ފިތުނައިގެ ނުރައްކާތެރިކަން

އަޅުގަނޑުމެންގެ މުޖުތަމަޢުވަނީ ފިތުނަ ފަސާދައިގެ ހާއްޔަކަށްވެފައެވެ. އެތަކެއް ފިތުނަތަކެއްގެ ތެރޭގައި އުޅެން މަޖުބޫރުވެފައެވެ. މިއީ އަޅުގަނޑުމެން އަމިއްލަ އަތްތަކުން ކޮށްފައިވާ ކަންތައްތަކުގެ ހިތި ނަތީޖާއެވެ. މިއަނދަވަޅުން އަރައިގަނެވޭނީ އަޅުގަނޑުމެން އިސްލާޙަށް މަސައްކަތް ކޮށްގެންނެވެ. އަމިއްލަ ނަފްސު އިސްލާޙު ކޮށްގެންނެވެ. الله سبحانه وتعالى މުޞީބާތް ޖައްސަވަނީ މީސްތަކުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. އިމްތިޙާނުގެ ވަގުތުތަކުގައި މީސްތަކުންގެ ތެރެއިން އެއްބަޔަކު މާތް ﷲ ގެ ޙަޟްތަރުގައި ކުރިއަރައިގެންދެއެވެ. އަނެއްބަޔަކު މަގުފުރެދިގެންދެއެވެ.

ފިތުނަ ފަސާދަ ޢާއްމުވުމަކީ ޤިޔާމަތް ކައިރިވެއްޖެކަމުގެ ޢަލާމާތެކެވެ. މިއީ ތެދެއްކަން އަހަރުމެންގެ ވަށައިގެން ހިނގަމުން މިދާ ހުރިހާކަމަކުން މިދަނީ ފެނި ހާމަވަމުންނެވެ. އެ ގޮތުން މިޒަމާނުގައި މިދަނީ ތަފާތު އެކި ނަންނަމުގައި މުޅިން އާ ބާވަތް ބާވަތުގެ ފިތުނަ އުފައްދަމުންނެވެ. ފިތުނައަކީވެސް މުއުމިނުންނަށް ކުރިމަތިވާ ވަރުގަދަ އިމްތިޙާނެކެވެ. މި އިމްތިޙާނަށް ކެތް ނުކުރެވޭ މީހުން ފަހުޒަމާނުގައި ހެނދުނު މުސްލިމެއްގެ ގޮތުގައި ހުރެފައި ހަވީރު ކާފިރެއްގެ ގޮތަށް ބަދަލުވާނެއެވެ. އެހެންކަމުން މިއީ ވިސްނާ ފިކުރުކޮށްލުން މުހިއްމު މަޢުޟޫޢު އެކެވެ.

އަޅުގަނޑުގެ މިލިޔުމުގައި ފިތުނަިގެ ނުރައްކާތެރިކަމަށް ބަލާލެވޭތޯ މަސައްކަތް މިކުރަނީ، އަބޫ ހުރައިރާ އަރިހުން ރިވާކުރެވިފައިވާ އަންނަނިވި حديث (عن أ بي هريرة أ ن رسول الله قال : بَادِرُوا بِالْأَعْمَالِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ يُصْبِحُ الرَّجُلُ مُؤْمِنًا وَيُمْسِي كَافِرًا أَوْ يُمْسِي مُؤْمِنًا وَيُصْبِحُ كَافِرًا يَبِيعُ دِينَهُ بِعَرَضٍ مِنْ الدُّنْيَا ) ގެ ތަފްސީރުގެ އަލީގައެވެ.

ކީރިތި  ރަސޫލާގެ ﷺ އަރިހުން ابو هريرة ރިވާ ކުރައްވާފައިވާ މި ޙަދީޘް މުސްލިމާއި އަޙްމަދު އަދި ތިރްމިޛީ އާއި އިބްނު ޙިއްބާން ތަޚްރީޖް ކުރައްވާފައި ވެއެވެ. އަދި މި ޙަދީޘަކީ ޞަޙީޙު حديث އެއްކަމަށް މުސްލިމާއި ތިރުމިޛީ އަދި އިބްނު ހިއްބާން އާއި އަލްބަޣަވީއާ އަލްބާނީ ބަޔާން ކުރައްވާފައި ވެއެވެ. މި ޙަދީޘްގެ މައުޟޫޢަކީ ފިތުނައިން ދުރުހެލިކުރުމާއި އޭގެ ނުރައްކަލާއި ގެއްލުން މީސްތަކުންނަށް ބަޔާން ކޮށްދިނުމެވެ. މި ޙަދީޘްގައި ފިތުނަ ސިފަ ކުރައްވާފައިވަނީ ކަޅު އަނދިރި ގަނޑެއްގެ ގޮތުގައެވެ. ޙަދީޘްގައި އައިސްފައިވާ އެންމެ މުހިއްމު އެއްބަޔަކީ ހެޔޮ ޢަމަލުތަކަށް އަވަސްވެ ގަތުމަށް ރަސޫލާ محمَّد ﷺ ގޮވަލައްވައި އަމުރު ކުރައްވާފައިވާ ބައެވެ. އެހެންކަމުން ޙަދީޘްގައި ޖުމްލަ ގޮތެއްގައި ވަރަށްގިނަ ފައިދާ ތަކެއް އެކުލެވިގެން ވެއެވެ.

ޙަދީޘް ގައިވާ ލަފްޒުތަކުގެ މާނަ

بادروا بالأعمال:              بادروا: ތިޔަބައިމީހުން އަވަސްވެ ގަންނާށެވެ!

بالأعمال:                    ހެޔޮ ޢަމަލުތަކައިގެން!

فتناً كقطع الليل المظلم:              فتنا: ފިތުނަތަކެއް އަންނާނެ / ވާނެއޭ!

كقطع الليل المظلم:             އެއްވެސް އަލިކަމެއް، ނޫރެއްނުވާ ކަޅު އަނދިރި ރޭތަކެއްފަދަ

يُصْبِحُ الرَّجُلُ مُؤْمِنًا وَيُمْسِي كَافِرًا:     (އެހައިރުން) ހެނދުނު މުއުމިނެއްގެ ގޮތުގައި ވީ މީހާ ހަވީރު ހުންނާނީ ކާފިރެއްގެ ގޮތުގައެވެ!

