ލޯތްބަށްޓަކައި . . . .

ކުޅެނިންމާފައި ދަނޑުން ނިކުމެގެން އައި ފިރިހެންކުދިންގެ ބައިގަނޑާއި ވަކިވެގެންގޮސް ޖަވާދު އޭނާގެ ބާވެފައިވާ މައުންޓަން ބައިސްކަލަށް އަރައި ދުއްވާލިއެވެ. ހިތުދަސް މަގުތަކާއި ގޯޅިތަކުން ލާފައި އޭނާ މިސްރާބުޖެހީ އުތުރު އަވަށަށެވެ. ކުޅެން ދިޔަސް ނުދިޔަސް، ކޮންމެ ދުވަހަކުވެސް ތިންހަތަރު ފަހަރު އޭނާ އެ އަވަށަށް ދެއެވެ. ހަމައެކަނި ރައިހާ ދެކެލުމަށެވެ. ރައިހާ ފެނިލުމުންވެސް ޖަވާދަށް ބަޔާންކުރަން ދަތި އުފަލެއް ލިބޭތީއެވެ. ޖަވާދު ބޭނުންވަނީ ރައިހާއާއި ވާހަކަދައްކާށެވެ. އޭނާގެ ހިތުގެ އެދުން ހާމަކުރާށެވެ.

ދަލުން ފޯވެ، ގައިގައި ތަތްވެފައިވާ ޓީޝާޓަށް ދަމާލާ ގަޔާ ދުރުކޮށްލަމުން އޭނާ ގޮސް މަޑުކޮށްލީ ބަގީޗާގޭ ދޮރުމައްޗަށެވެ. އޭރު ރައިހާ އާއި އެނާގެ ދެ އެކުވެރިން ތިބީ ގޭ ދޮރުމަތީގައި ހުރި ޖޯލިފައްޗެއްގައި ހުތް އަނބާއި ރިހާކުރު ކާށެވެ. އެކުދިން އެހާ މީރުކޮށް ކާތަންފެނުމުން ޖަވާދުގެ ބަނޑުހައިކަން އިތުރުވިއެވެ. ތެޅިގަލުން ރާނާފައިވާ ތިންފޫޓު އުސް ފާރުމަތީގައި އަތްއަޅުވާލައިގެން އިން ޖަވާދު ފެނުމުން ރައިހާގެ މޫނުން ކުލަ އޮއްސުނެވެ. އަނެއް ދެ އެކުވެރިން ތުންހަދާލާފައި ނިތްއަރުވާލީ އެމީހުންނަށް ޖަވާދުގެ މަގުސަދު އެނގެއޭ ހީވާފަދަ ގޮތަކަށެވެ.

“ހާދަ މީރުކޮށް ތި ކާލަނީ؟ މަށަށް ވެސް ދޭންވީނު؟” ޖަވާދު ސަކަ ގޮތަކަށް އަހައިލިއެވެ. ޖޯލީގައި ތިބި ތިންކުދިން، އެކަކު އަނެކަކަށް ބަލައިލިއެވެ. އޭގެތެރެއިން އެއްކުއްޖަކު ލާނެއްގޮތަކަށް ހީލާފައި އޭނާގެ އަތުގައި އޮތް އަނބު ޖަވާދާއި ދިމާލަށް އެއްލިއެވެ. ހުޝިޔާރުކަމާއެކު ޖަވާދު އެ އަނބު ހިފިއެވެ.

“އޭ ރައިހާ . . އަހަންނަށް ރައިހާ ވަރަށް ކަމުދޭ. މަށާ އިންނަންވީނު؟” ޖަވާދުގެ މި ޖުމުލަ އާއެކު، ރައިހާ އަންގަޔަށް ލާން އުޅުނު އަނބުފޮތި އަތުން ދޫވިއެވެ.

“އިންނާށޭ؟ ހުނ. މައުޅޭތަ ތިކަހަލަ މީހަކު ނުލިބިގެން؟ ތިއީ. . ”

“ރައިހާ. .އަހަރެން އިސްލާޙްވާނަމޭ.”

