ކޮވިޑް 19

ކޮރޯނާ ވައިރަސް ޑިސީސް 2019 ނުވަތަ ކޮޮވިޑް 19ގެ އަލާމާތްތައް ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގެ މީހެއްގެ ހަށިގަނޑުން 2019 ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު ކަމަށް ރަސްމީ ލިޔުންތަކުން ދައްކައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް ޗައިނާއިން ފުރަތަމަ ކޭސް ރިޕޯޓްކުރީ 31 ޑިސެންބަރު 2019 ގައެވެ. ކޮރޯނާ ވައިރަސް ފެތުރުނުކަމަށް ބުނަނީ ވުހާން ސިޓީގެ ސީފުޑް އެންޑް ވައިލްޑް ލައިފް ކާރުކޭޓެއްގައެވެ. ޗައިނާގެ ކަމާބެހޭ މަސްއޫލު ފަރާތްތަކުން އަލަށް ފެނުނު ކޮރޯނާ ވައިރަސްއަށް “ނޮވެލް ކޮރޯނާ ވައިރަސް” ގެ ނަންދިނީ 07 ޖަނަވަރީ 2020 ގައެވެ. އަލަށް ފެނުނު ކޮރޯނާ ވައިރަސް އަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން “ކޯވިޑް 19” ގެ ނަމުން ނަން ދިނީ 12 ފެބުރުވަރީ 2020 ގައެވެ.

ކޮޮވިޑް 19 ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިއްޖެއެވެ. މިއީ މުޅި ދުނިޔެއަށް ފެތުރިދާނެ ބޮޑު ރޯގާއެއް ކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙީ ޖަމްޢިއްޔާއިން ވަނީ ދީފައެވެ.

ދުނިޔެ އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ބަލި ފެތުރޭ ޤައުމުތައް އިތުރު ވަނީއެވެ. ބަލި ޖެހެމުންދާ މީހުންނާއި ބަލީގައި މަރުވާ މީހުން ވެސް ދަނީ އިތުރުވަމުންނެވެ. މި ބިރުވެރި ހާލަތުގައި އިންފެކްޝަސް ބަލިތަކުގެ މާހިރުން ލަފާދެއްވަނީ ޕެނިކް ނުވެ (ކަންބޮޑުނުވެ) ޢަމަލީ ގޮތުން އެޅެންހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވިސްނުންތެރިކަމާއެކު އެޅުމަށެވެ. ފަރުދީ ފެންވަރުގައާއި ޖަމާޢަތުގެ ފެންވަރުގައި އަދި ރަށްރަށާއި ޤައުމުތަކުގެ ފެންވަރުގައެވެ.

ކޮރޯނާ ވައިރަހަކީ އިންސާނުންނާއި ޖަނަވާރުންގެ މެދުގައި ބަލިޖައްސާ ވައިރަހެކެވެ. މި ވައިރަސް އަށް ކޮރޯނާގެ ނަމުން ނަންދީފައި ވަނީ ބަލިޖެހޭ މީހާގެ ހަށިގަނޑަށް ވައިރަސް ވަންނަން އެ ބޭނުންކުރާ ޕްރޮޓީންސްގެ ނަމާ ގުޅުވައިގެންނެވެ. ކޮރޯނާ ވައިރަސްއަކީ ބައިވަރު ވައިރަސްތަކަކަށް ކިޔާ ނަމެކެވެ. މި ވައިރަސްތަކުގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކުގެ ތެރޭގައި އާދައި ރޯގާ އާއި ގޭސްޓްރޯއިންޓެސްޓިނަލް އިންފެކްޝަން އާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ގެ އިތުރުން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމްސް ހިމެނެއެވެ.

ކޮވިޑް 19 ޖެހުމުން ފެންނަ އަލާމާތްތަކަކީ އާދައިގެ އަރިދަފުސް ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. ތަފާތަކީ ބައެއް މީހުންގެ ހާލު ސީރިއަސް ވާކަމެވެ. އަދި ބައެއް މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެންނަކަމެވެ. ބަލި މީހެއްކަން އެނގެނީ ހަމައެކަނި ޓެސްޓު ހަދައިގެންނެވެ. އެހެންވީމާ ބަލިޖެހި އެކަން ނޭނގި ރަނގަޅުވަމުންދާ މީހުން ވެސް އުޅޭނެއެވެ.