أَوْ يُمْسِي مُؤْمِنًا وَيُصْبِحُ كَافِرً:         ނުވަތަ ހަވީރު މުއުމިނެއްގެ ގޮތުގައިވީ މީހާ ހެނދުނު ހުންނާނީ ކާފިރެއްގެ ގޮތުގައެވެ!

يَبِيعُ دِينَهُ بِعَرَضٍ مِنْ الدُّنْيَا: يَبِيعُ دِينَهُ:   އޭނާ، އޭނާގެ ދީން ވިއްކާލާނެޔޭ!

بِعَرَضٍ مِنْ الدُّنْيَا:             ދުނިޔެ މަތީގައި ލިބިދާނެ މަންފާއަކަށްޓަކައި!

 

ޙަދީޘްގެ މުހިއްމު ލަފްޡު ތަކުގެ މުރާޖާ

1.މި ޙަދީޘްގައި އައިސްފައިވާ މުހިއްމު އެއްކަލިމައަކީ بادروا بالأعمالޢަމަލުތަކަށް އަވަސްވެ ގަންނާށެވެ!

އޮތް ބަސްފުޅެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿فَاسْتَبِقُوا الْخَيْرَاتِ﴾ ﴿سورة البقرة – 148﴾  މާނައީ: ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ!

މީގެ މުރާދަކީ ޞާލިޙު ޢަމަލުތައް ކަމަށާއި، ޞާލިޙު ޢަމަލުތައް ބިނާވެގެންވަނީ ދެކަމެއް އޭގައި ފުރިހަމަވުމުގެ މައްޗަށް ކަމަށް، “شرح رياض الصالحين ” ގައި އައްޝައިޚް މުޙައްމަދު ޞާލިޙް އަލް ޢުޘައިމީން ރަޙިމަހުﷲ  (1992) ބަޔާންކުރައްވާފައި ވެއެވެ. އެއީ؛ މާތް ﷲ އަށް އިޚްލާޞްތެރި ވުމާއި، އެކަމެއްގައި ކީރިތި ރަސޫލާއަށް ތަބަޢަވުމެވެ. އެއްވެސް ޢަމަލެއްގައި ﷲ އަށް އިޚްލާޞްތެރިކަން ނުވާނަމަ އެ ޢަމަލަކީ ޞާލިޙް ޢަމަލެއްކަމުގައި ނުވާނެއެވެ. މިސާލަކަށް މީހަކު ނަމާދުގެ ހުރިހާ ރުކުނަކާއި ޝަރުޠުތަކެއް އަދި ނަމާދުގެ ހުރިހާ ސުންނަތްތަކެއް ފުރިހަމަކޮށްގެން ނަމާދު ކުރިކަމުގައިވިއަސް، އެމީހާގެ ހިތުގައި ދެއްކުންތެރިކަމެއް އޮވެގެން ނަމާދުކުރިނަމަ، އެ ނަމާދު މާތް ﷲ ޤަބޫލެއް ނުކުރައްވާނެތެވެ. ސަބަބަކީ، އެކަމުގައި ޝިރުކު އެކުލެވިފައި ވުމެވެ. އެކަލާނގެއާ އެހެން ފަރާތަކާ ބައިވެރިކޮށްގެން ކުރެވޭ އެއްވެސް ޢަމަލެއް އެކަލާނގެ ޤަބޫލެއް ނުކުރައްވާނެއެވެ.

أبو هريرة  رضي الله عنه ގެ އަރިހުން مسلم ރިވާ ކުރައްވާފައި ޤުދުސިއްޔަ حديث އެއްގައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. : ( أنا أغنى الشركاء عن الشرك ، من عمل عملا أشرك فيه معي غيري تركته وشركه ) رواه مسلم  އަދި ابن ماجه އެހެން ރިވާޔަތެއްގައި : ( فأنا منه بريء وهو للذي أشرك) މާނައީ: “ތިމަންރަސްކަލާނގެއާ އެހެން ފަރާތެއް ބައިވެރިކުރުމުން ތިމަންރަސްކަލާނގެ ފުދިވޮޑިގެން ވަމެވެ. އެއްވެސްމީހަކު ތިމަންރަސްކަލާނގެއަށްޓަކައި ކުރާ އެއްވެސް ޢަމަލެއްގައި ތިމަން ރަސްކަލާނގެއާއެކު އެހެން ފަރާތެއް ބައިވެރިކޮށްފިނަމަ، އެމީހެއްގެ ފަރާތުން އެ ޢަމަލެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި ކިއެއްތަ، ތިމަންރަސްކަލާނގެ އެމީހަކު އެ ޝިރުކު ކުރި އެއްޗަކަށް ދޫކޮށްލައްވާހުށީމެވެ.”  އަދި އިބްނު މާޖާގެ ރިވާޔަތުގައި: “ތިމަންރަސްކަލާނގެ އޭނާގެ ކިބައިން ބަރީޢަވެގެން ވަމެވެ. އަދި އޭނާވަނީ އޭނާ އެ ޝިރުކު ކުރި އެއްޗަކަށެވެ.” މިފަދައިން އައިސްފައި ވެއެވެ.

