ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު( 1ވަނަ ބައި)

ދެލޮލުގެ ނޫރުފަދައިން އަޅުގަނޑުމެން ގެންގުޅެމުން އަންނަ ދަރިންނަކީ މާތް ﷲ އަޅުގަނޑުމެނަށް ދެއްވާފައިވާ އަގުބޮޑު ޖައުހަރެކެވެ. އެ ޖައުހަރު އަޅުގަނޑުމެނަށް ދެއްވާފައިވަނީ އެ ދެކޭ މީހުންގެ ލޮލަށާއި ހިތަށް ފިނިކަންލިބޭފަދަ ގޮތަކަށް ބައްޓަންކޮށް ސިފަޖެއްސުމަށެވެ. ހަމަ އެހެންމެ ދަރިންނަކީ މައިންބަފައިނަނަށް މާތް ﷲ ހަވާލްކުރަށްވާ އަމާނަތެކެވެ. އެ އަމާނަތަށް ރައްކާތެރި ވެގެން މެނުވީ ، ދުނިޔެއާ އާޙިރަތުގައި ކާމިޔާބު ލިބުމެއްވެސް ނެވެއެވެ. ރޯދިބަރަކާތް އިތުރުވުމުގެ ސަބަބަކަށް އެދަރިންވެފައި ވެއެވެ. މިހުރިހާ ކަމެއްވެސް ފަހިވުން ބިނާވެގެންވަނީ ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ މައްޗަށެވެ. ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި މައިންބަފައިން އަމަލީގޮތުން ސާބިތުކޮށްދިނުމުގެ މައްޗަށެވެ. އެ ދަރިން ތަރުބިއްޔަތު ކުރި ގޮތާމެދު ޤިޔާމަތް ދުވަހުން އެމީހަކާ ސުވާލު ކުރެވޭނެއެވެ. ހަމައެހެންމެ ދަރިން ބަލާބޮޑު ކުރުމަށް ޑިގްރީއެއް ނުވަތަ ސެޓްފިކެތެއް ހޯދާކަށް ނުޖެހެއެވެ. އެފަދަ ޑިގްރީ ދޭ ޔުނިވަރސިޓީ ތަކެއް ނުހުރެއެވެ. އެއީ ހަޔާތައް އަންނަ ތަމްރީނެއްފަދަ ކަމެކެވެ. އެ ތަމްރީނުގައި އަންނަ ކޮންމެ ފަސޭހައަކާ އުނދަގުލެއް ތަހައްމަލް ކުރަންޖެހެއެވެ. ހަމަ އެހެންމެ އެއީ ވާދަވެރި ވަޒިފާއެކެވެ. ކިތައްމެ ދުވަހެއް އުމުރުން ވިއަސް އެވަޒީފާއިން އިސްތިއުފާއެއް ނުދެވެއެވެ. އެއީ ނިމުމެއްނުވާ އެންމެ ފަހު ވަގުތާ ޖެހެންދެން އަދާކުރަންޖެހޭ ވާޖިބެކެވެ. އެއީ ލޯތްބާއި، ކުލުނާއި، އޯގާތެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ތެދުވެރިކަމާއި، ހިއްހެޔޮކަމާއި، މަތިވެރި އަޚްލާޤުގެ މާތް ސިފަތައް ޝަރުތުކުރާ ވަޒީފާއެކެވެ. ކުއްޖަކު ދުނިޔެއަށް އުފަންވުމާއި އެކު އެކުއްޖެއް ބެލުމުގެ ޒިންމާ މައިންބަފައިންގެ ބޮލުގައި އެޅެއެވެ. ކުއްޖާ ބޮޑުވަމުން އަންނައިރު ފާއިތުވާ މަރުހަލާ ތަކުގައި މައިންބަފައިންގެ ދައުރު އިތުރުވެ ފުޅާވެގެން ދެއެވެ.

ތަރުބިއްޔަތު މާނަކުރަގޮތް:                                   

އައްޝައިޙް މުހައްމަދު ޝަހީމް ޢަލީ ސަޢީދު (2010) ގައި ލިއުއްވާފައިވާ ގޮތުގައި ޢަރަބި ބަހުގެ ފުންނާބު އުސް ޢިލްމުވެރި  ބޭފުޅެއްކަމުގައިވާ އަލް އިމާމް އިބުނު މަންޘޫރު ލިއުއްވާފައިވާ ލިސާނުލް ޢަރަބީގައި ވިދާޅުވެފައިވާ ގޮތުން ތަރުބިއަޔަތު މި ލަފްޒުގެ މާނައަކީ އިތުރުވުމާއި، ހެދިބޮޑުވުމާއި، ކާނާދިނުމާއި، ރިޢާޔަތްކުރުމާއި، ރައްކާތެރިވުމެވެ. ހަމަ އެހެންމެ އަލްއިމާމް ޒަމަޚްޝަރީ އަސާސުލް ބަލާޣާ ގައި ބަޔާންކުރައްވާފައިވާ ގޮތުން އޭގެ މާނައަކީ އިތުރުވުމާއި ހެދި ބޮޑުވުމެވެ.