“ނުވާނެ. ހަތްހުތުކައްކާ ރާހުތަށް ލިޔަސް ތިކަހަލަ މީހަކު ރަނގަޅެއް ނުވާނެ.” ރައިހާގެ ލޮލުގައިވަނީ ނަފްރަތެވެ. ޖަވާދު އިސް ޖެހިއެވެ. މާޒީގެ އެކި ތަންތަންކޮޅު ވަކިވަކިން އޭނާގެ ލޯމަތީގައި އުދުހެން ފެށިއެވެ. އުޅެވުނު ވިޔާ ނުދާ ގޮތާއިމެދު ލަދުވެތިވެވުނެވެ.

“ބުނަންތަ ރައިހާ! ދެން އަހަރެން ރައިހާ ކުރިމައްޗަށް އަންނާނީ ރައިހާ ރުހޭފަދަ މީހަކަށް ވެގެން. މަގުބޫލު މީހަކަށް ވެގެން.” އަތުގައި އޮތް އަނބު ފާރުމަތީގައި ބޭއްވުމަށްފަހު ފަސްއެނބުރި ބެލުމެއް ނެތި ޖަވާދު ބައިސްކަލް ދުއްވާލިއެވެ. ލޮލަށް ޖަމާވެފައިހުރި ކަރުނަތައް ނުދައްކަންވެގެންނެވެ. އޭރު ރައިހާގެ ދެ އެކުވެރިންގެ ހުނުމުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.

ޖަވާދަކީ ހެޔޮވަރު އިސްކޮޅަކާއި ހެދިހުރި ތެދު ހަށިގަނޑެއްގެ ވެރިއެކެވެ. ދެމަފިރިއެއްގެ ބަސްއަހާ ދަރިއެކެވެ. ކިޔެވުމަށް މޮޅު ދަރިވަރެކެވެ. ކުޅަދާނަ ފުޓްބޯޅަކުޅުންތެރިއެކެވެ. އެހެނަސް އެއީ ދުވަސްކޮޅެއްގެ ކުރިންނެވެ. ކުއްލި މަރަކުން މަންމަ ނިޔާވުމަށްފަހު، އަމިއްލަ އެދުންބޮޑު ދޮންމަންމައެއްގެ ގާތުގައި އުޅެންޖެހުމުން އޭނާގެ ހަޔާތް އެފުށް މިފުށަށް ޖެހުނެވެ. ގޭތެރޭގައި ހޭދަވާ ވަގުތު އިވެނީ ދޮންމަންމަގެ ނުރުހުމުގެ ބަސްތަކެވެ. ދޮންމަންމަ ރުހޭގޮތަކަށް ޖަވާދާއި އޭނާގެ ބައްޕައަށް ގޭތެރޭގައި ފިޔަވަޅެއްވެސް ނޭޅެއެވެ. ގެތެރޭގެ އުފާވެރި މާހައުލު ކިލަނބުވެ ފޫހި ތަނަކަށް ވުމުން ޖަވާދު ބޭރަށްދާން ފެށިއެވެ. އޯގާތެރިކަމާއެކު ނަސޭޙަތްދީ ހިއްވަރުދޭނެ މަންމައަކު ނެތުމުން ޖަވާދު ކިޔެވުމާއި ދުރަށް ދާންފެށިއެވެ. އޭނާގެ ފުށުން ކުރިން ނުފެންނަ ވިޔާނުދާ އެތައް ސިފަތަކެއް ފެންނަން ފެށިއެވެ. ގަޑިޖެހިގެން ސްކޫލަށް ދިއުމާއި ސަބަބަކާއި ނުލާާ ސްކޫލަށް ހާޒިރުނުވުމެވެ. ކުލާހުގައި އަދުގަދަކުރުމާއި، ދެން ތިބޭ ކުދިންނަށް ތަފާތު ގޯނާތައް ކުރުމެވެ. ކިޔަވައިދޭ މުދައްރިސުންނަށް ތަފާތު ޖެއްސުންތައް ކުރުމެވެ. ރެއާއި ދުވާލު ހޭބޯނާރާ މަސައްކަތުގައި އުޅޭ ބައްޕައަށް، ޖަވާދަށް ދޭންވާ ސަމާލުކަމެއް ނުދެވެއެވެ. އެންމެފަހުން ގްރޭޑް 9 އާއި ހިސާބުން ތަޢުލީމީ ހަޔާތާއި އަލްވަދާޢުކީ، ދެ އަހަރު އެއް ކުލާހެއްގައި ކިޔަވައި ފާސްނުވުމާއިއެކު ޖަވާދަކީ އެހެންކުދިންގެ ކިޔެވުމަށް އެޅޭ ހުރަހެއްކަމުގައި ސްކޫލުން ފާހަގަކުރުމުންނެވެ.