 1. ޙަދީޘްގައި ދެވަނައަށް އޮތް މުހިއްމު ބަޔަކީ فتناً “ފިތުނަ” މި ލަފްޒެވެ. މި ޙަދީޘްގައި މިވާ ފިތުނަ ދެބަޔަކަށް ބެހިގެންވާކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެ ދެބަޔަކީ “فتنة الشبهات ” އަދި ” فتة الشهوات ” އެވެ. فتنة الشبهات ނުވަތަ شُبهي ފިތުނަ އަކީ ޖާހިލުކަމުގެ މައްޗަށް ބިނާވެފައިވާ ކޮންމެ ފިތުނައެކެވެ. އެހެން ޢިބާރާތަކުން ބުނާނަނަމަ، ދީނާގުޅޭގޮތުން އުފެދޭ ފިތުނައެވެ. އޭގެ ތެރޭގައި ޢަޤީދާއާ ގުޅޭގޮތުން ނުވަތަ ޢަޤީދާ ފާސިދު ވުމުގެ ސަބަބުން އުފެދޭ ފިތުނަ އާއި ޢަމަލުތަކުގައި، މާތް ﷲގެ ޝަރީޢަތުގައި އައިސްފައިވާ ކަންކަމާ ޚިލާފަށް، އަމިއްލައަށް އުފައްދާފައިވާ ބިދުޢަތައް ހިމެނުމުގެ ސަބަބުން އިންސާނާ ޙައްޤުގެ މަގުން އެއްކިބާވެ އެ އިންސާނާ ފިތުނަވެރިވެ ދިއުން ހިމެނެއެވެ. މިއީ ޝަހްވަތުގެ ފިތުނައަށްވުރެ އެތައް ގުނައަކަށް ނުރައްކާތެރިކަން ބޮޑު ފިތުނައެކެވެ. ސަބަބަކީ އޭގެ ސަބަބުން އިންސާނާ ތަޥްޙީދުގެ ސާފު ޠާހިރުކަމުން ބޭރުކޮށްލައި، ޝިރުކާ ކުފުރުގެ ނަޖިސްކަމުގެ ތެރެއަށް އެއްލާލާތީއެވެ. ނުވަތަ ސުންނަތުގެ އަލިކަމުން ނެރެ ބިދުޢަ އާއި ޟަލާލަތުގެ އަނދިރިކަމަށް އިންސާނާ ވައްދާތީއެވެ.

ދެވަނަ ބަޔަކީ شهوة ގެ ފިތުނައެވެ. شهوة ގެ ފިތުނައޭ ބުނެވޭ ބަހުގެ މާނައަކީ؛ އިންސާނާ ފާފަތަކަށް އަރައިގަތުމަށާއި އޭގެތެރެއަށް ހުށަހެޅުމަށް ހިތްވަރުދޭ ނުވަތަ އެކަމަށް ޥާޞިލުކޮށްދޭ، ދުނިޔޭގެ އެދުންތަކާއި ލައްޒަތުތަކެވެ. އޭގެ މުރާދަކީ؛ އިންސާނާއަށް އެކަމަކީ الله تعالى  ޙަރާމް ކުރައްވާފައިވާ ކަމެއްކަން އެނގި ހުރެވެސް، އޭނާގެ އެދުންތަކާއި ޙާޞިލްކުރަން ބޭނުންވާ ދުނިޔެވީ މަންފާތަކަށްޓަކައި، މާތް ﷲގެ އަމުރުފުޅަކަށާއި އަދި އެކަލާނގެ  ނަބިއްޔާގެ ބަސްފުޅަކަށް  ބެލުމެއްނެތި،  އެ ޙަރާމްކަންކަމަށް  އަރައިގަނެ، އެދުންތައް ޙާޞިލް ކުރަމުން ގެންދިއުމެވެ. އަދި ހަމައެހެންމެ، މިކަމަކީ ﷲ، އޭނާގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެއްކަން އެނގިހުރެވެސް، ދުނިޔަވީ ލައްޒަތުތަކުގެ ތެރެއަށް ޣަރަޤުވެހުރެ، އެވާޖިބުތަކަށް ފުރަގަސް ދިނުމެވެ. (އަލް ޢުޘައިމީން – 1992)

ޙަދީޘް ގެ ޖުމްލަ މާނަ 

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ محمَّد ﷺ ޙަދީޘް ކުރެއްވިއެވެ. “އަނދިރި ވިއްސާރަރެއެއްގައި ވިލާތައް މަތިމައްޗަށްއަރައި އަނދިރި ކޮށްލައިގެން ހުންނަ ފަދައިން ފިތުނު ފަސާދަތައް ގިނަވެ، ތިމާމެންނަށް ނުކުޅެދުންތެރިކަން އައުމުގެ ކުރިން ނުވަތަ ތިމާމެންނަށް ވަގުތު ނުލިބި ދަތިވުމުގެ ކުރިން ހެޔޮޢަމަލު ގިނަކުރުމަށް ތިޔަބައި މީހުން އަވަސްވެ ގަންނާށެވެ. އެވަގުތު މީހާއަށް ހެނދުނު އޭނާ ހުންނާނީ މުސްލިމަކަށެވެ. އެކަމަކު އިރު އޮއްސޭއިރު އެނާ ހުންނާނީ ކާފިރެއްގެ ގޮތުގައެވެ. ނުވަތަ އިރު އޮއްސޭއިރު މުސްލިމަކަށް ހުރެފައި  އިރުއަރާއިރު  ހުންނާނި ކާފިރަކަށެވެ.  މި ގޮތުން މީހާދާނީ ދުނިޔެވީ މަދު މިންވަރަކަށްޓަކައި ތިމާގެ ދީން ނީލަން ކިޔަމުންނެވެ.”

ޙަދީޘްގެ އިޖުމާލީ ސަރަޙަ

މި ޙަދީޘަކީ ޤިޔާމަތް ކައިރިވެގެން އަންނަ ހިނދު ފިތުނަތައް ގިނަގުނަ ވެގެންދާނޭ ކަމަށާއި އޭގެ ސަބަބުން މީސްތަކުންނަށް އެބައިމީހުންގެ އީމާންކަމުގައި ދީނުގެ ޙައިޘިއްޔަތެއް ނެތިގެންދާނެކަމާއި ދުނިޔޭގެ އެދުންތަކުގެ ފަހަތުން މީސްތަކުން ދުވަންފަށާނެ ކަމަށާއި އެކަމަށްޓަކައި ދީނާއި އީމާންކަން ނީލަންކިޔާނެ ކަމަށާއި ދުނިޔޭގެ ފަނާވެދަނިވި މާއްދީ ފައިދާއަށްޓަކައި މީސްތަކުން އަވަދިނެތި މަސައްކަތްކުރާނެ ކަމުގެ އިންޒާރުދެއްވައި އެފަދަ ކަންކަމުން ރައްކާތެރިވުމަށް އިރުޝާދު ދެއްވާފައިވާ ޙަދީޘްއެކެވެ. މި ޙަދީޘްގައި ބަޔާންކުރައްވާފައިވާ މީހުން މިއަދު ފެންނަލެއް މަދެއް ނޫނެވެ. މިފަދަ ޙާލަތުގައި ކޮންމެ މީހަކުވެސް ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުން ހުއްޓެވެ.