ތަރުބިއްޔަތުގެ ލުޣަވީ މާނައާބެހޭގޮތުން މުޙައްމަދު ޝަހީމް (2010) ތަރުބިއްޔަތުގެ ލުޣަވީ މާނައާ ބެހޭގޮތުން  ވިދާޅުވެފައިވަނީ ހަރުދަނާ މީހަކަށް ކުއްޖާވެ، އޭނާ އުޅޭ ކޮންމެ ތަނެއްގައި މަތިވެރިކަން ލިބިގެންވާ މީހަކަށް އޭނާ ވުމަށްޓަކައި އޭނާ ބޭނުންވާ އިންސާނީ ޘަޤާފަތް ދިނުމާއި، ޢޭނާއަށް ބޭނުންވާ ޟަރޫރީ ކާނާ ހޯދާދިނުމާއި، އެނާއާއި ކުރިމަތިވާ ހުރިހާ ނުރައްކާ ތަކަކުން އޭނާ ސަލާމަތް ކުރުމާއި، އޭނާއާމެދު ރައްކާތެރި ވުމާއި، އަދި ނަފްސާނީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، އަޚްލާޤީ ގޮތުން ތަހްޒީބް ކުރުމާއި، އަދި އޭނާ އަކީ ޖިސްމާނި ގޮތުންނާއި ބުއްދީގެ ގޮތުން، ފުރިހަމަ މީހަކަށް ހެދުމަށްޓަކައި މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް އޭނާ ތަރުބިއްޔަތު ކުރުމެވެ.

ހަމަ އެހެންމެ އިސްލާމް ދީނުގެ ފަލްސަފާއާއި، ނަޒަތިއްޔާތަކަށް ނަޒަރު ހިންގާލުމުން، ތަރުބިއްޔަތުގެ މާނައެއްގެ ގޮތުގައި ފެނިގެންދަނީ، ހުރިހާ ދާއިރާއަކުން، ފުރިހަމަ ކަމާއި ދުޅަހެޔޮކަން ލިބިގެންވާ އިންސާނަކު އުފައްދުމެވެ. ސިއްހީގޮތުންނާއި، ޢަޤްލި ގޮތުންނާއި، ރޫހާނީ ގޮތުންނާއި، އަދި އަޚްލާގީގޮތުން، އިސްލާމްދީނުގައި އަންގަވާފައިވާ ހަމަތަކުގެ މަތިން، ދީނުގެ އިރުޝާދުތަކުގެ އަލީގައި ކުއްޖާ ތަރުބިއްޔަތު ކުރުމެވެ.

ތަރުބިއްތުގެ ބިންގާ ގެ ފެށުން:

