އިސްލާމީ ޢަޤީދާ

ޢަޤީދާ، މިބަސް ނެގިފައިވަނީ اَلْعَقْدُ މިބަހުންނެވެ. އެއީ އެއްޗެއް އައްސައި ގޮށްޖަހައި ބަނދެލުމެވެ. (ޢަރަބިބަހުން މިބަސް ބޭނުން ކުރާނަމަ ބުނާނީ) اِعْتَقَدْتُ كَذَا އެބަހީ: އަހުރެން މިވެނި އެވެނި ކަމެއްގެ މައްޗަށް އަހަރެންގެ ހިތާއި ޒަމީރު ގޮށްޖަހައި ގުޅުވާލައިފީމެވެ. އިންސާނާ ދީނެއްގެ ގޮތުގައި ބަލައި ޢަމަލު ކުރާ އެއްޗަކީ ޢަޤީދާއެވެ.  ޢަޤީދާއަކީ ހިތުގެ ޢަމަލެކެވެ. އެއީ ކަމަކަށް ނުވަތަ އެއްޗަކަށް ހިތުގެ އަޑިން އީމާންވެ ތެދުކުރާ ކުރުމެވެ.

ޝަރުޢީ އިޞްޠިލާޙުގައި ޢަޤީދާ އެއީ ﷲ އާއި އެއިލާހުގެ މަލާއިކަތުންނާއި ފޮތްތަކާއި ރަސޫލުބޭކަލުންނާއި ޤިޔާމަތް ދުވަހަށާއި އަދި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ. މި އެންމެހާ ކަންތައް ތަކަށް އީމާންކަމުގެ ރުކުންތަކޭ ކިޔެއެވެ.

ޝަރީޢަތް ބެހިގެންވަނީ ދެބަޔަށެވެ. އެއީ އިޢްތިޤާދު (ޤަބޫލުކުރަންޖެހޭ) ކަންތައްތަކަކާއި ޢަމަލުން ދައްކަންޖެހޭ ކަންތައްތަކެއްގެ މައްޗަށެވެ.

އިޢްތިޤާދު (ނުވަތަ ޤަބޫލުކުރަންޖެހޭ ކަންތައްތަކޭ) މި ބުނެވެނީ އެޢަމަލެއް ކުރުމަށް ވަކި ގޮތެއް ކަނޑައެޅިފައި ނުވާ ކޮންމެ ޢަމަލަކަށެވެ. މިސާލަކަށް ﷲ ގެ ރުބޫބިއްޔަތުވަންތަކަމަށް އީމާންވުމާއި، އެއިލާހަށް އަޅުކަން ކުރުމަކީ ވާޖިބެއްކަން ހިތުގެ އަޑިން ޤަބޫލުކުރުމާއި އަދިވެސް ކުރިން ބަޔާން ކުރި އެންމެހައި ރުކުންތަކަށް އީމާންވުމެވެ.

ޢަމަލުން ދައްކަން ޖެހޭ ކަންތައްތަކޭ  ބުނެވެނީ އެޢަމަލުތައް ކުރުމަށް ވަކިގޮތެއް ހަމަޖެހި ކަނޑައެޅިފައިވާ ކޮންމެ ޢަމަލަކަށެވެ. އެއީ ނަމާދާއި ޒަކާތާއި ރޯދަ ފަދަ އެންމެހާ އަޅުކަންތަކެވެ. މިއަށް ދީނުގެ ފަރުޢު އޭ ކިޔެއެވެ. އެހެނީ މިހުރިހާ ކަމެއް ބިނާވެގެން ވަނީ ކުރިން ބަޔާން ކުރި އަޞްލުތަކުގެ މައްޗަށެވެ. (ފަރުޢުތައް) ޞައްޙަވުމާއި ނުވުން ބިނާ ވެގެންވަނީވެސް ހަމަ އެއަޞްލުތަކުގެ މައްޗަށެވެ.

ޚާލިޤްވަންތަ ﷲ އެންމެ ފުރަތަމަ ޚަލްޤުކުރެއްވި އިންސާނާ އާދަމް ޢަލައިހިއްސަލާމް ދުނިޔޭގެ ސަތަޙައަށް ފޮނުއްވި ދުވަހު އެކަލޭގެފާނުގެ ބުރަކަށިފުޅުންވަނީ ﷲ އެއްކައުވަންތަ ކުރުމުގެ މި ޢަޤްދު ކަށަވަރު ހިއްޕަވާފައެވެ. ﷲ ވަނީ ރަސޫލުންނާއި ނަބިއްޔުން މެދުވެރި ކުރައްވައި، ޢަޤީދާއާ ޢަމަލުތައް ހަމައެކަނި ﷲ އަށް ޚާލިޞް ކުރުމަށްވެސް އަންގަވާފައެވެ. الله سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ. ﴿ وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ﴾ )سورة الزمر٦٥( މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް وحى ކުރައްވާފައިވެއެވެ. ކަލޭގެފާނު شريك ކުރައްވައިފިނަމަ، ކަލޭގެފާނުގެ عمل ތައް باطل ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.”

އެހެންވީމާ އިސްލާމީ ޢަޤީދާއަކަށްވާން ޖެހޭނީ ﷲ އަށާއި އެކަލާނގެ މަލާއިކަތުންނާއި އެކަލާނގެ ބާވާލެއްވި ފޮތްތަކަށާއި އާޚުރަތް ދުވަހާއި ހެޔޮ މިންވަރާ ނުބައި މިންވަރަށް އީމާންވުމެވެ. ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކުރުމުގައި ތަޥްޙީދާއި ޢަޤީދާއެއީ ވަކިނުކުރެވޭނެ ދެއެއްޗެކެވެ. އެގޮތުން މުސްލިމުންގެ ޢަޤީދާއަކަށް ވާންޖެހޭނީ ތަޥްޙީދުކަމުގައި ޤަބޫލުކުރުން ލާޒިމްވެގެންވެއެވެ.

ތައުޙީދަކީ އިސްލާމްދީނުގެ ބިންގަލެވެ. އިސްލާމް ދީނުގެ އަސާސެވެ. އެހެންކަމުން ތައުޙީދަކީ ހުރިހާ ވައްތަރެއްގެ އަޅުކަން ހަމައެކަނި ﷲ ތަޢާލާއަށް ޚާލިސްކުރުމެވެ. ނުވަތަ ތައުޙީދަކީ އަޅުކަންތަކުގައި ޒާތީ ގޮތުންނާއި ޞިފާތީ ގޮތުންނާއި ފިޢުލީ ގޮތުން الله سبحانه وتعالى އެއްކައުވަންތަ ކުރުމެވެ. الله سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ. ﴿ فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ ﴾ ) سورة محمد ١٩( މާނައީ:- ” ފަހެ، اللَّه މެނުވީ إله އަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ!” މިއާޔަތުން ދަލީލު ދައްކަވަމުން ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި ތަޥްޙީދުގެ ކަލިމަ އަކީ لَا إِلَـٰهَ إِلَّا اللَّـهُ އެވެ. މި ކަލިމައިގެ އިދިކޮޅު ސިފައަކީ، الله سبحانه وتعالى އަށް ޚާއްޞަ ވެފައިވާ ތަޥްޙީދުގެ އެންމެހާ ކަންކަމުގައި އިންކާރުކޮށް އެކަލާނގެއަށް ޝިރުކު ކުރުމެވެ. ވީމާ ޝިރުކަކީ ތަޥްޙީދުގެ އަސާސާ މުޅިން ޚިލާފު ކަމަކަށްވީ ހިނދު، ހުރިހާ ވައްތަރެއްގެ ޝިރުކާއި ބިދުޢައާއި ނުކިޔަމަންތެރިކަމުންނާއި އުރެދުންފަދަ އެންމެހާ ކަމަކުން ތަޥްޙީދު  ޚާލިޞް ވެގެންވެއެވެ.

ޢިލްމުވެރީން ވިދާޅުވެފައިވާ ގޮތުގައި މުޅި ޤުރްއާނުގައިވަނީ ތަޥްޙީދާއި އޭގެ ޙައްޤުތަކާއި ޝިރުކާއި އޭގެޖަޒާގެ ވާހަކައެވެ. އަދި ޝިރުކާއި އޭގެ އަހުލުވެރީންގެ ވާހަކައެވެ. މީގެ ދަލީލަކަށް سورة الفاتحة ފުދެއެވެ. އެހެނީ މި ސޫރަތުގައިވަނީ ތަޥްޙީދުގެ ހުރިހާ ބައެއް ހިމެނިފައެވެ. އަދި سورة الفاتحة ނޫން ނަމަވެސް ކީރިތި ޤުރްއާނުގެ ކޮންމެ ހިސާބަކުން މިސާލެއްގެ ގޮތުން އާޔަތެއް ނެގި ނަމަވެސް ތަޥްޙީދާ ގުޅިގެން ދެއެވެ. سورة الفاتحة ގެ 2 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴾ މާނައީ: “حمد ހުރީ، عالم ތަކުގެ ވެރި، ހަމައެކަނި اللَّه އަށެވެ.” މި އާޔަތުގައި ﷲ އަންގަވާފައި އެވަނީ عالم ތަކުގެ ވެރިފަރާތަކަށް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއް ނުވާކަމުގައެވެ. އެހެންވީމާ މިއީ އެކަލާނގެ ރުބޫބިޔާގެ ތެރެއިން ވާ ޢަމަލުފުޅެކެވެ.

