްޔާ”

މިލަދޫ ޑޮޓްކޮމްއަށް ދިން އިންޓަވިއު ނިންމާލަމުން ނަޝް ބުންޏެވެ.

ޚިޔާލު ފާޅުކުރަށްވާ