ސްކޫލުން ވަކިކުރުމާއެކު ޖަވާދަށް ހުރިހާގޮތަކުންވެސް މިނިވަންކަން ލިބުނެވެ. ދުވާލާއި

ރޭގަނޑުގެ ބޮޑުބައެއް ހޭދަކުރަންފެށީ ގެއިން ބޭރުގައެވެ. އޭނާއެކޭ އެއްގޮތަށް ކަނޑުމެދަށް ކިޔެވުންހުއްޓާލި ބައިގަނޑަކާއި އެކުގައެވެ. އެކުދިން ކުރާ ހުރިހާ ކަމެއްގައި އެންމެ ފުރިހަމަ މާނައިގައި ބައިވެރިވަމުން ދިޔައެވެ. ރަށުތެރޭގައި ހިންގާ މާރާމާރީތަކާއި ވައްކަމުގެ ޢަމަލްތަކުގައި ބައިވެރިވާންފެށިއެވެ. މަސްތުވާތަކެތީގެ ޝިކާރައަށް ވިއެވެ. އެތައް ފަހަރަކު ތަފާތު ކުށްކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވުނެވެ. އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކުށް ސާބިތުނުވާތީ ދޫކޮށްލުމާއެކު އިހުނަށްވުރެ ގޯސްވެއެވެ. ކުރަމުންދިޔަ ވިޔާނުދާ ޢަމަލްތަކުގެ ސަބަބުންނާއި ކުރިން އުޅެމުން އައި ރީތިގޮތް ދޫކޮށްލުމުން ޖަވާދުގެ ހަށިގަނޑު އަނަރޫފަވެ، މީހާގެ ރީތި ސިފަ ގެއްލުނެވެ. ކުރިން އޭނާއަށް ތަޢުރީފް ކުރަމުންދިޔަ ދޫތަކުން އޭނާއަށް ލަޢުނަތްދޭން ފެށިއެވެ. ބައްޕައާއި ދޮންމަންމައަށް ޖަވާދަކީ ބޭކާރު މީހަކަށްވެ، ރަށުގެ މީހުންނަށް ޖަވާދަކީ ބިރަކަށް ވިއެވެ.

ޖަވާދަށް ރައިހާ ފެނުނީ މިގޮތަށް އޭނާ އުޅެމުން ދިޔަ ދުވަސްވަރެވެ. އެކުވެރިންނާއެކު ހަވީރު ފިންޏަށް ދުއްވާލަން ދިޔަ ދުވަހެއްގައެވެ. މަގު ފުރާލާފައި އައި ބައިސްކަލްތަކުން ނެއްޓެންވެގެން ރައިހާ އެއްފަރާތަށް ޖެހެލިތަނާ އެނާގޮސް ޖެހުނީ ފިހާރައަކުން ނިކުތް މުސްކުޅި ފިރިހެނެއްގެ ގައިގައެވެ. ޖަވާދުގެ އެކުވެރިންނަށް އެކަން މާ މަޖާކަމަކަށްވެ ބާރުބާރަށް ހޭންފެށުމުން، ލަދުންގޮސް ރައިހާގެ މޫނު ރަތްވިއެވެ. ލޮލުން ކަރުނަ ހިލުނެވެ. ގަޔަށް ދޫ ކަޅުހެދުމެއް ލާފައިހުރި އެ ރީތި އަންހެންކުއްޖާގެ ސޫރަ ޖަވާދުގެ ހިތުގައި ބިންވަޅުނެގުނެވެ. އަދި ރައިހާއަށް ވީގޮތް ފެނުމުން ޖަވާދުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެކުވެރިންނާ ދިމާލަށް އެއްޗެހިކިޔަމުންގޮސް ރައިހާގެ ކުރިމައްޗަށް ހުއްޓި މަޢާފަށް އެދުނެވެ. ވެއްޓިަފއި އޮތް ދަބަސް ނަގައިދިނެވެ. ޖަވާދު ދިއްކޮށްލި ދަބަހުގައި ހިފުމަށްފަހު އަނގައިންވެސް ނުބުނެ ރައިހާގޮސް ވަނީ ކުރިމަތީގައި ހުރި ގެޔަކަށެވެ.