ތަޥްޙީދުގެ ޢިލްމަކީ الله سبحانه وتعالى  ގެ އެއްކައުވަންތަކަން މަޢްރިފާކުރާ ޢިލްމެވެ . الله سبحانه وتعالى އީ އެކަލާނގެއާ އެއްފަދަވެގެންވާ އެއްވެސް ފަރާތެއްނުވާ، ބައިވެރިޔަކު ނުވާ ކަލާނގެކަން ނޭނގެ މީހަކު ނުވަތަ الله سبحانه وتعالى   އަންގަވާފައިވާ ގޮތަށް އެކަލާނގެ އެއްކައުވަންތަކަން ޤަބޫލު ނުކުރާ މީހަކީ ޙަޤީޤީ މުވައްޙިދެއް ނޫނެވެ.

ޢިލްމުވެރިން، ތަޥްޙީދުގެ އިޞްޠިލާޙީ ތަޢުރީފް ދެ ގޮތަކަށް ދެއްވައެވެ. އެއީ ޚާއްޞަ ތަޢުރީފަކާއި ޢާއްމު ތަޢުރީފެކެވެ.

ޢަރަބި ބަހުގައި، ތަޥްޙީދުގެ މާނަ ނެގިފައިވަނީ وحَّد ، يوحِّد މިކަލިމައިންނެވެ. އެބަހީ އެކަނިވުމެވެ. ނުވަތަ އެކުގައި ބައިވެރިޔަކު ނުވުމެވެ. الله سبحانه وتعالى އަށް ނިސްބަތް ކުރަނީނަމަ އެއްކައުވަންތަކަމެވެ. މިކަލިމަގައި ތަޝްދީދު ކުރެވިފައިވަނީ އެކަލިމައިގެ މާނައީ އިތުރުކޮށް ބަސް ވަރުގަދަ ކުރުމަށެވެ. އަދި ޢަރަބި ބަހުގައި  وَاحِدُ  ނުވަތަ  أَحَدُ ނުވަތަ  وَحِيْدُ މި ތިންކަލިމައިގެވެސް މާނައަކީ އެއްވެސް ބައިވެރިޔަކު ނުވުމެވެ. ވީމާ الله  سبحانه وتعالى އެއީ  وَاحِدُ އޭ ބުނެވޭ ބަހުގެ މާނައީ ﷲ އެއީ އެއްކައުވަންތަ އިލާހެވެ. އެކަލާނގެއީ އެއްވެސް ބައިވެރިޔަކުނުވާ، އެއްފަދަވެގެންވާ އެއްވެސް ފަރާތެއް ނުވާ އިލާހެވެ.

التوحيد ގެ އިޞްޠިލާޙީ ތަޢުރީފަކީ އަޅުކަން ކުރުމުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ. އެއީ ﷲ އަށް އަޅުކަން ޚާލިޞްކޮށް، ޝިރުކުން  އެއްކިބާވެ ދުރުވުމާއެކު  ލޯތްބާއި  ބިރުވެތިކަމާއެ  ﷲ އަށް އަޅުކަންކުރުމެވެ.

التوحيد ގެ ޢާއްމު ތަޢުރީފަކީ ﷲ އަށް ޚާއްޞަވެގެންވާ ކަންތައް ދެނަގުތުމާއި ހިތުގެ އަޑިން ޤަބޫލުކުރުމާއި އެކަންތައްތަކަށް ޢަމަލުކުރުމުގައި، އެކަލާނގެ އެއްކައުވަންތަ ކުރުމެވެ. އެއީ އެކަލާނގެ އިސްމުފުޅުތަކާއި ސިިފަފުޅުތަކާއި، ޢަމަޅުފުޅުތަކާއި، އެކަލާނގެއަށް އަޅުކަން ކުރުމެވެ.

ޤުރްއާނާއި ސުންނަތުގެ ދަލީލުތަކަށް ރިޢާޔަތް ކުރައްވައި، ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި توحيد (الله سبحانه وتعالى އެއްކައުވަންތަ ކުރުން) ބެހިގެންވަނީ 3 ބަޔަކަށެވެ. އެއީ توحيد الربوبية އަށް އީމާންވުމާއި توحيد الألوهية އަށް އީމާންވުމާއި توحيد الأسماء والصفات އަށް އީމާންވުމެވެ. ނަމަވެސް ތަޥްޙީދު މި ލަފްޒު ވަކީން ގެންނައިރު ތަޥްޙީދަކީ توحيد الألوهية އެވެ. ފޮތްތައް ބާވައިލައްވައި ނަބިއްޔުންނާއި ރަސޫލުން ފޮނުއްވުނީ މި ތަޥްޙީދު ޤާއިމް ކުރުމަށްޓަކައެވެ.

ޝަރުޢީ އިޞްޠިލާޙުގައި ތަޥްޙީދު ތިން ބަޔަށް ބެހިފައިވީ ނަމަވެސް މި 3 ބަޔަކީ އެއްބަޔާ އަނެއްބައި ގުޅި ލާމެހިވެފައިވާ ތިންބައެވެ. ވަކި ނުކުރެވޭނެ ތިންބައެވެ. އެހެނީ މީހަކު ހައްދަވައި ގެންގުޅުއްވައި، ނިޢުމަތްތައް ދެއްވާ ފަރާތެއް ވާކަން ޤަބޫލު ކުރާނަމަ، އެ ފަރާތަކީ އަޅުކަން ހަމައެކަނި ޙައްޤުވާ ފަރާތް ކަމަށްވުން ލާޒިމްވެއެވެ. އަދި އެ ފަރާތަށް ރިވެތި ސިފަފުޅުތަކާއި އިސްމުފުޅުތައްވެސް ލިބިގެންވާނެކަންވެސް ޤަބޫލުކުރަންޖެހެއެވެ. އެހެންކަމުން ތަޥްޙީދުގެ އެއްބަޔަށް އީމާންނުވެފައި އަނެއްބަޔަށް އީންމާންވުމަކީ ތަޥްޙީދަށް އީމާންވުން ކަމުގައި ނުބެލެވޭނެއެވެ.

 1. توحيد الربوبية އަކީ (ރައްބު ވަންތަ ކަމުގައި އެއްކައުވަންތަ ކުރުން) الله سبحانه وتعالى އަށް ޚާއްޞަވެފައިވާ އެކަލާނގެ ޢަމަލު ފުޅުތަކުގެ ތެރޭގައި ހިމެނޭ ނެތުމުގެ ތެރެއިން ޚަލްޤު ކުރެއްވުމާއި ދިރުއްވައި މަރުގެންނެވުމާއި ރިޒުޤު ދެއްވުމާއި އެންމެހާ ބާރުތަކެއް ލިބިވޮޑިގެންވާ ކަންކަން ތަދުބީރު ކުރައްވަނީ އެ ކަލާނގެ ކަން ހިތުގެ އަޑިން އެއްވެސް ޝައްކުކަމެއްނެތި ޤަބޫލުކޮށް އީމާންވެ، އެކަލާނގެ އެއްކައުވަންތަ ކުރުމެވެ. އެފަދަ އެއްވެސް ކަމެއްގައި الله سبحانه وتعالى އާ އެހެން އެއްވެސް ފަރާތަކާ ބައިވެރި ނުކުރުމެވެ.
 2. توحيد الألوهية އަކީ އެންމެހާ އަޅުކަމެއްގައި الله سبحانه وتعالى އެއްކައުވަންތަ ކުރުމާއެކު ހުރިހާ އަޅުކަމެއް الله سبحانه وتعالى އަށް ޚާލިޞް ކުރުމެވެ. الله سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ. ﴿ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴾ (سورة الذاريات ٥٦) މާނައީ:- “ތިމަން ރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.” އަޅުކަން ކުރުންކަމަށްބެލެވޭ ކަންކަމަކީ އެ ކަމެއް ކުރުމަށް الله سبحانه وتعالى އަމުރު ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިސާލަކަށް ނަމާދުކުރުމާއި ރޯދަ ހިފުމާއި ޙައްޖުވުމާއި ޤުރްބާންކުރުމާއި ކަންކަމަށްއެދި، ހަމައެކަނި الله سبحانه وتعالى އަށް ދުޢާ ދެންނެވުމާއި ހެޔޮކަންކަމަށް އަމުރުކުރުންފަދަ ކަންކަމެވެ.
 3. 3. توحيد الأسماء والصفات އަކި ކީރިތި ޤުރްއާނާ ރަސޫލާގެ ސުންނަތުން ސަބިތުވާ الله سبحانه وتعالى ގެ ސިފަފުޅުތަކާއި އިސްމުފުޅުތައް އެއްވެސް އެއްޗަކާ ވައްތަރު، ބަޔާންކުރުމަކާނުލައި އެކަލާނގެ ޒާތުފުޅު އެއްކައުވަންތަ ކުރުމުގައި ސާބިތުކުރުމެވެ. މިކަމުގެ ދަލީލަކީ ކީރިތި ޤުރްއާނުގެ މި އާޔަތެވެ. ﴿لَيْسَ كَمِثْلِهِ شَيْءٌ﴾ (سورة الشورى١١) މާނައީ:- ” އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ.” الله سبحانه وتعالى ގެ ސިފަފުޅުތަކާއި އިސްމުފުޅުތަކުގައި ޝަރީކުކުރެވޭ ގޮތަކީ އެ ކަލާނގެއަށް ޚާއްޞަވާ ސިފަފުޅުތަކާއި އިސްމުފުޅުތަކުން އެހެން ފަރާތެއް ސިފަކުރުމެވެ. ނުވަތަ އޭގެން ބަޔަކަށް އީމާންވެފައި އަނެއްބަޔަށް އިންކާރުކުރުމެވެ. ނުވަތަ ސީދާ އެކަލާނގެއަށް ލިބި ވޮޑިގެންވާ ސިފަފުޅުތަކަށް އިންކާރު ކުރުމެވެ.