މި ޙަދީޘްގައި ކީރިތި ރަސޫލާ މިސާލު ޖައްސަވައި ޙަދީޘް ކުރައްވަނީ ފިތުނަ ފަސާދައިގެ ބޮޑުކަމާ ގިނަކަމާހުރެ މީހާއަށް ތިމާގެ ދީނުގެ ބޭނުމަކީ ކޮބައިކަން ނޭނގޭނެ ކަމަށެވެ. އެހެންކަމުން މިތާނގައި އިތުރު އެކަލޭގެފާނު ބަޔާންކުރައްވަން ޤަޞްދުކުރައްވަނީ މީހާގެ ހިތަށާއި ޢަޤީދާއަށް އަންނަ ހަލުއި ބަދަލަކަށެވެ. އަދި ރޭދުވާ ތަކުރާރުވާފަދައިން އިންސާނާގެ އީމާންކަންވެސް އެހާފަސޭހައިން އެހާ ހަލުއި މިނުގައި ކުއްލިކުއްލިއަށް އެނބުރެމުން ދުވާލު ދެކޮޅު އީމާންކަމާއި ކާފިރުކަން ބަދަލުވެގެން ދާނެކަމަށެވެ. މިއީ ކޮންމެ މުސްލިމަކުވެސް ބިރުވެތިވާންޖެހޭނެ ކަމެކެވެ. އެއާމެދު ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. އެހެންކަމުން މިއަދު މި އޮތީ ޙަދީޘްގައި އަންގަވާފައިވާ ދުވަސް ގާތްވެފައިކަމާއި ތިމާގެ މަރުގެ ވަގުތު އެހާގާތްވެފައި އޮތްކަމާމެދު ޔަޤީންކޮށްގެން ހުރެ ހެއު ޢަމަލުކުރުންމަތީ ވީހާވެސް ގިނަ ވަގުތު ހޭދަކުރަން އެބަޖެހެއެވެ.

ޙަދީޘުން ލިބިދޭ ބައެއް ފައިދާ

ފުރަތަމަ ފައިދާ: ފިތުނަތަކުން ދުރުހެލި ކުރުމާއި އެކަމަށް ބިރުގެންނެވުން ހިމެނެއެވެ. އެ ބިރުގެ ސަބަބުން އިންސާނާއަށް ގިނަގުނަ ފައިދާ ތަކަކަށް މަގުފަހި ކުރުވައެވެ. އޭގެ ތެރޭގައި-:

1- ދީނީ ޢަޤީދާ ވަރުގަދަ ކުރުމަށާއި އެންމެހާ ބިދުޢަތަކާއި ޝަރީޢަތާއި ނުގުޅުންތެރި ހުރިހާ ކަމަކުން ދުރުހެލިވެ ހުރުމަށްޓަކައި، ޝަރުޢީ ޢިލްމު އުނގެނުމާއި އެކަމަށް ހިތްވަރު ކުރުމުގެ ބާރު ލިބިގެން ދިއުމާއި؛

2- ﷲ ގެ ޙަޟްރަތަށް ތަޤައްރުބުވެ ފިތުނަތަކުން ސަލާމަތް ކޮށްދެއްވުމަށްއެދި އެކަލާނގެ ޙަޟްރަތަށް ގިނަގިނައިން ދުޢާ ދެންނެވުމަށް މަގުފަހިވެގެން ދިއުން ހިމެނެއެވެ. އެކަލާނގެއަށް ގިނަގިނައިން ދެންނެވުމަކީ ﷲގެ ލޯބި ލިބިގެންދާނެ ކަމެއްކަމަށްވަނީ އަންގަވާފައެވެ. ﴿ أَمَّنْ يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ أَإِلَهٌ مَعَ اللَّهِ قَلِيلًا مَا تَذَكَّرُونَ﴾ ﴿سورة النمل 62﴾ މާނައީ: ނުވަތަ ދަތި އުނދަގޫ حال ޖެހިފައިވާ މީހާ، އެކަލާނގެއަށް دعاء ކުރާހިނދު، އެމީހާގެ دعاء އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ خليفة އިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެ ހެއްޔެވެ؟ اللَّه އާއެކު އެހެން إله އަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ!

3- ފިތުނައަށް މަގުފަހިވެދާނެ އެންމެހާ ކަންކަމުން ދުރުހެލިކޮށްދިނުން.

ދެވަނަ ފައިދާ: ފިތުނަތައް ގިނަވެގެން ދިއުމުގެ ސަބަބުންނާއި، އިންސާނާ މަޝްޣޫލުވުމުގެ ސަބަބުން ހެޔޮ ޢަމަލުތައް ކުރުމަށް ހުރަސް އެޅިގެން ދިއުމުގެ ކުރިން، އެފަދަ ޢަމަލުތައް ކުރުމަށް އަވަސްވެގަތުމަށް ހިތްވަރުދިނުން ހިމެނެއެވެ. އެގޮތުން މި ޙަދީޘްގައި، ފިތުނަތައް ފުނިޖެހުމުގެ ކުރިން ހެޔޮ ޢަމަލުތައް  ކުރުމަށް  އަވަސްވެ ގަތުމަށް ރަސޫލާ ހިތްވަރު ދެއްވުމުގައި ގިނަގުނަ ސަބަބުތަކެއް އެކުލެވިގެން ވެއެވެ.[1] އޭގެ ތެރޭގައި:

 

1- ހެޔޮ ޢަމަލުތަކަކީ ފިތުނައިން ރައްކާތެރިވުމަށް އޮތް ޙިމާޔަތެކެވެ. ސަބަބަކީ ހެޔޮ ޢަމަލުތަކުގެ ސަބަބުން އިންސާނާގެ އީމާންކަން ވަރުގަދަވެ ސާބިތުވެގެން ދެއެވެ. އަދި ހަމަ އެހެންމެ، ހެޔޮ ޢަމަލުތަކާއިގެން ﷲގެ ޙަޟްރަތަށް ކުއްތަންވާމީހާ އެކަލާނގެ މާޔޫސް ނުކުރައްވާނެތީއެވެ. ތަނަވަސްކަމާއި ހިތްހަމަޖެހުމުގެ ވަގުތުގައި އެކަލާނގެ ހަނދުމަކުރާމީހާގެ ދަތި ވަގުތުތަކުގައި އެކަލާނގެ އެމީހާގެ މަތިން ހަނދުމަކުރައްވާނެ ކަމުގައި، އިބްނު ޢައްބާސްގެ އަރިހުން ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.(އަލް ޢުޘައިމީން – 1992)