މި ބައްޔާ ނުވަތަ މި ވައިރަހާ ބެހޭ ދިރާސާތައް ދަނީ ކުރެވެމުންނެވެ. މިހާތަނަށް ހޯދިފައިވާ ގޮތުގައި މި ވައިރަސް ހަށިގަނޑަށް ވަންނަތާ 2 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއްގައި ބަލީގެ އަލާމާތްތައް ފެންނަން ފަށާނެވެ. މި ބަލީގެ އާންމު އަލާމާތްތަކަކީ ހުން އައުމާއި، ކެއްސުމާއި، ނޭވާކުރުވެ ނޭވާލާން އުނދަގޫވުމާއި ބަލީގެ ބޮޑުވަރުވާ މީހުންނަށް ނިއުމޯނިއާ ޖެހުމާއި، ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ޖެހުމާއި، ކިޑްނީ ފެއިލްވުމާއި ބައެއް ފަހަރު މަރުވުން ކަމަށް މި ބަލި އެންމެ ބޮޑަށް ފެތުރުނު ޤައުމުތަކުން އެނގެއެވެ. އަދި ބަލީގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށްކަށް އެނގެއެވެ.

ކޮޮވިޑް 19 އަށް ތައްޔާރުކުރެވޭ ވެކްސިން މިހާރު އޮތީ “ހިއުމަން ޓްރަޔަލް” ނުވަތަ މީހުންނަށް ދީގެން އަޖުމަބަލާ ސްޓޭޖުގައެވެ. ބޭސް ވެސް ގެންދަނީ ތަހުލީލު ކުރަމުންނެވެ. އެކަމަކު އެކަމަށް މަސްތަކެއް އަދި ނަގާނެކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. ވުމާއެކު މި ވަގުތު ކޯވިޑަކީ ފަރުވާއެއް ނެތް ބައްޔެކެވެ. އެހެންނަމަވެސް ބަލިން ފެންނަ ތަފާތު އަލާމާތްތަކަށް ފަރުވާ ދިނުމުން ރަނގަޅުވެއެވެ. ވަރަށް ބޮޑަށް ހާލަތު ދަށަށްދާ ފަރާތްތަކަށް ސާސް އާއި އޭޑްސް ފަދަ ބަލިތަކަށް ދޭ ބޭސްތައް ގްރޫޕްކޮށްގެން ދިނުމުން ނަތީޖާ ފެންނަކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ބަލިން ރައްކާތެރިވުމަށް ކެއްސާ ހިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުމާއި، ނިވާކުރުމަށް ޓިޝޫއެއްނެތްނަމަ އެ މީހެއްގެ އަމިއްލަ މުލައްދަނޑިން އަނގަޔާއި ނޭފަތް ނިވާވާގޮތަށް ހުރަސްކުރުމުން ވެސް ބަލި ޖެހުމަށް އޮންނަ ފުރުސަތު ކުޑަވެއެވެ. ހަމަ މިއާއެކު އާންމު އިރުޝާދަކީ ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމެވެ. އަދި އާންމު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމުން ކޮރޯނާ ވައިރަހުގެ ނުރައްކާ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދަށް ކުޑަކޮށްދެއެވެ. އަތް ދޮންނައިރު މަދުވެގެން 20 ސިކުންތު އަތް ދޮވުމަށް ޞިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ.

ކޮޮވިޑް 19 އާ ގުޅިގެން އެންމެ ފުރަތަމަ ދުވަސްވަރުން ފެށިގެން ދިވެހިރާއްޖެއިން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ރާއްޖެ އަންނަ މީހުން ސްކްރީންކޮށް، ކަރަންޓީނު ފެސިލިޓީތައް ތައްޔާރުކޮށް، ކަރަންޓީނު ކުރަންޖެހޭ މީހުން ކަރަންޓީނުކޮށް، ބައްޔާމެދު ދަނީ ހޭލުންތެރި ކުރަމުންނެވެ. އެލާޓް ލެވެލް ހަތަރު ލެވެލަކަށް ހަމަޖައްސަވައި، ކޮޮވިޑް 19 އާ ގުޅިގެން ކަންބޮޑުވާ ކަމެއް ދިމާވެއްޖެ ނަމަ ހިލޭ ގުޅޭ ނަންބަރު 1676 އަށް ގުޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

Like
Like Love Haha Wow Sad Angry
އިތުރަށް ކިޔާލުމަށް

ޚިޔާލް ފާޅުކުރަށްވާ