 

توحيد الربوبية ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ޢަމަލުފުޅުތައް

توحيد الربوبية ގައި ހިމެނޭ الربوبية މި ލަފްޒުގެ މާނަދެނެގަތުމަށްޓަކައި الرب މި ކަލިމައިގެ މާނަ އެނގެންޖެހެއެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ ތަންތަނުގައި ﷲއަށް ނިސްބަތްކޮށް الرب މިލަފުޒުވެއެވެ. ނަމަވެސް އެހެން ކަންކަމާ ގުޅުވާލައިގެން އަންނައިރު الرب މި ކަލިމަ އެހެން ފަރާތްތަކަށްވެސް ބޭނުންކުރެވެއެވެ. الرب މި ކަލިމަ ވަކިން ބޭނުންކުރުމުގައި، الله سبحانه وتعالى ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ނިސްބަތް ނުކުރެވޭނެއެވެ.  الربوبية މި ކަލިމަ އައިސްފައިވަނީ الرب މިލަފުޒުންނެވެ. އިޞްޠިލާޙީ މާނައިގައި الرب އަކީ އަޅުތަކުން ހައްދަވާ ބޮޑުކުރައްވާ،ގެންގުޅުންވާ، އޯގާވަންތަ، އެންމެހާ ނިޢުމަތްތައް ދެއްވާ އިލާހުއެވެ.

އެހެންކަމުން توحيد الربوبية އަކީ الله سبحانه وتعالى އަށް ޚާއްޞަވެފައިވާ އެކަލާނގެ ޢަމަލު ފުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ. އެއީ އެކަލާނގެ ކުރައްވާ އެންމެހައި ކަންތައްތަކުގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ބައިވެރިނުވާކަން ޤަބޫލުކުރުމެވެ. މިސާލަކަށް ޚަލްޤު (ޚަލްޤުކުރުމުގެ  މާނައިގާ  އެއީ  އުފެންދުންކަމުގައި  ބަލައި،  އިންސާނުން  އެބައި  މީހުންގެ  ޢަމަލުތަކުން  އުފައްދާތަކެތިވެސް  އެއީ ޚަލްޤްކުރުންކަމުގައި ނުބުނެވޭނެއެވެ. އެހެނީ ޙަޤީޤަތުގައި ޚަލްޤްކުރެއްވުމަކީ ނެތުމުގެ ތެރެއިން އެއްޗެއް ވުޖޫދުކުރުމެވެ. މިއީ ހަމައެކަނި الله  سبحانه وتعالى ގެ ޢަމަލުފުޅުތަކުގެ ތެރެއިން ވާކަމެކެވެ.)

ކުރެއްވުމާއި މަރުގެންނެވުމާއި ރިޒުޤު ދެއްވުމާއި ދިރުއްވުން ފަދަ އެ ކަލާނގެއަށް ޚާއްޞަވެފައިވާ ޢަމަލުފުޅުތަކުގައި އެ ކަލާނގެ އެއްކައުވަންތަ ކުރުމެވެ.  އެންމެހާ މަޚުލޫޤުންނަށް، الله سبحانه وتعالى ރިޒްޤު ދެއްވުން، ހިމެނޭނީ توحيد الربوبية ގެ ތެރެއިންނަމަވެސް އެ ރިޒްޤް ދެއްވުމަށް އެދި ކުރެވޭ އަޅުކަން ނުވަތަ ހަމައެކަނި الله سبحانه وتعالى އަށް ޚާއްޞަކޮށްގެން ކުރާދުޢާ ހިމެނޭނީ توحيد الألوهية ގެ ތެރެއިންނެވެ. ތަޥްޙީދުގެ 3 ބައިގެ ތެރޭގައި ހިމެނޭ، الله سبحانه وتعالى އެއްކައުވަންތަވެ ވޮޑިންގެންވާ އެއްވެސް ކަމެއްގައި ކިތަންމެ ކުޑަމިންވަރަކަށް ނަމަވެސް الله سبحانه وتعالى އާ އެހެން ފަރާތެއް ބައިވެރިކޮށްފިނަމަ އެ ކަމެއްވާނީ ޝިރުކުގެ ތެރެއިންނެވެ. ރަސޫލާ صلى الله عليه وسلم ރަސޫލާކަމާއިގެން ފޮނުއްވެވުނު މުޖްތަމަޢުގައި އުޅުނު މުޝްރިކުން އެހެންފަރާތްތަކަށް އަޅުކަން ކުރިނަމަވެސް توحيد الربوبية މި ބަޔަށް ޖުމްލަ ގޮތެއްގައި އެއްބަސްވެފައިވެއެވެ.

ކީރިތި قرآنގައި الله سبحانه وتعالى وحي ކުރައްވާފައިވެއެވެ. ﴿ وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ خَلَقَهُنَّ ٱلۡعَزِيزُ ٱلۡعَلِيمُ ﴾  (سورة الزخرف 9) މާނައީ:- ” ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. އެތަކެތި ހެއްދެވީ، عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” ޤުރްއާނުގެ މި އާޔަތަށް ބަލާއިރު އުޑުތަކާއި ބިން ހެއްދެވީ الله سبحانه وتعالى ކަން އެމީހުން ގަބޫލުކުރާކަން އެގެއެވެ. ނަމަވެސް މައްކާގެ މުޝްރިކުން އިންކާރު ކޮށްފައިވަނީ توحيد الألوهية ގައި ހިމެނޭ لا إله إلا الله މި ކަލިމައިގެ މަފްޙޫމްގައި ހިމެނޭ ވާޖިބު ކަންތައްތަކަށެވެ.

އަދި މިޒަމާނުގައިވެސް އިސްލާމުންގެ ތެރޭގައިވެސް توحيد الربوبية ޤަބޫލުކޮށް توحيد الألوهية އަށް އީމާން ނުވެވޭތަން އަންނަނީ ފެންނަމުންނެވެ. އޭގެ މިސާލަކީ މީސްތަކުންނަށް ހުރިހާ ނިޢުމަތެއް ދެއްވަނީ ހަމައެކަނި الله سبحانه وتعالى ކަން ޤަބުލުކުރާ ޙާލުގައިމެ، އެހެން މީހުންލައްވާ ފައިސާދީގެން ﷲ ގެ ނިޢުމަތަށް ނުވަތަ ޝިފާއަށް އެދި ދުޢާކުރުން ފަދަ އަޅުކަން ކުރަމުންދެއެވެ.  މިފަދަ ކަންކަމަކީ ﷲ ތަޢާލާގެ އުލޫޙިއްޔާގައި ކުރެވޭ ޝިރުކެވެ. ވީމާ الله سبحانه وتعالى ގެ ربوبية އަށް އީމާންވުމަކީ ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ ތަކެއްޗެއް ހައްދަވައި ބޮޑުކުރައްވައި ގެންގުޅުއްވާ ރަސްކަލާނގެ ކަމަށާއި ހުރިހާ ވެރިކަމެއްގެ ވެރިރަސްކަލާނގެ ކަމަށާއި  ހުރިހާ ކަމެއް ރާއްވަވާ ތަދުބީރުކުރައްވާ ރަސްކަލާނގެކަމަށް  ހިތުގައި އެއްވެސް ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ. އެހެނީ ހޫދު ސޫރަތުގެ 06 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ﴿ وَمَا مِن دَآبَّةٍ فِي الأَرْضِ إِلاَّ عَلَى اللّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِي كِتَابٍ مُّبِينٍ﴾ މާނައީ: ” ބިމުގައި އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް اللَّه، رزق ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައިއުޅޭ ތަނާއި، މަރުވެގެން ވަޅުލާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ.