2- ފިތުނައިގެ ވަގުތުޖެހި، އެކަން ވެރިވުމުން، އިންސާނާ ހެޔޮ ޢަމަލުތައް ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެން ހިނގައިދާނެ ކަމަށްޓަކައާއި، އެކަމުގެ ޘަޥާބާއި ދަރުމަ އުނިވެގެން ހިނގައިދާނެތީއެވެ. ސަބަބަކީ، އެފަދަ ބޮޑެތި ފިތުނަތައް ވެރިވެފައިވާ ޙާލަތުގައި ލޭ އޮހޮރުވުމާއި، މީހުން މެރުމާއި ތަޅާފޮޅުމުގެ ބިރުވެރިކަމާއި، ފޭރުމާއި ވައްކަން ކުރުމާއި ފަސާދަ އާއި ފާޙިޝް ޢަމަލުތައް ކުރުން ޢާއްމު ވެފައި ވުމުގެ ސަބަބުން، އިންސާނާ ހެޔޮ ޢަމަލުތައް ކުރުމުން ދުރުހެލިކޮށް، އެކަންކަމުން ތިމާ އާއި ތިމާގެ އަނބިދަރިންނާއި މުދާ ރައްކާތެރި ކުރުމުގައި މަޝްޣޫލުވެ ވަގުތުތައް ހޭދަކުރަން ޖެހިދާނެތީއެވެ. އަދި އެ ފިތުނަ ތަކުގެ ތެރޭގައި ތިމާ ހައްޔަރުވުމާއި، އަނިޔާ ލިބުންފަދަ ކަންކަން ކުރިމަތިވެ، ހެޔޮ ޢަމަލުތައް ނުކުރެވި ހުންނަން ޖެހިދާނެތީއެވެ. ނުވަތަ އެކަންކަމުގައި ތިމާގެ ބުއްދި އާއި ވިސްނުން މަޝްޣޫލު ކުރުމުގެ ސަބަބުން ހެޔޮ ޢަމަލު ކުރުމުގައި ﷲ އަށް ޚުޝޫޢަތްތެރި ނުވެވުމާއި، އެކަލާނގެއަށް ހިތްނިޔަތް ޚާލިޞް ކުރުމުގައި ނުކުޅެދިދާނެތީއެވެ.

ތިންވަނަ ފައިދާ: އެންމެ ނުރައްކާތެރިކަން ބޮޑު އަދި ނުބައިވެގެންވާ ފިތުނަތައް ހާމަކޮށްދެއްވުން. އޭގެ ތެރޭގައި އިންސާނާ، ހެނދުނު އޭނާއަކީ މުއުމިނެއްގެ ނަން ދީގެން ހުރި މީހެއްގެ ގޮތުގައި ހުރުމަށްފަހު، ހަވީރުވާއިރު އެނާގެ ނަން ކާފިރަކަށް ބަދަލުވެގެން ދިއުން ހިމެނެއެވެ.

 

ހަތަރުވަނަ ފައިދާ:  ފިތުނައިގެ ބޮޑުކަމާއި ބިރުވެރިކަން ހާމަކޮށްދެއްވުން. އެގޮތުން މި ޙަދީޘްގައި ދެ ކަމެއް ކީރިތި ރަސޫލާ ބަޔާން ކުރައްވާފައިވެއެވެ. އެއީ؛

1- އިންސާނާގެ ޢަޤީދާއަށް އެންމެ ދުވަހެއްގެ ތެރޭގައި ބޮޑުވެގެންވާ ނުބައި އިންޤިލާބެއް އަންނާނެކަމަށާއި؛

2- އެ ފިތުނަތަކުގެ އަނދިރިކަން އެންމެ ކަޅު އަނދިރި ރެއެއްގެ ކަނު އަނދިރި ކަމަށްވުރެވެސް އަނދިރިކަން ގަދަވާނެކަމުގެ ބިރުވެރިކަންވަނީ ބަޔާން ކުރައްވާފައެވެ. އަދި އެ އަނދިރިކަމުގެ ތެރޭގައި ހެޔޮ އެއްވެސް އެއްޗެއް ދެނެގަތުމުގެ ބާރެއް އިންސާނާގެ ކިބައިގައި ނެތުމުގެ ސަބަބުން ގެއްލުމާއި ހަލާކުގެ ތެރެއަށް އެ އިންސާނާ ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރުވެރި ޚަބަރުތައްވެސް މި ޙަދީޘްގައިވަނީ ދެއްވާފައެވެ.

ފަސްވަނަ ފައިދާ:  ފިތުނައިގެ ތެރެއަށް އިންސާނާ ވެއްޓިގެންދާ އެންމެ ބޮޑު ސަބަބަކީ؛ ދުނިޔޭގެ އެދުންތަކާއި މާއްދީ މަންފާތަކަށް ހެއްލުމާއި، ދީނުން ބޭރުވުންކަން ބަޔާންކޮށްދެއްވުން. އެގޮތުން އިންސާނާ އޭނާގެ އީމާންކަން ކާފިރުކަމަށް ބަދަލުކޮށްލަނީ، އޭނާގެ ދީން، ދުނިޔެމަތިން ތިމާއަށް ލިބިދާނެ މަންފާއަކާއި މާއްދީ ފައިދާއަކަށް ވިއްކާލައިގެން ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ. ޙަދީޘްގެ މިބައި ޘަރަޙަ ކުރައްވަމުން އަލް ޢައްލާމާ އަލްޢުޘައިމީން ރަހިމަހުﷲ ވިދާޅުވެފައިވަނީ: ދުނިޔެ މަތީން ތިބާއަށް ލިބިދާނެ މަންފާއަކީ ހަމައެކަނި މުދާތަކެއް ނޫނެވެ. އެހެނެއްކަމަކު މުދަލާއި، ޖާހާއި، ޢިއްޒަތާއި، ވެރިކަމާއި އަދި އަންހެނުންނާ މިހުރިހާ އެއްޗިއްސަކީވެސް ދުނިޔެއިން ތިބާއަށް ލިބިދާނެ މަންފާތަކާއި ތަކެއްޗެވެ. އަދި އެ ހުރިހާ ތަކެއްޗަކީވެސް ތިބާއަށް ހުށަހެޅިގެންދާނެ ތަކެއްޗެވެ. (އަލް ޢުޘައިމީން – 1992)

