ފެމުނު މިޔަރާ ބެހޭގޮތުން ދިވެހިންގެ ތެރޭގައި ދެކެވޭ ވާހަކަތާ މެދު..!

ފެމުނު މިިޔަރަކީ ކޮބާތޯއެވެ؟ މީ ވަރަށް ގިނަ ފަރާތްތަކަކުން އުފައްދާ ސުވާލެކެވެ. ހަމަ އެހެންމެ ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް އަދިވެސް ފެމުނު މިޔަރު ވަކި ކުރުމުގައި އޮޅުންތަކެއް. އަރާކަން ފާހަގަކުރެވެއެވެ. ބައެއް ފަރާތްތަކުން ގްރޭޓް ވައިޓް ޝާރކް އަށް ފެމުނު މިޔަރު ކިޔާ އަޑުވެސް އިވެމުން ދެއެވެ. ހަމަ އެހެންމެ އާންމުކޮށް މިޔަރު ހަމަލާ ދޭ ފިލްމްތަކުން ފެންނަ ގްރޭޓް ވައިޓް ޝާރކްއަކީ މުޅިން ތަފާތު ބާވަތަކެވެ. އަދި ގްރޭޓް ވައިޓް ޝާރކް އަކީ ރާއްޖޭގައި އުޅޭކަން އެއްވެސް ރެކޯރަޑަކުން ފެންނަން ނެތް މިޔަރުގެ ބާވަތެކެވެ.  އެހެންނަމަވެސް ބައެއް ދިވެހިންނާއި ފީނާ މީހުން Shortfin Mako  ނުވަތަ ވޮށިމަސް މިޔަރަށް ގްރޭޓްވައިޓް ޝާރކް ކިޔައެވެ. އެހެންނަމަވެސް އެއީ މުޅިން ތަފާތު ދެ ވައްތަރެކެވެ..

 

ޓައިގާރ ޝާރކް ނުވަތަ ފެމުނު މިޔަރަކީ އާންމުކޮށް ފެންނަ އެހެން ބާވަތްތަކުގެ މިޔަރާއި ތަފާތު ވައްތަރެކެވެ. ޓަައިގާރ ގެ ނަމުން ނަންދެވިފައިވާ މިނިކާވަގުގެ ކެހެރިގަނޑުގައިވާ ކުރެހުމާއި އެއްގޮތްކަމެއް ހުންނަ ހުރަސް ރޮނގުތަކެއް މަތިން ފަށައިގެން ތިރިޔައް ހުރެއެވެ.

ރާއްޖޭގެ މަސްމަހާ މެހީގެ ރެކޯރޑްތަކަށް ބަލާއިރު ފެމުނު މިޔަރުގެ ނަން ދެވިފައިވަނީ ޓައިގާރ ޝާރކް އަށެވެ. ރާއްޖޭގައި އުޅޭ ކަމަށް ލިސްްޓްކުރެވިފައިވާ މިޔަރުގެ 26 ވައްތަރުގެ ތެރޭގައި ހިމެނޭ ފެމުނު މިޔަރާއި ބެހޭގޮތުން  ވަރަށް ބިރުވެރި ވާހަކަތައް ތުންތުން މަތިން ކިޔަމުން އައިނަމަވެސް އެފަދަ ތަފާސް ހިސާބެއް ފެންނަން ނެތްކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ ފެމުނު ހަމަލާ ދިން ހަބަރެއް އަޅުގަނޑު ހަމަ ގައިމުވެސް ނާހަމެވެ. އެހެންނަމަވެސް “ޕިރާޑްގެ ގަލަމުން ދިވެހިރާއްޖެ” މި ފޮތުގައި ޕިރާޑް ސިފަކުރައްވާ ގޮތުގައި އެ ޒަމާނުގައި ވަރަށް ގިނަ ދިވެހިން ގެ ބައެއް ގުނަވަންތައް އައިބުވެފައިވާކަމަށް ލިޔެފައި ވެއެވެ. އަދި އެ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު  ބޮޑު ގައުމަކަށްވެފައި މޫދަށް އެރި އުޅުމުގައި ބޮޑެތި މަސް ހަމަލާ ދެނީކަމަށް ލިޔެފައިވެއެވެ. އޭގެންވެސް ފެމުނު މިޔަރުކަމެއް އެނގޭކަށް ނެތެވެ.