 

 

 1. ސީދާވެގެންވާ ތެދުމަގު ބަޔާން ކޮށްދެއްވުންވަނީ، اللَّه އަށެވެ.

الله سبحانه وتعالى ގެ މި ޢަމަލު ފުޅަށް އީމާން ވުމަކީ ދެ ދުނިޔޭގެ ފަލާޙާ ކާމިޔާބު ލިބުންވަނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންކަން އިންސާނާގެ ހިތާ ޢަމަލުތަކުން ކަށަވަރުކޮށް، ތެދުމަގުގައި ސާބިތުކަން ދެއްވުމަށް އެދި ހަމައެކަނި ﷲ އަށް ދުޢާ ދެންނެވުމުވެ. އެހެނީ ހަމައެކަނި ﷲއަށް ދުޢާ ކުރާމީހާ އީމާންވެ އެ އިޤްރާރުވަނީ الله އީ މި ކާއިނާތުގެ ހުރިހާ އެއްޗެއް ހައްދަވައި ހުރިހާކަމެއް ތަދުބީރުކުރައްވާ އެންމެހާ ދުޢާތައް އިޖާބަކުރައްވާ ފަރާތަކީ ހަމައެކަނި ﷲ ކަމެވެ. ﷲ ގެ އެއްކައުވަންތަކަން ޤަބޫލުނުކޮށް، ތިބޭޙާލުގައި ނުވަތަ ކިތަންމެ ކުޑަ މިންވަރަކަށްނަމަވެސް ﷲއާ އެހެން އެއްޗަކާ ބައިވެރިކޮށްގެން، ސީދާވެގެންވާ ތެދުމަގު ދެއްކެވުމަށް، ﷲ އަށް ދަންނަވާ ބަޔަކަށް لَا إِلَـٰهَ إِلَّا اللَّـهُ މި ކަލިމައަކަށް އިޤުރާރެއް ނުވެވޭނެއެވެ.

ޢަމަލީ ގޮތުން މި ކަމަށް އީމާން ވުމަކީ ﷲ އިރާދަކުރެއްވި އަޅަކަށްމެނުވީ ސީދާވެގެންވާ ތެދުމަގު ނުލިބޭނެކަން ޤަބުލުކުރާ ޙާލުގައިމެ ތެދުމަގު ދެއްކެވުމަށް ހަމައެކަނި ﷲ އަށް ދުޢާކުރުމެވެ. ﷲ އިރާދަކުރައްވައިފި އަޅަކަށް މެނުވީ ސީދާވެގެންވާ ތެދުމަގު ނުލިބޭނެ ކަމުގެ ދަލީލަކީ سورة المسد ގައިވާ ﷲގެ ބަސްފުޅެވެ.” تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴿١﴾ أَبولهب ގެ ދެއަތް ގެއްލި ( ބާރުކެނޑި ) ހަލާކުވެދާށިއެވެ! (އެބަހީ: أبولهب އަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ. مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾ އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ.  سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴿٣﴾ ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ. وَامْرَأَتُهُ حَمَّالَةَ الْحَطَبِ ﴿٤﴾ އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ. فِي جِيدِهَا حَبْلٌ مِّن مَّسَدٍ ﴿٥﴾ ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ.” މި އާޔަތްތަކުގައި ﷲ އެވަނީ އަބޫލަހަބަށް ސީދާވެގެންވާ ތެދުމަގު ނުދައްކަވާނެކަމަށް ވަޢުވެ ވަޑައިގެންފައެވެ. އެހެނީ މި އާޔަތްތައް ބާވައިލެއްވިތާ އެތައްދުވަހެއް ވާންދެން އަބޫ ލަހަބު ދުނިޔޭގައި ހުރެމެ ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާނެއް ނުވެއެވެ.

 

 

 1. ތިޔަބައިމީހުންނަށްޓަކައި، އުޑުން ވާރޭފެން ބާވައިލެއްވީ، އެކަލާނގެއެވެ.

الله سبحانه وتعالى ގެ މި ޢަމަލުފުޅަށް އީމާންވުމަކީ ﷲ ދެއްވާފައިވާ ހިޔަ ނުކުރެވޭހައި ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން ފެނުގެ ނުޢުމަތްދެއްވަނީ ހަމައެކަނި ﷲ ކަން ބަހާ ޢަމަލުން ޤަބޫލުކުރުމެވެ. ޢަމަލުން އީމާންވުމަކީ އެ ނިޢުމަތަށް ކުފުރު ނުވެ ޝުކުރުވެރި ކަމާއެކު ދެއްވި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ހެޔޮގޮތުގައި އެ ނިޢުމަތުގެ ބޭނުން ހިފުމަކީ އެ ނިޢުމަތުން އިސްރާފު ނުކުރުމެވެ. އެހެނީ އިސްރާފުކުރުން ﷲ ވަނީ ޙަރާމް ކުރައްވާފައެވެ. އަދި އެ ނިޢުމަތަށް ބަހާއި ޢަމަލުން ޝުކުރުވެރި ވުމެވެ. ފެނަކީ މީރުއެއްޗެއްގެ ގޮތުގައި އެ ކަލާނގެ މަޚުލޫޤުންނަށް ދެއްވާފައިވާ ނިޢުމަތެކެވެ. ﷲ ދެއްވި ފެނުގެ ނިޢުމަތުގެ މަތިވެރިކަން އެނގެނީ ފެނާ ނުލާ ދުނިޔޭގައިވާ އެއްވެސް އެއްޗެއް ދިރިހުރުން އުނދަގޫ ވާނެތީއެވެ. މިހެންވުމުން ﷲ އުޑުން އެފެން ބާވާލެއްވުމުން އެ ފެނުގެ ޒަރީޢާއިން އިންސާނުންނަށް ރިޒްޤު ލިބި ޝިފާ ލިބިގެންދެއެވެ. އެހެންވީމާ ފެނުގެ ނިޢުމަތްދެއްވަނީ ހަމައެކަނި ﷲ ކަން ޤަބޫލްކޮށް، ޝުކުރުވެރިވެ، ފެނުގެ ނިއުމަތްދެއްވަނީ ﷲކަމަށް އީމާންވުމަކީ، ﷲ ގެ އެ ނިޢުމަތް ކިތަންމެ ތަނަވަސް ވެފައިވީ ނަމަވެސް އެއްވެސް ބޭނުމެއްގައި އެ ނިޢުމަތުން އިސްރާފުނުކޮށް މެދު މިންގަނޑެއްގައި ހިފަހައްޓައިގެން ބޭނުންކުރުމެވެ. ބުއްދީގެ ގޮތުން މީގެ ދަލީލަކީ، މިއަދު ސައިންސްގެ އަލީގައި ޑޮކްޓަރުން ބުނަމުން އަންނަނީ އާދައިގެ އިންސާނަކަށް ދުވާލަކު މަދުވެގެން 8 ތަށިފެނުން ފުއްދިދާނެ ކަމަށެވެ. މިޒަމާނުގައި އެކިއެކި ތިއަރީތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ފެން އުފެއްދި ނަމަވެސް، މުސްލިމުން އީމާންވާންޖެހޭނެ ހަޤީޤަތަކީ އެ އުފެއްދޭ ފެންވެސް އަސްލުގައި މިލްކުވެ ވޮޑިގެންވަނީ ﷲއަށްކަމެވެ. އެހެނީ އިންސާނުންނަށް ތަކެތި އުފެއްދެނީ އެ އެއްޗެއްގެ އަސްލު ނެތުމުގެ ތެރެއިން ﷲ ޚަލްޤު ކުރެއްވުމުންނެވެ.

 1. އެކަލާނގެ އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ.

އެއްވެސް ރޯކަމެއް ނެތް ހަނަފަސް ބިންތަކަށް ފެންދެއްވަވައި އެ ބިންތަކަށް އާރޯކަމާ ތާޒާކަން ގެންނަވާ އެ ބިންތަކުން ގަސްފަޅުއްވާ އެގަސްގަހުގައި މޭވާ އަޅުއްވާތަން ދެއްކެވުމަކީ، މަރު ގަންނަވާ އިންސާނުން އަލުން ދިރުއްވުމުގެ ކުޅަދުންވަންތަކަންވަނީ ހަމައެކަނި الله سبحانه وتعالى ގެ ޙަޟުރަތުންކަން ހިތުންނާއި ޢަމަލުން ޤަބޫލު ކުރަންޖެހޭ ދަލީލެކެވެ.