 

ހަވަނަ ފައިދާ: ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެގަތުމަކީ އީމާންކަން ވަރުގަދަވެ، ސާބިތު ވެގެންދާނެ ސަބަބެއް ކަމަށާއި އަދި އެކަންތައްތައް ދޫކޮށްލުމާއި، އެކަމުން ދުރުހެލިވުމާއި އަދި އެކަންކަމަށް ފަސްޖެހުމަކީ ހިތަށް ޝައްކުތަކާއި ވަސްވާސްތައް އަދި ފިތުނައިގެ ނުރައްކާތެރި އަސަރުތައް ތިމާގެ ހިތުން ޖާގަ ހޯދާފާނެ ކަމެއްކަން ހަނދާންކޮށްދީ، ހެޔޮކަންކަމަށް ޝައުޤުވެރިކުރުވުން ހިމެނެއެވެ.

މިޒަމާނުގެ މައްސަލަތައް

ކީރިތި ޤުރްއާނުގައި الله سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ.﴿ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِۚ ﴾ ﴿سورة البقرة ١٩١﴾ މާނައީ: އަދި قتل ކުރުމަށްވުރެ فتنة ވެރިކަމުގެ ނުބައިކަން ބޮޑެވެ. އަދިވެސް ވަޙީކުރައްވާފައި ވެއެވެ. ﴿ وَالْفِتْنَةُ أَكْبَرُ مِنَ الْقَتْلِۗ ﴾ ﴿سورة البقرة – 217﴾ އަދި قتل ކުރުމަށްވުރެ فتنة ވެރިކަމުގެ ނުބައިކަން މާބޮޑެވެ. ކީރިތި ޤުރްއާނުގެ މި ދެ އާޔަތުގެ ތަފްސީރަށް ބެލުމުން ފިތުނަ  އުފެއްދުމާމެދު الله سبحانه وتعالى ގެ ރުއްސެވުން ނެތް މިންވަރާއި، ފިތުނައިގެ ބޮޑުކަމާއި އޭގެ ނުރައްކާތެރިކަން ވަރަށް ސާފުކޮށް އެނގިގެންދެއެވެ. އަދި ﷲ އަށް ޝިރުކުކުރުން އެއީ ފިތުނައިގެ ތެރެއިންވާ ކަމެއްކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވާފައި ވެއެވެ.

މުޖުތަމަޢުގައި ފިތުނަ އުފެދުމަށް ދިމައިވާ އެންމެ ބޮޑު ސަބަބަކީ އިންސާނުންނަކީ މިޒާޖުގެ ގޮތުންނާއި ޢިލްމީ ގޮތުންނާއި އަޚުލާޤީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ތަފާތު ބަޔަކަށް ވީހިނދު، މަޢީޝަތުގެ މައިދާނުގައި އެކަކު އަނެކަކާ ވާދަކުރަން ޖެހުމެވެ. އަދި ކޮންމެ މީހަކުވެސް އަނެކާގެ މަސްލަޙަތަށް ބެލުމެއްނެތި ތިމާއަށް ހެޔޮގޮތް ހޯދާން އުޅުމެވެ. ނަތީޖާއަކަށް ވެފައި އޮންނަނީ އެކަކު އަނެކަކާ ޖެހުމެވެ. އެކެއްގެ ހިތުގައި އަނެކަކަށް ނަފްރަތާއި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފެދުމެވެ. ދުނިޔެވީ އެދުންތަކުގެ ސަބަބުން ގާތްތިމާގެ މީހުންގެ މެދުގައިވެސްދަނީ ދެކޮޅުވެރިކަން އުފެދެމުންނެވެ. މީގެ މިސާލަކީ ސިޔާސީ ގޮތުން ވަކިވަކި ފިކުރުތަކަށް ލޯބި ޖެހުމުގެ ސަބަބުން، ގާތްތިމާގެ މީހުންގެ އަޚުވަންތަ ގުޅުންކެނޑުމުން އުފެދިފައިވާ ފިތުނައެވެ. މި ދެންނެވުނު ސިޔާސީ ފިކުރުގެ ފިތުނައިގެ މިންގަޑު މިއަދު އަޅުގަނޑުމެންގެ ޢާއިލާ ތަކުގައި ހުރި މިންވަރަކީ، ސިޔާސީ ގޮތުން ފިކުރު ތަފާތުނަމަ އެއްއަޚަކު އަނެއްއަޚެއްގެ ޖަނާޒާގައި ބައިވެރިވުންފަދަ މުހިއްމު ކަންކަމަށް އިންކާރު ކުރުމެވެ. މިއީ ވިސްނާ ފިކުރުކުރާ ބަޔަކު ލޮލުން ކަރުނަ އޮހޮރޭވަރުގެ ހިތާމަހުރި ކަމެކެވެ. މިފަދަ ނުބައި ނަތީޖާތައް އިސްލާމީ މުޖުތަމަޢުތަކުން ފެންނަމުން މިދަނީ، މާތްވެގެންވާ އިސްލާމް ދީނުގައި الله سبحانه وتعالى އަންގަވާފައިވާ މަތިވެރި، ޙިކްމަތްތެރި އުޞޫލުތައް އެއްފަރާތްކޮށް، އަމިއްލަ ގޮތްތަކާއި ހަވާ ނަފްސުގެ އެދުންތަކަށް ތަބާވުން ބޮޑުކަމުންނެވެ. الله سبحانه وتعالى ވަޙީ ކުރައްވާފައި ވެއެވެ. ﴿وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ﴾ ﴿ سورة آل عمران ١٣٣﴾ މާނައީ: އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، تقوى ވެރިންނަށެވެ!

