ޗެނަލް 13 ގެ ސިއީއޯ އަކަށް ޣައްސާން ހަމަޖައްސައިފި

ސަރުކާރުގެ ޚަބަރުތަކާއި ސަރުކާރުންހިންގަވާ ކަންކަމާގުޅޭ މަޢުލޫމާތުގެނެސްދޭ އަމިއްލަ ޓީވީ ޗެނަލް، ޗެނަލް 13 ގެ ޗީފް އެގްޒެކެޓިވް އޮފިސަރަކަށް މިލަދޫ ކައުންސިލްގެ ކުރީގެ ރައީސް ޙަސަން ޣައްސާން ހަމަޖެއްސިކަން މިލަދޫ ނޫހަށް ކަށަވަރުވެއްޖެއެވެ. ޗެނަލް 13 ގެ ސީއީއޯ އަކަށް ބުރާސްފަތިދުވަހު ޣައްސާން ހަމަޖައްސާފައިވާ އިރު އޭނާ ވަނީ އެޗެނަލްގައި 3 އަހަރު މަސައްކަތް ކުރައްވާފައެވެ.

މި ތިން އަހަރުގެ ތެރޭގައި އޭނާވަނީ އެޗެނަލްގެ އެކި ދާއިރާގެ އެކި މަޤާމްތަކުގައި މަސައްކަތް ކުރައްވާފައެވެ. މިގޮތުން ސީނިއަރ ޑެސްކް އެޑިޓަރ ގެ މަޤާމާއި މާކެޓިން އަދި އެޑްމިން ގެ މަޤާމްތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ.

މިލަދޫ ނޫހުން އިތުރަށް މަޢުލޫމާތު ހޯދުމަށް ޣައްސާން އަށް ގުޅާލުމުން ވިދާޅުވީ އެމަޤާމަށް އައުމަށް މިހާތަނަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާކަމަށާއި ޚާއްސަކޮށް ޗެނަލް 13 ގެ ބޯޑަށް ވަކީން ޚާއްސަ ޝުކުރެއްދަންނަވާކަމުގައެވެ. ޣައްސާން އަކީ ކުރިން ނ.މިލަދޫ ކައުންސިލަށް ޑީއާރުޕީގެ ޓިކެޓުގައި ހޮވިވަޑައިގަތް އަދި އެކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅަކަށް ވުމާއި އެކު ސިޔާސީ ދާއިރާއިން ކުރިޔަށްދިއުން ހުއްޓާލީތޯ މިލަދޫ ނޫހުން ދެންނެވުމުން ޣައްސާންވިދާޅުވީ ކުރިޔަށްދިއުމަށް ގަސްތުކުރަނީ މީޑިއާގެ ދާއިރާއިން ކަމަށެވެ.

“ރައްޔިތުން އަޅުގަނޑު އިންތިޚާބުކުރި މަޤާމެއް ކައުންސިލްގެ މަޤާމަކީ. އެވީ ސިޔާސީ ކަމުގައިވާނަމަ އެއީ ސިޔާސީ ދެއްތޯ. އަޅުގަނޑު މިވަގުތު ޝައުގުވެރިވަނީ މީޑިއާގެ ދާއިރާއިން ކުރިޔަށްދާން.” ޣައްސާން ވިދާޅުވިއެވެ.

ސީއީއޯގެ މަޤާމާއި ޙަވާލުވެ ހިންގަންފެށުމާއި އެކު ޗެނަލް 13 ގެ އިންސާނީ ވަޞީލަތް އިތުރަށް ތަރައްޤީކޮށް ތަނުގައި ޒަމާނީ ވަޞީލަތްތައް ޤާއިމްކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ޣައްސާނަކީ ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް ހިންގަވާ ޞަދަޤާތް ފައުންޑޭޝަންގައިވެސް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ޕީޕީއެމްގެ އިވެންޓްތައް ހުށައަޅައިދިނުމުގެ މަސައްކަތްވެސް އޭނާކުރައްވައެވެ.

ޚިޔާލު ފާޅުކުރަށްވާ

1 ކޮމެންޓް
  1. މޯޑު

    ވަރަށް އުފާވެއްޖެ ?