ﷲ އަހަރުމެންނަށް ދެއްވި ގަހުގެ ނިޢުމަތުން މޭވާ ލިބެއެވެ. ހިޔާލިބެއެވެ. ގަހުގެ ސަބަބުން ބިންގަނޑު ހިފަހައްޓަވައެވެ. ﷲ ގެ މި ޢަމަލުފުޅަށް އީމާންވެވޭނީ، އެ ކަލާނގެ ފެނުގެ ޒަރީޢާއިން އިންސާނުންނަށް ކާބޯތަކެތީގެ ނިޢުމަތް ދެއްވަނީ ސިއްޙަތު ސަލާމަތުން ތިބުމަށާއި ހަށިގަނޑުގެ ބާރު ފުރިހަމަވެ ބަލިމަޑުކަމުން ސަލާމަތްވުމަށް އެދި ހިތާއި ޢަމަލުން ހަމައެކަނި ﷲ އަށް އަޅުކަން ކޮށްގެނެވެ. އަދި ހަމައެހެންމެ އެންމެހާ عَالَم ތަކެއް ޚަލްޤު ކުރެއްވީ ﷲ ތަޢާލާއެވެ. މީސްތަކުން ދިރިއުޅުމަށް ބޭނުންވާ ކެއުންބުއިމާއި ހެޔޮ ޞިއްޙަތާ އަދިި ރިޒްޤުދެއްވާ ހުރިހާ ކަމެއްވެސް ފަހިކޮށްދެއްވަނީ الله سبحانه وتعالى ކަން ޤަބޫލުކުރާ ބަޔަކަށްް ވާޖިބުވެގެންވާނީ އެހެން ފަރާތްތަކަށް އަޅުކަންނުކޮށް ހަމައެކަނި އެއިލާހަށް އަޅުކަން ކުރުމެވެ.

 1. އަދި އެކަލާނގެ ރެއާއި، ދުވާލާއި، އިރާއި، ހަނދު، ތިޔަބައިމީހުންނަށްޓަކައި خدمة ތެރި ކުރެއްވިއެވެ. އަދި ތަރިތައްވެސް ވަނީ އެކަލާނގެ أمر ފުޅުން خدمة ތެރި ކުރައްވާފައެވެ.

 

ދުނިޔޭގެ ބިމުގައި ޚަލީފާކަމުގައި ލެއްވި އިންސާނުންނަށް ﷲ ވަނީ ގުނާ ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތައް ލައްވާފައެވެ. އެ ނިޢުމަތްތަކާމެދު ވިސްނާ ފިކުރު ހިންގާ ބަޔަކަށް ޢިބުރަތަކަށްވެއެވެ.

އިންސާނުންގެ ޚިދުމަތުގައި ތަރިތައް ނުލެއްވިނަމަ ދަތުރުފަތުރު ކުރުމުގެ ނިޒާމު އެނގުނީސްބާއެވެ. އިރުގެ އަލިން ހޫނުވާއިރު މި ދުނިޔޭގެ ހުރިހާ ދިރުމެއްވަނީ އިރުގެ އަލިންކަން ދަންނަނީ ކިތައް މީހުންބާއެވެ. ރޭގަނޑާ ދުވާލު ޚިދުމަތް ނުކުރެއްވިނަމަ އިންސާނުންގެ ދުނިޔެވީ ބޭނުންތަކުގައި އަހަރުތަކާއި މަސްތަކާ ދުވަސްތައް ގުނާ ޢަދަދު ކުރަނީ ކޮންފަދައަކުން ބާއެވެ. ﷲ ގެ މި ނިޢުމަތަށް އީމާންވުމަކީ ރެއާދުވާލު އަބަދާ އަބަދު އިންސާނާގެ ވަށައިގެން ލިބެމުން މިދާ ނިޢުމަތްތަކަކީ ﷲ ގެ ރުބޫބިއްޔަގެ ތެރެއިން ތަދުބީރުކުރައްވާ ކަންތައްތައްކަން ހިތުގެ އަޑިން ގަބޫލުކޮށް، އިންސާނާގެ ޢަމަލުތަކުން އެކަން ސާބިތު ކޮށްދިނުމެވެ.

 1. އަދި އެ ތަކެތީގެ ކުލަތައް ތަފާތު ގޮތުގައި، ތިޔަބައިމީހުންނަށްޓަކައި ބިމުގައި އެކަލާނގެ އުފައްދަވާފައިވާ ތަކެތިވެސްމެއެވެ.

ﷲ ގެ ކުޅަންދުންވަންތަ ހެކިތަކުގެ ތެރެއިން އަހަރުމެންގެ ވަށައިގެން މިވާ ތިމާވެށީގައި އެކި ކުލަ ކުލައިގެ ތަކެތި ލައްވާފައިވުމީ ޝައްކެއް ނެތް ގޮތުގައި، ފާޅުވެގެންވާ ގޮތުގައާއި ވަންހަނާވެގެންވާ ގޮތުގައި އިންސާނުންގެ ލޯތަކާއި ސިކުނޑިތަކަށް ދެއްވާފައިވާ ހިތް ހަމަޖެހުމުގެ ބޮޑު ނިޢުމަތެކެވެ. ﷲ އިންސާނުންނަށްޓަކައި މި ދުނިޔޭގައި އެކި ކުލަކުލައިގައި ތަކެތި ލައްވާފައިވަނީ އެ ކުލަތަކުން ހިތްހަމަޖެހުމާ ރީތި މަންޒަރު އެ ކުލަތަކުން ލިބޭތީކަން ޤަބޫލުކުރަން ޖެހެއެވެ. އަހަރުމެން އީމާންވާންޖެހޭ ޙަޤީޤަތަކީ ﷲ ގެ ކުޅަދުންވަންތަ ކަމުން މި ދުނިޔޭގައި އެކަތި އަނެކައްޗާ ގުޅި ލާމެހިވެފައިވާ ގޮތަށް ލައްވާފައި ވީހިނދުވެސް ތަފާތުކުލަތަކުން އެތަކެތި ވަކިކުރެއްވުމުގެ ކުޅަދާނަކަން ލިބިފައިވާ ފަރާތަކީ ހަމައެކަނި الله سبحانه وتعالى ކަން ޤަބޫލުކޮށް ޝުކުރުވެރިވުމެވެ.

 1. އަދި ތިޔަބައިމީހުންނަށްޓަކައި، ކަނޑު خدمة ތެރިކުރެއްވީ އެކަލާނގެއެވެ.

ﷲގެ ކުޅަދުންވަންތަ ކަމުން އަހަރުމެންގެ ވަށައިގެން މިވާ ކަނޑުތަކާއި ކޯރުތައް ކިޔަމަންތެރި ނުކުރެއްވިނަމަ، މިއަދު އިންސާނުން އެއްބައްރުން އަނެއްބައްރަށް ދަތުރުކޮށް، ހޯދަމުންދާ ގިނަގުނަ ނިޢުމަތްތައް ނުހޯދުނީސްކަން ކަށަވަރެވެ. ޝުކުރުވެރިކަމާއެކު ﷲއަށް އީމާންވުމަކީ، ކަނޑުތައް ދައުރުވުންވަނީ ހަމައެކަނި ﷲ ގެ ހަޟުރަތުން ބާރުލިބިގެން އެ އިލާހު ތަދުބީރު ކުރެއްވި ގޮތެއްގެ މަތިންކަން ޤަބޫލުކުރުމެވެ. އަދި ކަނޑުތަކާއި މިދުނިޔޭގައި ލައްވާފައިވާ އެހެންވެސް ނިޢުމަތެއް ހުއްޓުވުމުގެ ބާރެއް އެހެން އެއްވެސް ފަރާތަކަށް ނުވާކަމަށް ޤަބުލުކުރުމެވެ.

މުޅިކާއިނާތުގައިވާ ހުރިހާ ކަމެއް ތަދުބީރުކުރައްވައި ( ﷲ ގެ އިރާދަފުޅުގައިވާ ވަގުތު ޖެހެންދެން ) ހިންގެވުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ﷲ ކަން ހިތުގެ އަޑިން ޝައްކެއްނެތި ޤަބޫލުކުރަން ޖެހެއެވެ.  މުޅި އިންސާނިއްޔުގެ ރައްކާތެރި ކަމަށްޓަކައި ކަނޑު ކިޔަމަން ކުރައްވާ އިލާހަކީ ހަމައެކަނި ޢަޒީޒްވަންތަ ﷲ ކަމަށް އީމާންވެވޭނީ، އެހެން އެއްވެސް ފަރާތަކަށް ކަނޑުން އެ ރައްކާތެރިކަން، އެ އިލާހާ ދެކޮޅަށް ލިބިދިނުމުގެ ބާރު ނެތް ކަމަށް ދެކި ހިތުގެ އަޑިން އެކަން ޤަބޫލު ކުރުމެވެ. މީގެ މިސާލަކީ މޫސާ ޢަލައިހިއްސަލާމުގެ މައްޗަށް ﷲ ވަނީ ކަނޑު ކިޔަމަން ކުރެއްވިއެވެ. އެހެންނަމަވެސް ފިރްޢަޥްނާ އޭނާއަށް ތަބަޢަވީ ބައެއްގެ މައްޗަށް އެ ކަނޑަކީ މުޞީބާތެއް ކަމުގައި ލެއްވުމެވެ.