ދަރިން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަރުހަލާ ފެށިގެން އަންނަނީ ކައިވެނީގެ ވެސް ކުރިންނެވެ. އެ މަސްއޫލިއަޔަތު އުފުލުމުގައި ދެމަފިރިންގެ ރޯލަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އެގޮތުން (އައްޝައިޙް އުޘްމާން ޢަބްދުﷲ ،2011) ގައި ވިދާޅުވެފައިވަނީ ހަރުދަނާ ދެމަފިރިއެއްގެ މެދުން މެނުވީ ރަނގަޅު ދަރިފަސްކޮޅެއް ނާންނާނެކަމަށެވެ. އެހެންކަމުން ކާވެނީގެ ކުރިން މިކަމަށް ބެލެވި ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރު ކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ  ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ހަތަރު ކަމަކަށް އަންހެނުންނާ ކައިވެނި ކުރެއެވެ. އޭނާގެ މުދާވެރިކަމާއި، ޙަސަބާ ނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ދީންވެރި ކަމަށެވެ. ތިޔަބައި މީހުން ދީންވެރި ކަމަށް އިސްކަންދޭށެވެ. ” އައްޝައިޙް ޝަމީރު އަޅުގަނޑު ދެންނެވި ސުވާލަކަށް ޖަވާދެއްވަމުން ވިދާޅުވީ ހަރުދަނާ ބިންގަލެއް ޤާއިމް ކުރުމަށްޓަކައި ކައިވެނީ ކުރިން އަންހެން ކުއްޖަކުނަމަ ދީންވެރި ރަނގަޅު ޞާލިޙް ދީންވެރި ފިރިހެނަކު އިޚްތިޔާރު ކުރަންޖެހޭ ކަމަށެވެ. އަދި ފިރިހެނަކު ނަމަ ރަނގަޅު ޞާލިޙް ދީންވެރި އަންހެނަކުއިޚްތިޔާރު ކުރުން މުހިންމު ކަމަށެވެ. (ފެބްރުއަރީ 29،2012 އިންޓަވިއު). ހަމައެހެންމެ އަލްއުސްތާޛާ އަނާރާ ނަޢީމް އަޅުގަނޑު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ކާވެނީގެ ކުރިން ދަރިންނަށްޓަކައި ރަނގަޅު ޞާލިޙް މަންމައަކާ ބައްޕައެއް އިޚްތިޔާރު ކުރުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ފިރިހެންމީހާ އަކީ ދީންވެރި، ތެދުވެރި މީހަކަށްވާންޖެހެއެވެ. އަދި އަންހެންމީހާއަކީ ވެސް ދީންވެރި ރަނގަޅު ޞާލިޙްމީހަކަށް ވާންޖެހެއެވެ.(އިންޓަވިއު) ހަމައެގޮތަށް ޝައިކް ޝަމީރު ވިދާޅުވީ ރަނގަޅު ޞާލިހް އަންބަކީ ބަލާލުމުން ހިންހަމަޖެހޭ އަދި ހިނިތުންވެފާހުންނަ، އަދި ފިރިމީހާއަށް ރައްކާތެރިވާ އަދި ފިރިމީހާއަށްޓަކައި ރައްކާތެރިވާ މީހާއެވެ. ނަމަވެސް ނުބައި އަނބިމިހާއަކީ ބަލާލިކަމުގައިވާނަމަ އޭނާގެ ދުލުގެ ނުބައި ބަސްތަކުން ފިރިމީހާ ހިތުގައިޖައްސާ އަދި ފިރިމީހާގެ މުދަލަށް ރައްކާތެރިނުވާ މީހާއެވެ. (29،02،2012 އިންޓަވިއު). އެހެން ޙަދީޘްއެއްގެ މާނާގައިވެއެވެ. ”ތިޔަބައިމީހުންގެ ދަރިފަސްކޮޅަށްޓަކައި ރަނގަޅު ބައިވެރިއަކު އިޚްތިޔާރު ކުރާށެވެ.” ޢަބްދުއް ރައްޒާޤް ޢަލީ 2007) ގައި ލިޔުއްވާފައި ވެއެވެ. އަނބިމީހާއެކޭ އެއްގޮތައް ފިރިމީހާއަކީ ވެސް މާތް ރަސްކަލާނގެއަށް ބިރުވެތިވާ އަދި ރަނގަޅު އަޚްލާގއްގެ ވެރިއަކަށް ވާންޖެހޭނެއެވެ. ފިރިމީހާއަކީ ޢާއިލާގެ އެންމެ އިސްމީހާކަމުގައިވާތީ، އޭނާގެ ދަރިންނަށް ރަނގަޅު މަޔަކު ހޯދުމަށްޓަކައި ދީންވެރި ރަނގަޅު މަޔކު ހޯދުމަށްޓަކައި ދީންވެރި ރަނގަޅުއަންހެނަކާކައިވެނި ކުރުމަކީވެސް އޭނާގެ ޒިންމާއެކަމަށް ޢަބަދު ރައްޒާޤު ޢަލީ 2007) ގައި ބަޔާން ކުރައްވާފައި ވެއެވެ. މާތް ﷲ ވަހީ ކުރެއްވިއެވެ. (ތަޙްރީމް:6) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުން ނަރަކައިގެ އަލިފާނުން ސަލަމަތްކުރާށެވެ އެ އަލިފާން އަންދާނެ ދަރުކަމުގައި ވާހުށީ މީހުންނާއި ހިލައެވެ. “

ހަރުދަނާ ބިންގަލެއް ޤާއިމް ކުރުމުގައި ވިސްނަން ޖެހޭ އަނެއްކަމަކީ އިޚްތިޔާރުކުރާ ބައިވެރިޔާއަކީ ތަރުބިއްޔަތު ގެ މައިދާނަށް އެކަށީގެންވާ ޤާބިލިއްޔަތުކަން ހުރި މިހަކަށް ވުމެވެ.

ޚިޔާލު ފާޅުކުރަށްވާ