އެދުވަހަށްފަހު ޖަވާދު ރައިހާ އާއި މެދު ޝައުޤުވެރިވެ އޭނާ އާއި ބެހޭ މައުލޫމާތު ހޯދަންފެށިއެވެ. ރައިހާއަކީ ބަގީޗާއެއްގައި ފޮޅިފައި އިން އެންމެ މަލެކެވެ. ދީންވެރި މަންމަޔަކާއި ބައްޕައެއްގެ އުނގުގައި ތަރުބިއްޔަތުވެފައި އިން ކަށިނުވިދޭ ދޮން ލުނބޮއެކެވެ. ޒަމާނީ ތަޢުލީމު ލިބިގެން ބޮޑުވެފައި އިން ސާދާ އަންހެންކުއްޖެކެވެ. އުޅެބޮޑުވީ ތަނަވަސްކަމުގެ ތެރޭގައި، މާލޭގައެވެ. ސިފައިންގޭގައި ވަޒީފާ އަދާކުރަމުންދިޔަ ރައިހާގެ ބައްޕަ ވަޒީފާއަށް މުސްކުޅިކުރެއްވުމުންނާއި، މާލޭގެ މާހައުލު އަމާން ތަނެއް ކަމުގައި ނުދެކޭތީ ރައިހާގެ މައިންބަފައިން ރަށަށް ބަދަލުވީއެވެ. އެމީހުންގެ ޙަޔާތުގައި ފޮޅުނު ހަމައެކަނި މަލަށް  އެއްވެސް ކަހަލަ ގޯނާއެއް ވިޔަނުދޭށެވެ. ޖަވާދުފަދަ ޒުވާނުންގެ ލޯތަކަށް ފޮރުވާށެވެ. ކަން މިހެން ހުރިނަމަވެސް ޖަވާދު ބޭނުންވީ ރައިހާއާއި ގުޅޭށެވެ. ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ވިޔަސް މެއެވެ. އެކަމަށްޓަކައި ދިމާވާ ހުރިހާ ހުރަހެއް ގިރާކުރުމަށް އަޒުމްކަނޑައެޅިއެވެ.

އިރުއޮއްސި އަނދިރިވެ ދިޔައިރުވެސް ޖަވާދު ޖޯލީގައި އޮތެވެ. ކުޅެފައި އައި ގޮތަށް ފެންވެސް ނުވަރައެވެ. ޚިޔާލީ ލޮލަށް ފެންނަމުން ދިޔައީ ރައިހާގެ ރުޅިވެރި މޫނެވެ. ސިކުނޑީގައި އެނބުރެމުނ ދިޔައީ ރައިހާގެ މަލާމާތުގެ ބަސްތަކެވެ. ވިސްނަމުންދިޔައީ ރައިހާގެ ލޯބި ހޯދޭނެ ގޮތެކެވެ. މަޤުބޫލު ބޭނުންތެރި މީހަކަށް ވެވޭނެ ގޮތެކެވެ. ފިކުރުގެ ކަނޑެއްގައި ބެހެމުންދިޔަ ޖަވާދު ސިއްސުވާލީ ޢިޝާ ނަމާދު ބަންގީގެ އަޑެވެ. އެތައް ދުވަހަކަށްފަހު އޭނާ ބަންގިއަށް ސަމާލްކަން ދިނެވެ. އެ މޫރިތި ކަލިމަތަކުން ދިރުމެއް ލިބުނުހެން ޖަވާދަށް ހީވިއެވެ. މަޑުން ތެދުވެ ގެޔާދިމާލަށް ހިނގައިގަތެވެ.