 

 

 

 1. އަދި ތިޔަބައިމީހުންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ކޯރުތަކާއި މަގުތައް ލެއްވިއެވެ.

الله سبحانه وتعالى އެކަލާނގެ ޢަމަލުފުޅުތަކުގެ ތެރެއިން އިންސާނުންނަށްޓަކައި ޚިދުމަތް ކުރައްވާފައިވާ ތަކެތީގައި ފަރުބަދަ ތަކާއި ކޯރުތައްލެއްވި ނަމަވެސް، ފަރުބަދަތައް ލެއްވި ޙަޤީޤީ ބޭނުން، 7 ވަނަ ޤަރުނުގައި ޤުރްއާން ބާވައި ލެއްވިއިރު ތިބި އިންސާނުންނަކަށް ނޭނގެއެވެ. ނަމަވެސް ބިމުގެ ފަށަލަތައް ދިރާސާކުރާ ފަހުގެ ޢިލްމުވެރިން ބުނާގޮތުން، ބިންގަނޑު ހަމަޖައްސައިދޭ އަދި ދުނިޔެ މި އޮންނަ ގޮތަށް ހިފަހައްޓައިދޭ އެއްޗަކީ ފަރުބަދަތަކެވެ. އެހެންވީމާ އަހަރުމެން އީމާންވާންޖެހޭ ޙަޤީޤަތަކީ ފަރުބަދަތައް އަހަރުމެންގެ މައްޗަށް މުޞީބާތެއް ކަމުގައި ނުލައްވާ އެ ތަކެތި ޚިދުމަތްކުރައްވާ ބާރުވެރި ފަރާތަކީ ޖައްބާރުވަންތަ ﷲ ކަމެވެ. ކޯރުތަކާއި ކަނޑުތަކާއި މަގުތައްވެސް ހަމަ މިފަދައެވެ. މި ބިމުގައި ޢިމާރާތްކޮށް އާރާސްތު ކުރުމާއި ބިމުގައި ﷲ ލައްވާފައިވާ މުއްސަނދި ކަމުގެ ބޭނުން އަހަރުމެންނަށް ހިފެނީ ﷲ ގެ ކުޅަދުންވަންތަ ކަމުން މި ބިން ފަރުބަދަ ތަކުގެ ޒަރީޢާއިން ހިފެހެއްޓިފައި ވާތީކަން ޤަބޫލުކުރުމީ، އެ ކަލާނގެއަށް އީމާންވުމެވެ.

މަތީގައި ބަޔާންކޮށްފައިވާ ﷲ ގެ ޢަމަލުފުޅުތަށް ނަގާފައި އެވަނީ ކީރިތި ޤުރްއާނުގެ سورة النحل ގެ 9 ވަނަ އާޔަތުން 15 ވަނަ އާޔަތުގެ ނިޔަލަށެވެ. މި އާޔަތަކަށް ފުންކޮން ވިސްނާ ފިކުރު ހިންގާލުމުން އެނގިގެންދަނީ ﷲ ގެ ޢަމަލު ފުޅުތަކުގެ ސަބަބުން އިންސާނުންނަށް ލިބިގެންދާ ނިޢުމަތްތަކުގެ ގިނަކަމާ އިންސާނާ ދިރިހުރުމަށާއި މަރުވެދިޔުމަށްފަހު އަލުން ދިރުއްވާ ޖަޒާދެއްވުމުގައި ﷲ އެއްކައުވަންތަވެ ވޮޑިގެންވާކަމެވެ. މިހެންކަމުން އިންސާނާގެ އީމާންތެރިކަން ހަރުދަނާކޮށް، އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި  ދުނިޔޭގައި އެ އިންސާނާގެ ޢަމަލުތައް ބަހައްޓަން ޖެހެނީ ކިހިނެއް ކަމާއި މާއްދިއްޔަތަށް ގޮސް ހުސްވެފައިމިވާ މުޖުތަމަޢުގައި ދިރިއުޅެމުންދާ އިންސާނުންގެ އީމާންތެރިކަން ހުރީ ކޮން ޙާލަތެއްގައިތޯ ނަޒަރު ހިންގާލަން ޖެހެއެވެ.

އިންސާނުންގެ އީމާންތެރިކަން ހަރުދަނާ ކުރެވޭނީ ﷲ ދެއްވި ނިޢުމަތްތަކުގެމަތީން ހަނދުމަކޮށް އެ އީމާންތެރިކަން ހަރުދަނާކުރުމަށް ﷲ އަށް ދަންނަވަންޖެހޭކަން ޤަބޫލު ކުރެވިގެންނެވެ. ޙަޤީޤީ މާނައިގައި ﷲ އަށް އީމާން ވުމަކީ އިންސާނާގެ ހިތަށް އުފާވެރިކަމާ ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ނަމަވެސް ހިތާމައަކީ، ﷲ އަށް އަޅުކަން އަދާކުރަމުންދާ ޙާލުގައިވެސް ފާފަތަކަށް އަރައިގަތުމުގެ އާދަ ބައެއްގެ ކިބައިގާ ހުރުމެވެ. މިއީ މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މުސީބާތެކެވެ. މިފަދަ ކުއްފާފަތަކަށާއި ﷲ ޙަރާމް ކުރެއްވި ކަންތައްތައް ކުރެވެނީ އީމާންކަން ބަލި ކަށިވީމާކަމުގައި ބުނެވިދާނެއެވެ.

މިއަދުގެ މުޖުތަމަޢުގެ ޙާލަތު:

މުޖުތަމަޢު ގިނަ މީހުން ތަޥްޙީދުގެ ކަލިމަ لَا إِلَـٰهَ إِلَّا اللَّـهُ މިހެން ދުލުން ކިޔައިގެން ތިބިނަމަވެސް، އަޅުގަނޑުމެންގެ ޢަމަލުތަކުންނާއި ވިސްނުމުން މިހާތަނަށް ޤަބޫލުކުރަމުންއައީ ބޯން ބޭނުންކުރާ މީރު ފެނަކީ އަޅުގަނޑުމެން އަމިއްލައަށް އުފައްދައިގެން ބޭނުންކުރަމުން އަންނަ އެއްޗެއްކަމަށެވެ. ނަމަވެސް ފެނުގެ ޚިދުމަތް މެދުކެނޑިގެން ދިއުމުން އެނގުނު ޙަޤީޤާތަކީ، އަޅުގަނޑުމެން ކުރާ މަސައްކަތަކީ ބޮޑެތި ބިޔަ އާލާތްތަކުގެ ވަޞީލަތް ބޭނުންކޮށްގެން ކުރާ މަސައްކަތަކީ ލޮނާ ފެނާ ދޭތި ވަކިކުރުންކަމެވެ. މި ފަދަ ކާރިޘާތަކުންވެސް އަޅުގަނޑުމެން ދެނެގަންނަންޖެހޭ ޙަޤީޤަތަކީ، ނެތުމުގެ ތެރެއިން ފެން އުފައްދަވާ އެ ފެން ކޮންމެވެސް ސަބަބެއް މެދުވެރި ކުރައްވާ އަހަރުމެންނާ ހަމައަށް ވާޞިލު ކޮށްދެއްވާ ހަމައެކަނި ފަރާތަކީ ޚާލިޤު ވަންތަ الله سبحانه وتعالى ކަމެވެ. އަދި ހަމައެހެންމެ އަހަރުމެންގެ ނުރަގަނޅު އާދަތަކަށް ވިސްނާއިރު، އެއްވެސް ބަލާލުމެއްނެތި، ﷲ ދެއްވި ފެނުގެ ނިޢުމަތް އިސްރާފު ކުރާތަން އަންނަނީ ފެންނަމުންނެވެ. މުސްލިމުން ކޮންމެ ރެއަކާ ދުވާލު ފަރުޟުފަސް ނަމާދުކުރުމުގެ ކުރިން، ވުޟޫކުރަން ޝަރުތު ވެފައިވާއިރުވެސް ވުޟޫކުރުމުގައިވެސް ފެން އިސްރާފު ނުކުރުމަށް ﷲ އަންގަވާފައި ވެއެވެ. އެހެންނަމަވެސް ފެންފުޅިއަކުން އެއްބައި ބުއިމަށްފަހު އަނެއްބައި ނުބޮއި އެއްލާލުން ނުވަތަ ފެން ފޮދު އުކާލުން ފަދަ ޢަމަލުތަކަކީ ކުރެވޭ އިސްރާފެވެ. ﷲ ދެއްވި ފެނުގެ ނިޢުމަތަށް އީމާންވުމަކީ ﷲ ނުރުއްސަވާ މިފަދަ ޢަމަލުތަކުން ދުރުވެގަތުމެވެ. ހަމަ އެހެންމެ އަހަރުމެންނަށް ދެއްވާފައިވާ މުދަލާއި ތަނަވަސްކަން، އަދި އަހަރުމެންނަށް މިންވަރު ކޮށްދެއްވާފައިވާ ފުރިހަމަ ޞިއްޙަތާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ ހިތުހުރިހާ ގޮތަކަށް އެމުދާ ހޭދަކޮށް، ﷲގެ މަގުން ތިމާ ފުރެދި އަނެކުން މަގުފުރެއްދުމުގައި މުދާ ހޭދަކުރަމުން ދިއުންވަނީ މިއަދު ދުނިޔޭގައި ޢާއްމުވެފައެވެ. އަދި ކިއެއްތަ! އިސްލާމުންގެ ތެރޭގައިވެސް މިފަދަ ޢަމަލުތައްވަނީ ބިރުގަންނަ ދަރަޖައަށް ފެތުރިފައެވެ. އަދި އިންސާނާއަށް ދެއްވާފައިވާ ބިޔަ ހަށިގަނޑާއި ފުރިހަމަ ޞިއްޙަތުގެ ބޭނުން ހިފަމުން ގެންދަނީ، އެ ނިޢުމަތް ދެއްވިކަމުގެ މައްޗަށް ﷲ ތަޢާލާއަށް ޝުކުރުވެރި ވުމުގެ ބަދަލުގައި، ބޮޑާވެ ފަޚުރުވެރިވުމާއި އެހެން އިންސާނުންގެ ޙައްޤުތަކާއި ކަރާމާތަށް އަރައިގަތުމުގައެވެ. އެހެން ޢިބާރާތަކުން ބުނާނަމަ އެކަލާނގެ ދެއްވި ނިޢުމަތަކަށް އިންސާނުން މިވަނީ ކާފަރުވެ ޙަރާންކޯރު ވެފައެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި މީގެ ސާދަސަތޭކަ އަހަރު ކުރިންވަނީ އެކަމަށް އިޝާރަތް ކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ﴿ إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ ، وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ ﴾  )سورة العاديات6-7 (މާނައީ: ” ހަމަކަށަވަރުން، އިންސާނާއީ، އޭނާގެ ވެރިރަސްކަލާނގެއަށް ހަރާންކޯރުވުން ބޮޑު މީހެކެވެ. އަދި ހަމަކަށަވަރުން، އެ އިންސާނާއީ، އެކަމުގެ މައްޗަށް ހެކިވެރިޔަކުކަން ކަށަވަރެވެ.”