ކޮންމެ މީހަކުވެސް ތިމާގެ ޙައްޤުތަކަށް ރައްކާތެރިވާން ބުނާ ބީދައިން އަނެކާގެ މަސްލަޙަަތުވެސް ޙިމާޔަތް ކުރަންޖެހެއެވެ. ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ޢަދުލުވެރިކަމާއި އިންސާފާއެކު ހަމަޖައްސަން ޖެހެއެވެ. ނަމަވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގެ ބަލާލި ކޮންމެ ދިމާއަކުން ފެންނަމުން މިދަނީ ނަފްރަތުގެ ސަބަބުން އުފެދިފައިވާ ފިތުނައިގެ މައްސަލަތަކަށް ޙައްލު ނުހޯދި އިތުރުވާތަނެވެ. އޭގެ ތެރޭގައި، އިންސާނީ ޙައްޤުތަކުގެ ނަމުގައި އިމެއްނެތި މިނިވަންކަން ހޯދުމުގެ ނަމުގައި، ބުއްދިއަށް ފެންނަ ކޮންމެ ދީނަކަށް އުޅެން ގޮވުމާއި އެއްޖިންސުން ކައިވެނިކޮށްގެންނާއި ކައިވެނި ނުކޮށްވެސް ގުޅުންހިންގުން ހުއްދަކުރަން އެދުމާއި ޚިޔާލު ފާޅުކުރުމުގެ ނަމުގައި، މީޑިއާފަދަ ފުޅާ، ތަނަވަސް ވަޞީލަތްތަކުގެ ބޭނުން ހިފައިގެން، އެއްވެސް ޙަޤީޤަތެއް ބެލުމެއްނެތި އަނެކާއާ ދިމާއަށް ބޭނުން ކޮންމެ އެއްޗެއް ބުނުމުގެ މިނިވަންކަން ހޯދުމުގެ މައްސަލަތަކެވެ. ޚިޔާލު ފާޅުކުރުމުގެ ނަމުގައި ޢާއިލާތަކުގެ އަބުރު ކަތިލުމުގެ މައްސަލަތަކެވެ. އެކަކު އަނެކަކަށް ކުރާ އަނިޔާގައި އިންޞާފު ނުލިބުމުގެ ސަބަބުން ޢާއިލާތަކުގެ މެދުގައި ޢަދާޥާތްތެރިކަން އުފެދުމުން ދިމާވާ މައްސަލަތަކެވެ. އަދި މި ނޫންވެސް އެއްގަމާއި ކަނޑުގައި ފަސާދަ އުފެއްދުމާއި ޢާއިލީ ހަމަނުޖެހުމާއި މަސްތުވާ އެއްޗެހި ބޭނުންކުރުމާއި ބަދުއަޚުލާޤީ މައްސަލަތަކުގެ ސަބަބުން އުފެދިފައިވާ ފިތުނައެވެ. މިފަދަ ނަފްރަތާއި ރުޅިވެރިކަމާއި ފިތުނައިގެ އާޚިރު ނަތީޖާއަކަށް ވެގެންދާނީ އަޅުގަނޑުމެންގެ މުޅި ޤައުމު ހަލާކުގެ ތެރެއަށް ވެއްޓުންކަން ކަށަވަރެވެ. އެހެނީ މިޤައުމަކީ، ޤައުމު ބިނާކުރުމުގައި މާ ގިނަ ޥަޞީލަތެއް ނެތި، الله سبحانه وتعالى ގެ މަތިވެރި ރަޙްމަތުން ލިބުނު، އިސްލާމްދީނުގެ މަތިވެރި ނިޢުމަތާއި ކަރާމާތާއި ރައްކާތެރިކަމުގެ ސަބަބުން ހަމަޖެހުންމަތީ މިއަދާހަމައަށް ވާޞިލްވެފައިވާ ޤައުމެކެވެ. ފިތުނައިގެ ސަބަބުން އުފެދޭ ރުޅިވެރިކަން ބޮޑުވެ، ޙައްލެއް ނުހޯދިވަނިކޮށް، މި ޤައުމުގެ އެންމެ ބޭންކެއް ނެތިކޮށްލިއަސް، މުޅިޤައުމު ހަލާކުވެގެންދާނެކަން ކަށަވަރެވެ. އަދި އަމިއްލަ މަޞްލަޙަތު އިސްކޮށް، ވަކި ކަމެއް ޙާޞިލް ނުވެގެން، އެ ރުޅިވެރިކަމާ ނަފްރަތުގައި ބޭރުގެ ދުނިޔޭގައި މި ޤައުމުގެ ގުޅުން ޚަރާބު ކޮށްލައިފިނަމަ ވިސްނުމަށް ގެންނަން ނޭނގޭފަދަ ބޮޑެތި މުޞީބާތް ކުރިމަތިވެގެން ހިނގައިދާނެކަން ޔަޤީނެވެ. ސަބަބަކީ މި ޤައުމުގެ ހުރިހާކަމެއްގެ މަޞްލަޙަތު ގުޅިލާމެހިފައިވަނީ ބޭރުދުނިޔެއާކަމަށް ވާތީއެވެ.