ފެމުނު މިޔަރު އާންމުކޮށް އުޅެނީ ޕެސިފިކްގެ މެދުތެރޭގެ ރަށްތަކާއި ކަނޑު ފަޅުގައި ނަމަވެސް ފެމުނު ރާއްޖޭގައިވެސް އުޅޭކަން ރެކޯރޑްތަކުން ދަށްކައެވެ. ހަމަ އެހެންމެ މިހާރުވެސް މަދުން ނަމަވެސް އެކި ސަރަހައްދުތަކުން ފެންނަކަން ފާހަގަކުރެވެއެވެ. އާންމުކޮށް ވަރަށް ގިނަ ދިވެހިން ބުނާ ގޮތުން އެމީހުން މަހައްދާ ދޯނިތަކަށްވުރެ ބޮޑެތި ފެމުނު މިޔަރު ފެނެއެވެ. އެހެންނަމަވެސް މި ވާހަކަ ގަބޫލްކުރަން ދަތިވަނީ އެތައް ހާސް އަހަރެއްވަންދެން ސައިންވެރިން ދިރާސާކޮށް ހެދުމުގައި، އަދި އާންމުކޮށް ފެމުނު އުޅޭ ސަރަހައްދުތަކުންވެސް ފެންނަ އެންމެ ބޮޑު ސައިޒްއަކީ 16 ފޫޓް ގެ ފެމުނު މިޔަރެވެ.(wikipidia). އެހެންނަމަވެސް ސުވިޒަރލެންޑްގެ ސާރކް އިންފޯ އޮފީހުގެ ޑާޓާބޭސްގައި(ސުވިސް ސާރކް އިންފޯ) ވާގޮތުން 18 ފޫޓަށް ބޮޑުވެއެވެ. އަދި ފަހަރެއްގައި 25 ފޫޓަށްވެސް ބޮޑުވެދާނެއެވެ(Fourmanoir 1961). އަދި ނޭޝަނަލް ޖިއޮގުރަފިކް ޗެނަލްއިން ފާހަގަކޮށްފައިވާ ގޮތުގައި ފެމުނު މިޔަރު ބޮޑުވަނީ 10 ފޫޓާއި 14 ފޫޓާއި ދެމެދުގެ މިންގަނޑަކަށެވެ(ނޭޝަނަލް ޖިއޮގރަފިކް).

ފެމުނު މިޔަރު އާންމުކޮށް ކައި އުޅެނީ ތަފާތު ވައްތަރުގެ މަސް، ސީލް، ކަނޑުމަތީ ދޫނި، ވެލާ ކަހަނބާއި ބޯވާ ދިލަމަސް އަދި ކޯމަސް އަދި ފެން ހަރުފައެވެ. އަދި ކުދި ފެމުނު މިޔަރު އާންމުކޮށް ކަނީ ޖެލީ ފިސް އަދި ބައެއް ވައްތަރުގެ މަސްފަދަ ތަކެއްޗާއި ބޯވާ، ބޯވާ ދިލަމެހެވެ. ފެމުނު މިޔަރަކީ އިންސާނުންނަށް ހަމަލާ ދޭ މިޔަރުގެ ބާވަތެކެވެ. 2013 ވަނަ އަހަރުގެ ތެރޭގައިވެސް މުޅި ދުނިޔޭގައި 72 މީހުންނަށް މިޔަރުގެ ހަމަލާ ކުރިމަތިވެފައި ވާއިރު އޭގެ ތެރޭގައި ފެމުނު މިޔަރުގެ ހަމަލާ ވެސް ހިމެނެއެވެ. އެހެންނަމަވެސް އާންމުކޮށް ގިނަ ހަމަލާތަށް ކުރިމަތިވެފައިވަނީ ގްރޭޓްވައިޓް ޝާރކްގެ ފަރާތުންނެވެ. ހަމަ އެހެންމެ މި ހާދިސާތައް އާންމުކޮށް ހިނގާފައިވަނީ އެމެރިކާގެ ހަވާއި، ފުލޮރިޑާ،  އަލްބާމާ، ފަދަ އެމެރިކާގެ ސަރަހައްދުތަކުގައެވެ. އަދި މީގެ އިތުރަށް އޮސްޓްރޭލިއާ ސައުތު އެފްރިކާގައެވެ. ރާއްޖޭގައި ފެމުނު މިޔަރުގެ ބިރުވެރިކަން ބޮޑުކަމަށް ބައެއް ފަރާތްތަކުން ބުނަމުން އައި ނަމަވެސް ފެމުނު ހަމަލާ ދިނުމުގެ ހާދިސާއެއް ހިންގި ކަން އެނގޭކަށްނެތެވެ.

ދިވެހިންނަކީ އާންމުކޮށް މޫދަށް އެރި އުޅޭ ބައެކެވެ. ދިވެހިންގެ ގިނަ ބަޔަކު މިހާރުވެސް މަސައްކަތުގައި ކަނޑުމަތީގައި ހޭދަކުރެއެވެ. ފަޅުތަކުން އާންމު ކޮށް ފެމުނު މިޔަރު ނުފެންނައިރު އަދި އެފަދަ ހާދިސާތަކެއް ހިނގާކަން ފާހަގަނުކުރެވޭއިރު ތަފާތު ވާހަކަތައް ތަފާތު ގޮތްގޮތަށް ދަށްކާ ބިރުވެރިކަން އުފެއްދުމުގެ ބޭނުމެއް ނެތެވެ.

Like
LikeLoveHahaWowSadAngry

ކިޔުންތެރިންގެ ހިޔާލު

avatar
900