މިއަދު، އިސްލާމްދީނުގެ ޢަދާވާތްތެރިން ގެންދަނީ މުސްލިމުންގެ ޢަޤީދާއާ ދުރުކުރުމަށް ފިކުރީ ގޮތުން މަސައްކަތް ކުރަމުންނެވެ. އެބައިމީހުންދަނީ މުސްލިމުންގެ ހިތްތަކުން ﷲ ގެ އުލޫހިއްޔަތަށް އީމާން ވުމުގެ އަސްލު ނެތިކޮށްލުމަށް މަސައްކަތް ކުރަމުންނެވެ. މީގެ މިސާލަކީ ދިވެހީންގެ ޒަމާންވީ ރީތި އާދަކައިދެގެ ތެރެއިން “ދެ  ނަމާދު ދޭތެރޭގައި” (“ދެ ނަމާދު ދޭތެރެ” މާނަކުރެވިފައިވަނީ މަޣްރިބް ނަމާދާއި އިޝާ ނަމާދާ ދެމެދުގައިވާ ވަގުތަށެވެ.)  ޤުރްއާން ކިޔަވަމުން ދިޔަ ދިއުމަށް އައި ބަދަލެވެ. މިޒަމާނުގައި އެ ގަޑި ބަދަލުވެފައިވަނީ އަހަރުމެންގެ ޢަޤީދާ ބަލިކަށި ކުރުވާކަހަލަ އެކިއެކި ޑްރާމާ ބެލުމަށޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ. މިއާދަ އަހަރުމެންގެ ތުއްތު ކުދިންގެ ކިބައިގައި ހަރުލައްވައިފިނަމަ މަޑުމަޑުން އެ ކުދިންގެ ހިތްތަކުން ﷲ އާ ދުރުވެގެން ހިނގައިދާނެއެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުއަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އެއީ ﷲ އަށް އީމާންވަމޭ ދުލުން ބުނިނަމަވެސް އެފަދަ ކުދިންގެ ޢަމަލުން އެކަމެއް ނުފެންނާނެތީއެވެ.

މިތަނުގައި އިތުރު އެއްކަމެއް ފާހަގަ ކޮށްލާނަމަވެ. ދުޢާކުރުމަކީ އަޅުކަމުގެ އެންމެ އިސް އެއް އަސާސްކަމަށް ވީހިނދު ދުޢާކުރުމަކީ ހަމައެކަނި ﷲއަށް ޚާއްޞަ ވެފައިވާ އަޅުކަމެކެވެ. އެހެންކަމުން ﷲ ނޫން އެހެން ފަރާތްފަރާތަށް ދުޢާ ދެންނެވުމަކީ ޝިރުކުގެ ޢަމަލެކެވެ. ކީރިތި قرآنގައި الله سبحانه وتعالى وحي ކުރައްވާފައިވެއެވެ. ﴿وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِي سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ ﴾  )سورة غافر ٦٠( މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.( ” މިއާޔަތުން އެނގޭ ގޮތުގައި ދުޢާ އިޖާބަކުރެއްވުމަކީ ﷲ ގެ ޢަމަލުފުޅުތަކުގެ ތެރެއިން ވާކަމެކެވެ. ދުޢާކުރުމުގައި ހަމައެކަނި ﷲ އަށް ޚާލިޞްކުރެވިގެން މެނުވީ އީމާން ނުވެވޭނެއެވެ. ނަމަވެސް، ދުނިޔޭގެ އެކިއެކި ކަންކަން ޙާޞިލް ކުރުމަށްޓަކައި އަދި ރިޒްޤް ތަނަވަސް ކުރުމަށްޓަކައި އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުން އަންނަނީ އެކިއެކި އެއްޗެހި ލިޔެ ގައިގައި ނުވަތަ ތަންތަނުގައި ހަރުކުރަމުންނެވެ. އަދި އެކިއެކި ކިޔެވެލި ކިޔަވާ މަތުރާ ހަދަމުންވެސް އާދެއެވެ. މިފަދަ ޢަމަލުތައް ކުރާ މީހުން ޙަޤީޤަތުގައި އެކަންތައްތައް އެކުރަނީ توحيد الألوهية އަށް އީމާން ނުވެވޭތީއެވެ. ތަޥްޙީދުގެ އެއްވެސް ބައެއް ފުރިހަމަ ނުވާނަމަ لَا إِلَـٰهَ إِلَّا اللَّـهُ މިހެން ދުލުން ކީ ނަމަވެސް އެއީ ﷲ އެއްކައުވަންތަކުރުން ކަމުގައި ނުވާނެތީ، ކުރިން ދެންނެވުނު ފަދަ ފަންޑިތަ އާއި ސިހުރު ހާހޫރަ ހިމެނޭނީ ޝިރުކުގެ ތެރެއިންނެވެ. رسول الله  صلى الله عليه وسلّم ހަދީޘް ކުރައްވާފައިވެއެވެ. (إنِّ الرّقّى والتمائم والتولة شرك – މުސްލިމް 93 އަދި އިމާމް އަޙްމަދު 3/157 -244-260-325 ) މާނައީ: “ހަމަކަށަވަރުން ފަންޑިތަޔާ ތަވީދާއި އަދި ފަންޑިތައިގެ ގޮތުން ކިޔަވާ މަންތަރުތަކަކީ ޝިރުކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.” ބަލިތަކުންނާއި ޝައިޠާނާގެ ނުބައި ޢަމަލުތަކުން ސަލާމަތްވުމަށް، ﷲ އެންގެވި މަގުން ޛިކުރު ކުރުންފަދަ ކަންކަން ކުރުން އޮތީ އެ ކަލާނގެ އެންގެވި މަގުންނެވެ. އެހެނީ ދުނިޔެވީ ކޮންމެ ކަމެއްވެސް ކުރުން އޮތީ އެކަމެއްކުރުމަށް އޮންނަ ގޮތަށެވެ. މީގެ މިސާލަކީ ބޮލުގައި ރިއްސާނަމަ ޑޮކްޓަރ ބުނަނީ ފެންފޮދަކާ ލައިގެން ޕެނަޑޯލް ގުޅައެއް ކެއުމަށެވެ. އެއްވެސް ޙާލެއްގައި ރޮއްޖަކަށް ބޭސްގުޅަ އަމުނާލައިގެން ކަރުގައި އަޅުވާކަށް ނުބުނެއެވެ. ހަމަ މި މޭރުމުން ބަލާނަމަ، ތަޥްޙީދުގައި ﷲ އެއްކައުވަންތަ ކުރުމުގައިވެސް ކަންކުރާން އޮތް މަގަކީ الله سبحانه وتعالى އެންގެވި މަގުން، އެ ގޮތަށް އަޅުކަން ކުރުމުގައި، އެއްވެސް ފަރާތަކާ އެއްވެސް ގޮތަކުން، ކިތަންމެ ކުޑަމިންވަރަކަށް ނަމަވެސް الله سبحانه وتعالى އާ ބައިވެރި ނުކުރުމެވެ.

