ބޮޑު ޢީދު ސްޓޭޖް އަޅާނީ މިލަދޫ ރަސްމީ ބޯޅަދަނޑުގައި – ޢީދުކޮމިޓީ

1438 ވަނަ އަހަރުގެ އަޟުހާ ޢީދު ފާހަގަކުރުމަށް މިލަދޫގައި ކުޅޭ ސްޓޭޖް ކުޅިވަރުތަކަށް ޚާއްސަކޮށް އަޅާ ސްޓޭޖް މިއަހަރުވެސް އަޅާނީ މިލަދޫ ރަސްމީ ބޯޅަދަނޑުގައިކަމަށް، މިއަހަރު ޢީދުކުޅިވަރުތައް ރާވާ އިންތިޒާމު ކުރާ އީދުކޮމިޓީން ހޯމަދުވަހު ބުނެފިއެވެ.

މިލަދޫ އަށް މަޢުލޫމާތު ދެއްވަމުން ޢީދުކޮމިޓީގެ މީޑިއާ އެންޑް ޕަބްލިސިޓީ ޓީމުގެ ފަރާތުން ޙާމިދު ޙަސަން ވިދާޅުވީ، ބޯޅަދަނޑުގައި ޢީދުކުޅިވަރަށް ޚާއްސަ ސްޓޭޖް އެޅުމަށް ނިންމީ ކޮމިޓީގެ މެންބަރުންގެ މެދުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ބަހުސްކޮށް ކޮމިޓީގެ އަޣުލަބިއްޔަތުން އެގޮތަށް ނިންމުމުންކަމަށެވެ.

އެނގިވަޑައިގަންނަވާނެ، އީދުކޮމިޓީން ކަންކަން ނިންމަވަނީ ކޮމިޓީ ހިންގުމަށް ފާސްކޮށްފައިވާ އުޞުލުގެ ދަށުން. އެއީ އަޣުލަބިއްޔަތުވޯޓު.

ޙާމިދު ތަފްސީލްކޮށްދެއްވިއެވެ.

މީގެ އިތުރުން ކޮންމެ ޢީދަކަށް ވަކީން ޚަރަދުކޮށް ސްޓޭޖެއް އަޅަމުންދާތީ  ދާއިމީގޮތެއްގައި ބޭނުންކުރެވޭނެ ސްޓޭޖެއް އެޅުމުގެ މަޝްވަރާވެސް އަދި އެވިސްނުންވެސް ކޮމިޓީގެ ބައެއްމެންބަރުންގެ ހުރިކަން މިއަދުގެ ކޮމިޓީގެ ބައްދަލްވުމުން އެނގިގެން ދިޔަކަމަށާއި އެހެންނަމަވެސް މި އަޟުހާ ޢީދަށް ދާއިމީ ސްޓޭޖެއް އެޅުމަށް މިއަދު ކޮމިޓީން ނިންމަވާފައިނުވާކަމަށްވެސް އޭނާ މަޢުލޫމާތު ދެއްވިއެވެ.

މިލަދޫ އަށް އެނގިފައިވާ ގޮތުގައި ޢީދު ކޮމިޓީން މީގެ ކުރިން ވަނީ ޢީދަށް ޚާއްސަ ސްޓޭޖެއް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމާއި އެހެނިހެން ތަކެތި ހޯދުމާމެދުވެސް މަޝްވަރާކުރެވިފައެވެ. އަދި އޭގެތެރެއިން ބައެއްކަންކަމަށް ތާރީޚް ތަކެއްވެސް ކަނޑައެޅިފައިވާ ކަންވެސް މިލަދޫ އަށް އެނގިފައިވެއެވެ. ޙާމިދު ވިދާޅުވީ ސްޓޭޖް ބޯޅަދަނޑުގައި އެޅިނަމަވެސް ސްޓޭޖް ޝޯވްތައް ކުރިޔަށްދާވަގުތު ޢާއްމު އިޖުތިމާޢީ މިންގަނޑުގައި ކަންކަން ހިފެހެއްޓުމަށާއި އައިޓަމްތައް ޙުށައަޅާފަރާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމާއި މެދު މީގެ ކުރިން ކޮމެޓީ ބައްދަލްވުންތަކުގައި މަޝްވަރާކުރެވިފައިވާނެކަމަށެވެ.

1437 ވަނަ އަހަރުވެސް ވަނީ މިލަދޫ ރަސްމީ ބޯޅަދަނޑުގައި ފޯރިގަދަ ސްޓޭޖް ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. ބައެއް އައިޓަމްތަކަށް ރާއްޖޭގެ އެކި ހިސާބުތަކުން ފަންނާނުންވެސް ގެނައުމުގެ އިތުރުން މިލަދޫގެ ގިނަ ޢަދަދެއްގެ ޒުވާނުންގެ ޚާއްސަ ހުނަރުތައްވެސް އެސްޓޭޖަށް ހުށައެޅިގެން ގޮސް ގިނަ އައިޓަމް ތަކަށް ޢާއްމުންގެ އާދަޔާޚިލާފް ހޫނު ތަރުހީބުވެސް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ

ޚިޔާލު ފާޅުކުރަށްވާ