އެރޭ ފަތިސްނަމާދުގެ ފުރަތަމަ ޖަމާޢަތަށް މިސްކިތަށް އެރި މީހުންނަށް ހައިރާންކަމެއް ލިބުނީ މިސްކިތަށް އެރި ޖަވާދު ފެނުމުންނެވެ. އޭނާ ހުރީ ފެންވަރާ ނަލަހެދިފައެވެ. އުނަގަނޑާ ހިސާބަށް ދިގުކޮށް ބުޅިކޮށްފައި އޮތް އިސްތަށިގަނޑުވަނީ ކުރުކޮށް ކޮށާފައެވެ. ދަތްދޮޅިއާއި ކަންފަތުގައި އަޅުވާފައިހުރި ބޮޅުތައް ވަނީ ނަގާފައެވެ. ކަރުގައާއި އަތުކުރީގައި އަޅާފައިހުރި ޗޭނުފަށްތައް ވެސް ނެތެވެ.

ރީތި ނަލަ ދުވަހަކަށް އިރުއަރައިގެން އައި އިރު ޖަވާދާއި ބައްޕަ ތިބީ މާކަނޑަށް މޫނުލައިގެން، އަތިރިމަތީއޮތް ގަސްބުޑެއްގެ މަތީ އިށީނދެލައިގެންނެވެ. އާދުވަހަކަށް މަރުހަބާކިޔަމުން އަތިރިމަތީ އުދުހޭ ކާޅުތަކާއި، މާދުރުން ބޭރުމަތީގައި އުދުހެމުން ލަވަކިޔާ ކިރުދޫނިތަކަށް ސަމާލްކަމެއްނެތިއެވެ. އަނގައިން ނުބުނެ، ހަތަރުކަޅިވެސް ހަމަނުކުރާތާ ދުވަސްތަކެއްވީ ދެބަފައިން ތިބީ ޒަމާންވީ ދެ އެކުވެރިންހެން އޮލަ ވާހަކައެއްގައެވެ. ދެބަފައިންގެ މޫނުންވެސް ފެންނަނީ އުފާވެރިކަމެވެ.

އެ ދުވަށްފަހު ޖަވާދުގެ އެކުވެރިންނަށާއި ރައިހާއަށްވެސް ޖަވާދު ގެއްލުނެވެ. ހެނދުނާއި ހަވީރު ގެދޮށުން މުގޯލިއަޅަމުން ދިޔަ ޖަވާދު ނުފެންނަން ފެށުމުން ރައިހާގެ ހިތުގައި އެތައް ސުވާލްތަކެއް އުފެދުނެވެ. އޭނާގެ ހިތަށް ފަޅުކަމެއް ވެރިވިއެވެ. ޖަވާދަށް ވީގޮތް އޮޅުންފިލުވާ ހިތްވިއެވެ. މަގު ކޮޅުން ނަމަވެސް ޖަވާދު ފެނިލާތޯ ސިއްރުސިއްރުން ދޮރާށިދޮށަށް ނިކުމެވެން ފެށިއެވެ.