މުޖުތަމަޢު ގެ ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި، ވަކި ވަގުތެއްގައި އިރުވަރު ބަލައިގެން ކަންކަން ކުރުމަކީ ނުވަތަ އެވެނި ތަރިއެއް މިވެނި ތަރިއަކާ މެދުޖެހޭ ވަގުތު އޭގެ ސަބަބުން އިންސާނުންނަށް ކޮންމެވެސް މޮޅުކަމެއް ޙާޞިލް ކުރެވިދާނެއެވެ. ފަހެ އަހަރުމެންގެ ތެރޭގައިވާ މި ޢަމަލަކީ ތަރިތަކަށް އީމާންވުންކަމަށް ބެލިދާނެއެވެ. ތަރިތަކަށް އިމާންވުމަކީވެސް ތަޥްޙީދުން ބޭރުވެގެންވާ ޝިރުކުގެ ޢަމަލެކެވެ. އަހަރުމެންގެ ޢަޤީދާ ހަރުދަނާކޮށް ވަރުގަދަކުރުމަށްޓަކައި މިފަދަ ޝިރުކުގެ ހުރިހާ ޢަމަލުތަކުން ދުރުވެ ނިޢުމަތްތައް ދެއްވުންވަނީ ހަމައެކަނި ﷲ ގެ ޢަމަލުފުޅުތަކުގެ ތެރެއިންކަން ހިތާ ޢަމަލުން ޤަބޫލުކޮށް، އެ އިންސާނަކަށް ދެއްވި މިންވަރެއް ޤަބޫލު ކުރަންޖެހެއެވެ.

އެއްވެސް އިންސާނަކަށް އެއީ ރަސޫލުބޭކަލެއް ނަމަވެސް، ( ﷲ ފިޔަވާ އެހެން ފަރާތްތައް ) ނުވަތަ އެހެން މަޚުލޫޤެއްކަމަށްވިޔަސް، އެއްވެސް މީހަކަށް އެހީތެރިކަމެއް ނުދެވޭނެއެވެ. އެހެންކަމުން 200 ނުވަތަ 300 އަހަރު ވެފައިވާ ޤަބުރަކަށް އަޅުކަން ކޮށްގެން ކަމެއް ޙާޞިލްކުރަން އެދުމާއި ސީދާ ބުދަށް އަޅުކަން ނުކުރި ނަމަވެސް އެކިއެކި ވަލީވެރިންގެ ކިބައިން ވާތްގަށް އެދިގެން ކަމެއް ޙާޞިލް ވާނޭކަމަށް ބުނުމަކީ ނުވަތަ ތަރިތަކުގެ ސަބަބުން ކަމެއް ފުއްދިދާނެ ކަމަށްދެކުމަކީ، ބުއްދިއަށްވެސް ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. ވީމާ އެފަދަ ޢަމަލުތަކަކީ ޝިރުކެވެ. މީގެ ދަލީލަކީ ކީރިތި ޤުރްއާނުގައިވާ الله سبحانه وتعالى ގެ މި ބަސްފުޅެވެ. ﴿ وَلَا يَسْتَطِيعُونَ لَهُمْ نَصْرًا وَلَا أَنفُسَهُمْ يَنصُرُونَ ﴾ ( سورة الأعراف ١٩٢) މާނައީ: “އަދި އެއުރެންނަށް އެއްވެސް نصر އެއް ދިނުމަކަށް އެތަކެއްޗަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެތަކެތީގެ އަމިއްލަ ޒާތަށްވެސް، نصر އެއް ނުދެވޭނޭމެއެވެ.”  އަދިވެސް ﷲ ވަޙީ ކުރައްވާފައިވެއެވެ.( إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ) ( سورة فاطر ١٤) މާނައީ: ތިޔަބައިމީހުން އެފަރާތްތަކަށް ގޮވިޔަސް، އެފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުމެއް ނީވޭނެތެވެ. އަދި އެގޮވުން އެފަރާތްތަކަށް އިވުނުކަމަށްވިޔަސް، ތިޔަބައިމީހުންނަކަށް އެފަރާތްތަކެއް އިޖާބައެއް ނުދޭނެތެވެ. އަދި ތިޔަބައިމީހުން شريك ކުޅަކަމާމެދު قيامة ދުވަހުން އެފަރާތްތައް إنكار ކުރާނެތެވެ. خبر ތައް މޮޅަށް ދެނެވޮޑިގެންވާކަލާނގެ ފަދައިން ކަލޭގެފާނަށް خبر ދޭނެ ހަމަ އެކަކުވެސް ނެތެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް ފަހުމު ވާނޭހާ ސާފުކޮށް، ތިލަ ބަހުން ﷲ އަންގަވާފައިވާ ބަސްފުޅެކެވެ. އެހެންވުމާއެކު ތަޥްޙީދަށް އީމާންވުމަކީ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކުން ނަޞްރުދިނުމެއް އަދި އެހެން ފަރާތަކުން ނަޞްރު ލިބި ގަތުމެއްވެސް ނެތްކަން، އިންސާނާގެ އެތެރެފުށާއި  ބޭރުފުށުގެ ޢަމަލުތަކުން ޤަބޫލުކުރުމެވެ.

 

މަޢުލޫމާތު ނެގި ފަތްފުށްތައް

 1. القران الكريم ގެ ދިވެހި ތަރުޖަމާ، (ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޗާޕު 1، 2007)
 2. ނިމާލު މުޙައްމަދު، މޮޑިއުލް” العقيدة الاسلا مية ” މާއްދާ، العقيدة (ދިވެހިރާއްޖެ، ވިލާކޮލެޖް، ލެކްޗަރަރ ނޯޓްސް، 2015) ބެޗްލަރ އޮފް ޝަރީއާ، ބެޗް-10
 1. . މުޙައްމަދު އިބްރާހީމް ނައިފަރު – ކިތާބުއްތަޥްޙީދު (ދިވެހިރާއްޖެ: ޗާޕު 1 ، 2002 )
 2. “ޢަޤީދާ” http://islamicaffairs.gov.mv (މަޢުލޫމާތު ނެގީ 7 ޖޫން 2015 ގައި ) ދިވެހިރާއްޖެ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
 3. މުޙައްމަދު ސިނާނު ، އަޅުކަމަކީ ދުޢާއެވެ. (ދިވެހިރާއްޖެ: ޗާޕު1، 2012)
 4. “ޢަޤީދާ” www.dhisalafiyyah.net (މަޢުލޫމާތު ނެގީ 11 ޖޫން 2015)
 5. ޞަހީހުލް މުސްލިމް
 6. ދަރުމަ މަޖައްލާ 8 ވަނަ ޢަދަދު، ވޮލިއުމް 11 (ދިވެހިރާއްޖެ، ޗާޕު 1 ، 2011 )
 7. އާދަމް ޝަމީމު ބުން އިބްރާހީމް، ޞައްޙަ ޢަޤީދާ، www.noorul-islam.net (މަޢުލޫމާތު ނެގީ 10 ޖޫން 2015 ގައި)
 1. ހުކުރު ޚުތުބާ – ﷲ އެއްކައުވަންތަ ކުރުން ( ދިވެހިރާއްޖެ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޗާޕު1 ،2014 )
 1. ހުކުރު ޚުތުބާ – ﷲ ގެ ނިޢުމަތްތައް ( ދިވެހިރާއްޖެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޗާޕު1 ، 2006 )
 2. ހުކުރު ޚުތުބާ – الله سبحانه وتعالى އަށް ޝަރީކުކުރުން ( ދިވެހިރާއްޖެ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޗާޕު1، 2014 )
 1. ބިލާލު ޢަބްދުއްސައްތާރު، އީމާންކަން، (ފުރަތަމަ ޗާޕު 2014)، www.noorul-islam.net (މަޢުލޫމާތު ނެގީ 07 ޖޫން 2015 ގައި)

ޚިޔާލު ފާޅުކުރަށްވާ

1 ކޮމެންޓް
 1. ފައްތާހު

  މީތި އެއްކޮށްކިޔައިފީމެވެ. ވަރަށްބަރާބަރު ގިނަ މަޢުލޫމާތުހުރި ދިރާސީ ލިޔުމެކެވެ.