ނަފުރަތާއި ރުޅިވެރިކަމާއި ޙަސަދައިގެ ސަބަބުން، އުފެދުނު ފިތުނައިގައި ދާދި ފަހަކުން މި ޤައުމުގައިވަނީ، އަމިއްލަ ދަލާއި ވަގުތާއި އެތަކެއް ފައިސާއެއް ހޭދަކޮށްގެން ބިނާކޮށް އާރާސްތުކުރި އެތަކެއް ތަކެއްޗެއްގައި ހުޅު ޖެހުމުގެ ބޮޑު ކާރިޘާއެއް ހިންގާފައެވެ. މި ކާރިޘާގައި ޤައުމަށް ލިބުނު ގެއްލުން އެތައް މިލިއަން ރުފިޔާއަކުންވަނީ އަގުކުރެވިފައެވެ. އަދި ފިތުނައިގެ ސަބަބުން ޤައުމަށް މިލިބުނު ގެއްލުން ކަމާބެހޭ ފަރާތްތަކަށް އަދިވެސްވަނީ ފޫނުބެއްދިއެވެ. މިއީ ފިތުނައިގެ ނުރައްކާތެރިކަން ހުރި މިންވަރެވެ. މިފަދަ ކަންތައްތަކަކީ މުޅި ޤައުމުގެ މަޞްލަޙަތު އިސްކުރުމުގެ ބަދަލުގައި އަމިއްލަ މަޞްލަޙަތު ކުރިއަށް ނެރެ، ބައެއްގެ ސިކުނޑިތަކުގައި ފިތުނައިގެ އަލިފާން ރޯކުރުމުގެ ސަބަބުން އުފެދުނު ހުޅުގަނޑު މައިތިރި ނުކުރެވުމުން، އެ ހުޅުގަނޑު ފަޅައިގެން ގޮސް ބޮޑުވެގެން، ހިނގި ކާރިޘާއެއްކަން ޔަޤީނެވެ.

الله سبحانه وتعالى ގެ ތައުފީޤާއެކު އިސްލާމްދީނުގެ މަތީގައި، 900 އަހަރަށްވުރެ ގިނަދުވަސް ވީ މި ޤައުމަށް، ފިތުނައިގެ ސަބަބުން އޮތް އެންމެ ބޮޑު ނުރައްކާތެރިކަމަކީ މި ޤައުމުން އިސްލާމްދީނުގެ މަތިވެރި ނިޢުމަތާއި މިނިވަންކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައިވެސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަމެވެ. އެހެންވެއްޖެނަމަ އަހަރުމެން ވާހުށީ، ތަފްސީރު ކުރެވުނު ޙަދީޘްގައި محمَّد ﷺ ބަޔާންކުރައްވައި އިންޒާރުދެއްވާފައިވާ ފިތުނައިގެ ކަޅު އަނދިރިކަމުގެ ތެރޭގައިކަން ޔަޤީނެެވެ!

އެހެންކަމުން އަޅުގަނޑުމެންނަށް ދެބަސްވެވެން ނެތް މިންވަރަށް އެނގިގެން މި ދިޔައީ ފިތުނައިން ދުރުހެލިވެ ރައްކާތެރިވުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމްކަމެއްކަމުގައެވެ. މުޅިއިންސާނިއްޔާތާއި ވަށައިގެންވާ މާހައުލާއި އަންނަންއޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ހިފައިގެން މެނުވީ މުޖުތަމަޢުގެ މަޞްލަޙަތު ދެމި ނޯންނާނެތީވެ، މުޖުތަމަޢުގެ ޒިންމާދާރު ފަރާތްތަކުންނާއި ވަކިވަކި ފަރުދުންވެސް ފިތުނަ އުފެދޭ އެންމެހާ ކަންކަމުން ދުރުހެލިވާނޭ ގޮތެއްގެމަތީން، ދިރިއުޅުމުގެ ކަންތައްތައް ބައްޓަންކުރުން މުހިއްމު ކަމުގައި ދެކެމެވެ.

http://ar.miraath.net/article/2998 (މަޢުލޫމާތު ނެގީ: 16 އޮކްޓޯބަރ 2016 ގެ ހަވީރު 5:03 ގައި)

މަޢުލޫމާތު ހޯދި ގޮތް

 • ދިވެހިބަހުގެ ފަތްފުށްތައް:
 1. القران الكريم ގެ ދިވެހި ތަރުޖަމާ، (ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޗާޕު1، 2007)
 2. عبد الله فاروق إبراهيم ” ރިޔާޟުއްޞާލިޙީން – ދިވެހިބަހުން ، (ދިވެހިރާއްޖެ، ފުރަތަމަ ޗާޕު 2005)
 3. ހުސައިން ރަޝީދު އަޙްމަދު، ޞަޙީޙް މުސްލިމް – ދިވެހި ތަރުޖަމާ/ ފުރަތަމަބައި (ދިވެހިރާއްޖެ، ފުރަތަމަ ޗާޕް، ޑިސެމްބަރ 2011 )

 

 1. އަލް ޢުޘައިމީން، މުޙައްމަދު ބިން ޞާލިޙް، ތަޙްޤީޤް: ޢަބްދުލް ކަރީމް މަދުކޫރު، ޝަރުޙު ރިޔާޟުއްޞާލިޙީން، ދާރުއްސަލާމް، ޢުނައިޒީ (ސުޢޫދީ ޢަރަބިއްޔާ، 1 ވަނަ ޗާޕް، 1992)

 

 1. އިސްޙާޤު މުޙައްމަދު، މޮޑިއުލް ” الحد يث الشريف 2″  މާއްދާ، “ޙަދީޘް ތަފްސީރު”  (ދިވެހިރާއްޖެ، ވިލާކޮލެޖް، ލެކްޗަރަރ  ނޯޓްސް، 2016) ބެޗްލަރ އޮފް ޝަރީއާ، ބެޗް-10

 

 • އިންޓަރނެޓް ވެބްސައިޓްތައް
 1. submission.org/Abu_Hurayrah.html (މަޢުލޫމާތު ނެގީ 11 އޯގަސްޓް 2016 ގައި)
 2. ar.miraath.net (މަޢުލޫމާތު ނެގީ 16 އޮކްޓޯބަރ 2016 ގައި)
 3. islamweb.net (މަޢުލޫމާތު ނެގީ 11 އޮކްޓޮބަރ 2016 ގައި)
 4. forum.sedty.com (މަޢުލޫމާތު ނެގީ 21 ސެޕްޓެމްބަރ 2016 ގައި)
 5. noorul-islam.net (މަޢުލޫމާތު ނެގީ 10 އޮކްޓޯބަރ 2016 ގައި)
 6. www.dhisalafiyyah.net (މަޢުލޫމާތު ނެގީ 13 އޮކްޓޯބަރ 2016 ގައި)
 7. ar.miraath.net/article/2998 (މަޢުލޫމާތު ނެގީ: 16 އޮކްޓޯބަރ 2016 ގެ ހަވީރު 5:03 ގައި)

ޚިޔާލު ފާޅުކުރަށްވާ