ދިރިއުޅުމުގައި ތަފާތު ކުލަތައް ޖެހެމުން ދުވަސްތައް ދިގުލަމުންގޮސް ޖަވާދުގެ ޚަބަރެއް ނުވާތާ ދެއަހަރުވާން އުޅެނީއެވެ. މި ވޭތުވެ ދިޔަ ދިގު ދުވަސްތަކުގައި ރައިހާއަށް ޖަވާދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ނެތްތާ، މީހެއްގެ ގާތުން އަހައި އޮޅުންފިލުވަންވެސް ރައިހާ ޖެހިލުންވެއެވެ. އެކުވެރިން ކުރިމަތީ ޖަވާދަށް ކުރި މަލާމާތާއި ޖަވާދު ދަށްކޮށްލެވުނު ގޮތުން އެއިން މީހަކު ގާތުވެސް އެކަހަލަ ސުވާލެއް ކުރަން ރައިހާ ފަސްޖެހެއެވެ. ވުމާއެކު އެ ހުރިހާކަމެއް ހިތުތެރެއަށް ހިންދާލައިގެން އޭނާގެ ދިރިއުޅުން ކުރިއަށް ގެންދިޔައެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ގޭތެރޭގައި އަވަދިނެތި އުޅެމުން ދަނިކޮށް ބޭރުން ސަލާމް ގޮވާލި އަޑު އިވުމުން ރައިހާ ބޭރަށް ނިކުތެވެ. އޭނާގެ އުރުގައި ދޮޅުއަހަރެއްހާ ދުވަސްވީ ކުޑަ އަންހެންކުއްޖަކު އިނެވެ. ދޮރުމަތީގައި ހުރީ، އިސްކޮޅާއި ރޫފަ އެޅިގެންވާ ހައިބަތުހުރި ޒުވާނެކެވެ. އޭނާގެ މޫނުން ފާޅުވަނީ ތޫނުފިލި ކަމާއި ހަރުދަނާ ކަމެވެ. އެ ޒުވާނާ ފެނުމުން ރައިހާ ހުރީ ބަސް ހުއްޓިފައެވެ. ދޮރުމަތީގައި ހުރި އެ ޒުވާނާވެސް ހުރީ ހަމަ އެ ހާލުގައެވެ. ދެ މީހުންނަށް ސިހުން ލިބުނީ ރައިހާގެ އުރުގައި އިން ތުއްތު ކުއްޖާ “މަމީ” އޭ ކިޔާ ރައިހާގެ މޫނުގައި އަތް ޖައްސާލުމުންނެވެ. ތުއްތު ކުއްޖާގެ އެ ހަރަކާތާއެކު ޒުވާނާގެ މޫނުމަތީގައިވާ އުޖާލާކަން ފަނޑުވެ ތުންފަތްމަތީގައިވާ ހިނިތުންވުން ގެއްލުނެވެ.

“ރައިހާ”

“ޖަވާދު؟”

ދެމީހުންގެ އަޑުވެސް ވަނީ ތާށިވެފައެވެ. ޖަވާދު ކުރިއަށް ޖެހިލިއެވެ. ރައިހާއަށާއި އެ ތުއްތު ކުއްޖާއަށް މާނަވީ ގޮތަކަށް ބަލައިލިއެވެ.

“ރައިހާ. .  އަހަރެން ރަނގަޅު މީހަކަށް ވާނެކަމަށް ރައިހާ ގާތު ވަޢުދުވިން.. .އެ ނުބައި އުޅުން ދޫކޮށްލާނެކަމަށް ބުނިން. . . . އެހެން މީހުންގެ އިތުބާރާއި ރުހުން ހޯދަން އަހަރެން ވަރަށް ހިއްވަރުކުރިން. އެތަކެއް ވޭންތަކެއް ތަހައްމަލްކުރިން. އެކަމަކު. . . ” ޖަވާދުގެ އަޑުގައިވަނީ މާޔޫސްކަމެވެ.

“އެކަމަކު . . އަހަރެން އެހާ އުއްމީދާއެކު މަސައްކަތްކޮށް މިހިސާބަށް އައި އިރު . . ރައިހާ ތިވަނީ . . .” ޖަވާދަށް ވާހަކައެއް ނުދެއްކުނެވެ.  އޭނާ ރައިހާއަށް ފުރަގަސް ދިނެވެ.

“މިއަދު ރައިހާގެ ކުރިމަތީ އަހަރެން މީހަކަށް ނުވެދާނެ. އެކަމަކު އަހަރެން މީ ކުރީގައި ރައިހާ ދުށް ޖަވާދެއް ނޫން. އަހަރެން މިހާރު އެފަދަ ކަންތަކަށް ނަފްރަތުކުރަން.” ޖަވާދު ހިނގައިގަތީ އެގެއިން ނިކުންނާށެވެ.

“ޖަވާދު. ކޮއްކޮގެ ތިޔަހިތްވަރަށް ބޭބެ ސާބަސްދެން.” ދޮރާށިން ނިކުމެނިކުމެ ހުރި ޖަވާދު ހުއްޓުން އެރީ ގޭތެރެއިން ނިކުމެގެން އައި ރައިހާގެ ބައްޕަގެ އަޑަށެވެ. އޭނާ އައިސް ޖަވާދުގެ ކޮނޑުގައި އަތްޖައްސާލިއެވެ.

