އިޓަލީވިލާތުގެ ރައްޔިތެއްކަމަށްވަ މރ.ޖޯޖް ކޯބިންއަކީ، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމަށް މެދުވެރި ފަރާތެވެ. ކޯބިންއަކީ، ވަރަށް “އެޑްވެންޗަރަސް” މީހެކެވެ. ޓްރެވަލް އޭޖެންސީއެއް ހިންގާ “އިންޓެންސިވް ޓްއަރޒް” ރާވާ މީހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޯބިން ދަތުރުކުރިއެވެ. އެއީ އިންސާނުންގެ ހަލަބޮލިކަމުން ސަލާމަތްވެފައިވާ ޤުދުރަތީ އާ ތަންތަން ހޯދުމުގެ މަޤުޞަދުގައެވެ. މިގޮތުން މރ.ޖޯން ކޯބިން އިންޑިޔާގެ އެކިއެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ހެދިއެވެ. އަދިހަމަ އެހެންމެ ދިވެހިބަހުން ވާހަކަދައްކާ، އާދަކާދަ އެއްގޮތް އަދި ދިވެހިރާއްޖޭގެ އަތޮޅެއްކަމަށް ބެލެވުނު މަލިކަށް ވެސް ޒިޔާރަތް ކުރިއެވެ.
The beginning of tourism in Maldives.1972.building Kurumba Village with George Corbin.pic from left Naseem,George and his daughter Georgia. pic.twitter.com/3x4M5tst2c
— Ahmed Naseem (@KerafaNaseem) April 1, 2017
ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގޮސް ރާއްޖެއާ ބެހޭ މަޢުލޫމާތު ހޯދަން އުޅުމުގެތެރޭގައި ކޯބިންނަށް އަލްފާޟިލް ކެރަފާ އަޙްމަދު ނަސީމާ ބައްދަލުވިއެވެ. އަދި ޖޯޖް ކޯބިންއަށް އަލްފާޟިލް އަޙްމަދު ނަސީމުގެ ފަރާތުން ރާއްޖެއާ ބެހޭ މަޢުލޫމާތު ލިބި ރާއްޖެއާމެދު ކޯބިން ޝައުޤުވެރިވިއެވެ. މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އާގުބޯޓެއް ކަމަށްވާ “މޯލްޑިވްސް އެކްސްޕޯޓަރ” ގައި މރ.ޖޯޖް ކޯބިން ރާއްޖެ އައުމެވެ. އެއީ، އޮކްޓޯބަރ 1971 ގައެވެ. މިދަތުރުގައި އަލްފާޟިލް އަޙްމަދު ނަސީމު ވެސް ކޯބިންއާ އެކު ބައިވެރިވިއެވެ. އަދި ދަތުރުގެ މަގުމަތީގައި ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގެ ވާހަކަ ދެކެވުނެވެ. މިދަތުރުގައި އިޓަލީގެ ފޮޓޯގްރާފެއް ކަމަށްވާ މރ. ފްރެންޗެސްކޯ ބެނީނީ ވެސް ކޯބިންއާއެކު ބައިވެރިވިއެވެ.
މރ. ކޯބިންއާއި އަލްފާޟިލް މުޙައްމަދު ޢުމަރު މަނިކާ ރާއްޖެއިން ބައްދަލުވިއެވެ. ރާއްޖޭގައި ކޯބިން ހުރި ދުވަސްވަރު މރ. ކޯބިންއާއި މރ. ބެނީނީ ކޮލިގޭ ލޯންޗުގައި އެކިތަންތަނަށް ޒިޔާރަތްކޮށް ފޮޓޯނަގާ ހެދިއެވެ. މިގޮތުން ވިހަމަނާފުށްޓާއި ފަރުކޮޅުފުށްޓާއި އަދި ވެސް އެހެން ރަށްރަށް ހިމެނެއެވެ. ކޯބިންއާއެކު ގިނައިން މިފަދަ ތަންތަނަށް ގޮސް އުޅުނީ އަލްފާޟިލް ޗަމްޕާ ޙުސައިން ޢަފީފެވެ.
ކޯބިން ރާއްޖޭން އެނބުރި ގޮސް ރާއްޖެއާ ބެހޭ ދެތިން ލިޔުމެއް ޝާއިޢު ކުރިއެވެ. އަދި ރާއްޖެއާ ބެހޭ ފޮޓޯތައް ވެސް ޝާއިޢުކުރިއެވެ. މރ. ކޯބިންއާއި މރ. ބެނީނީ ރާއްޖެއާ ބެހޭ ފޮތެއް ތައްޔާރު ކުރިއެވެ. އެއީ 1972 ގައި ޝާއިޢު ކުރެވުނު ” DUE MILLE ISOLE FELICE “އެވެ. އަދި ޖޯޖް ކޯބިންގެ އެޖެންސީ ކަމުގައިވާ “އެޖެންޒިއާ ވިއާޖީ ސެސްޓޯ ކޮންޓިނެންޓޭ” ގެ ފަރާތުން ރާއްޖެއަށް ފަތުރުވެރިން ފޮނިވަން ފެށިއެވެ.