“މިގޭ ދޮށަށް ކޮއްކޮ އެންމެ ފަހުން އައި ދުވަހު ބޭބެ ކޮއްކޮ ދުށިން. އަދި ދެއްކި ވާހަކަތައްވެސް އަޑުއެހިން. ރައިހާގެ ޖަވާބުން ކޮއްކޮ މާޔޫސްވީ ވަރު ދުށިން. އެދުވަހު ބޭބެގެ ހިތް ބުނި ކޮއްކޮ ރަނގަޅު މީހަކަށް ވާނެއޭ. އިޞްލާޙް ވާނެއޭ. ބޭބެއަށް ކޮއްކޮގެ ހުރިހާ  ކަމެއްވެސް އެނގޭ.. . ހަޤީޤަތުގައި ކޮއްކޮ އަށް އެހެން އެ ދިމާވީ ބައްޕައާއި ދޮންމަންމަގެ އަޅާލުން ކުޑަވުމުން. ބޭބެ އެމީހުންނަށް ވިސްނައިދިނިން. މިއަދު އެމީހުން އެކަމާ ދެރަވޭ. ކޮއްކޮ ޕާކިސްތާނުގައި އުޅުނު ހުރިހާ ގޮތެއް ބޭބެޔަށްއެނގޭ. ކޮއްކޮ ތިޔަކުރި ހިއްވަރަކީ މަދު މިހަކަށް ނޫނީ ނުކުރެވޭނެ ކަމެއް.”  ހިނިތުންވެހުރެ ރައިހާގެ ބައްޕަ ކިޔައިދިނެވެ.

“ބޭބެގެ ދަރިފުޅާ ކައިވެނިކުރަން އެންމެ އެކަށީގެންވާ މީހަކީ ޖަވާދު.”

ޖަވާދުގެ މޫނުމައްޗަށް އުޖާލާކަން ވެރިވިއެވެ. އޭނާ ރައިހާ އާއި ދިމާލަށް އެނބުރުނެވެެ. ރައިހާގެ އުރުގައި އިން ތުއްތު ކުއްޖާއަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

” މީ . .މީ  މިހިރަގޭ ޒާހިރާއްތަގެ ކުޑަމަންޖެ. .  ދައްތަ އޮފީހަށް ދިޔައީމާ އަހަރެން މީނަ ބަލައިދެނީ.” ލަދުންހުރެ ރައިހާ ވާހަކަ ދެއްކިއެވެ. އޭނާގެ މޫނުންވެސް ފާޅުވަނީ އުފާވެރިކަމެވެ. ޖަވާދަށް ހީވީ އާ ދުނިޔެއަކަށް އާދެވުނު ހެންނެވެ. އުފަލުންގޮސް ރައިހާގެ ބައްޕަގެ ގައިގައި އޮޅުލައިގަތެވެ. އެ މަންޒަރު ބަލަން ދޮރާށިމަތީގައި ތިބި ޖަވާދުގެ ބައްޕައާއި ދޮންމަންމަވެސް ތިބީ އުފަލުންގޮސް ފެންކަޅިވެފައެވެ.

މިއަދު ޖަވާދަކީ ޒިންމާދާރު ފިރިއެކެވެ. ދުނިޔެއަށް ނޭވާލުމަށް ތައްޔާރުވަމުންދާ ތުއްތު ކުއްޖެއްގެ އުފާވެރި ބައްޕައެކެވެ. މޮޅު ޤުރުއާން މުދައްރިސެކެވެ. ޖަވާދުގެ ހަޔާތަށް މި ބޮޑު ބަދަލު ގެނައީ ރައިހާއަށްޓަކައެވެ. ރައިހާދެކެ ޖަވާދުވީ ތެދުވެރި ލޯތްބަށްޓަކައެވެ.

Like
Like Love Haha Wow Sad Angry
އިތުރަށް ކިޔާލުމަށް

ޚިޔާލް ފާޅުކުރަށްވާ