އަވަސް ކަޅިއަކުން މިލަދޫ ހިދާޔާސްކޫލް

މީލާދީން 1957 ވަނަ އަހަރު، އޭރުގެ ވަޒީރުލް މަޢާރިފްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އިބްރާހީމް ޝިހާބު، ނ. އަތޮޅު މަނަދޫ އަށާއި މިލަދޫއަށް ވަޑައިގެންނެވިއެވެ. މިލަދޫގެ ވާހަކަ ޝިހާބުގެ ގަލަންކޮޅުން ފައްޓަވާފައިވަނީ ތިރީގައިވާ ޢިބާރާތުންނެވެ. ” މިއަތޮޅުން ދެން ދިޔައީ މުޅި ރާއްޖެއަށް މަޝްހޫރު މިލަދުއަށެވެ. ޙަމްދު އާއި ޝުކުރު ހުރީ އެކަލާނގެ އަޅުތަކުންނަށް ތެދުމަގު ދައްކަވާ މާތްﷲގެ ކިބައަށެވެ. އާދޭހެވެ! މީގެ ހަތަރުފަސް އަހަރެއްގެ ކުރީން ވައްކަމާއި ފޭރުމާއި ފިތުނަ ފަސާދައަށް މުޅި ރާއްޖެއަށް އެއްވަނަ މިލަދޫ އަދުވަނީ، މުޅިން އެހެން ރަށަކަށް ބަދަލުވެފައެވެ. ރަށަށް ހަމަ އެރުމާއެކު މިދެންނެވި ބަދަލު އައިސްފައިވާކަމުގެ ޤުދްރަތީ ނިޝާންތައް އޮޅުމެއްނެތި ފެންނާން ފަށައިފިއެވެ. ރަށުގެ ރުއްގަހުންނެވެ. އަވީގެ ކުލައިންނެވެ. މީސްތަކުގެ މޫނުމަތީންނެވެ. ހެލިފެލިވުމުގެ ޙަރަކާތުންނެވެ. އާދޭހެވެ! ހުރިހާ ކަމަކުންނެވެ. ” އަދިވެސް ޝިހާބު ވިދާޅުވެފައި ވެއެވެ. ” އަދުގެ މިލަދުއަކީ އުފާވެރި މުސްތަޤުބަލް އަކަށް އިންތިޒާރުކުރާ ހިތްވަރުގަދަ ޒުވާނުންތަކެއް އުފެދިފައިވާ ދިރޭ ރަށެކެވެ. ބިމުގެ ޚައިރާތާއި ، ބަރަކާތް، ކަނޑުގެ ރޯއްޖާއި ރަޙުމަތް، އެމީހުންގެ އުޅުމަށް ގެނައިބަދަލާއި އެކަށޭނަ ގޮތުން ޤުދްރަތުންވެސް ބަދަލު ކުރައްވާފައެވެ. މަކްތަބުގެ ދެޖިންސްގެ ކުދީންކޮޅު ފެނިފައިވެސް އުފާވާހާ ވެއެވެ. ޞިއްޙަތު ނިކަން ރަނގަޅެވެ. ތާހިރުކަމުގެ ގޮތުންވެސް އައިބެއް ފެންނަވަރެއް ނޫނެވެ.”

އެއީ މީގެ 56 އަހަރު ކުރީގެ ވާހަކައެވެ. ތާރީޚުން ހެކިދޭގޮތުގައި ވަރަށް ކުރިންސުރެް މިލަދޫގައި ތަޢުލީމުގެ ދަންމަރުު ވަނީ ދިއްލިފައެވެ. ނަމަވެސް ތަޢުލީމީ ފެންވަރު އޮތީ ވަރަށް ދަށުގައެވެ. ޒަމާނީ  ތަޢުލީމު ދެވޭނެ ގޮތެއް ރަށުގައި ނެތެވެ. ރަށުގެ ކަމުވޮށިވެގެންވާ މީހުންނާއި ފައިސާވެރިން، އެމީހުންގެ ދަރިންނަށް ރަނގަޅު ތަޢުލީމު ހޯދައިދިނުމުގެ ނިޔަތުގައި ރަށުން ބޭރަށް ފޮނުވިއެވެ. ނ. ހޮޅުދޫ، ވެލިދޫ، ޅ،ނައިފަރު ފަދަ ރަށްރަށަަށެވެ.  ތަނަވަސްކަން ލިބިގެންވާ މަދު ބަޔަކު އެމީހުންެގެ ދަރިން މާލެވެސް ފޮނުވިއެވެ. އެއްވެސް ގޮތެއްނެތް އާދައިގެ މީހުން އެމީހުންގެ ދަރިން ބޭތިއްބީ ރަށުމަދަރުސާގައެވެ.އޭރުގެ މިލަދޫ މަކުތަބުގައެވެ. ނަތީޖާ އަކަށްވީ އެދުވަސްވަރުގެ ގިނަ މީހުންނަށް އެކަށީގެންވާ ތަޢުލީމެއް ނުލިބި މުޖުތަމައަށް ނިކުންނަން މަޖުބޫރުވުމެވެ. ނަމަވެސް ވޭތުވެ ދިޔަ ތިރީހަކަށް އަހަރު މިލަދޫއަށް ވަނީ ތަޢުލީމީ ގޮތުން ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. 1983 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ބަލާއިރު މިލަދޫ ވަނީ ތަޢުލީމީގޮތުން އެތައް ހަރުފަތްތަކެއް ގިރާކޮށް ތަފާތު ކުރިއެރުން ހޯދާފައެވެ.

ޕްރިފެކްޓް ހުވާކުރުން 2005

         އެދުރުންގެ ގޮތުގައި އެކި ދުވަސްވަރު އެކި ބޭފުޅުން ތިއްބެވިއެވެ. މިގޮތުން 1984 ވަނަ އަހަރުން ފެށިގެން 1987ވަނަ އަހަރާއި ހަމައަށް، ނ. ހޮޅުދޫ ރޯޒީބޭންކް އަލްފާޟިލް އިސްމާޢީލް ޢަބުދުއްރަޙްމާން އިސް މުދައްރިސެއްގެ ގޮތުގައި ހުންނެވިއެވެ. އަދި އެހީތެރިޔަކަށް ހުންނެވީ ނ. މިލަދޫ މުޝްތަރީގޭ ޢަލީ ނޫޙެވެ. 1987 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާއި ހަމައަށް މުދައްރިސުންގެ ގޮތުގައި ތިއްބެވީ މިލަދޫ ގުރަހަ ޢަބުދުﷲ އާދަމް، މިލަދޫ ގުލްއަލާމާގެ އަބޫބަކުރު އާދަމް އަދި މުޝްތަރީގެ ޢަލީނޫޙެވެ. އަދި 1987 ވަނަ އަހަރު، މިލަދޫގެ އެންމެ ފުރަތަމަ ޓްރެއިންޑް ޓީޗަރ ، މިލަދޫ މަންޒަރުގެ އަބޫބަކުރު މުޙައްމަދު މިލަދޫ މަކްތަބުގައި ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. 1980 ގެ އަހަރުތަކުގައި މިލަދޫގައި ރަސްމީ ތަޢުލީމުދޭ ހުރީ އެންމެ ތަނެކެވެ. 24 ޖޫން 1980 ގައި ރަޖިސްޓްރީ ކުރެވުނު މިލަދޫ ހިދާޔާސްކޫލެވެ.  އެއީ ރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ބިނާކުރި ތަނެކެވެ. ދެ ޖިންސްގެ ދަރިވަރުންނަށް އެއްކޮށް ކިޔަވައިދޭ މި ސްކޫލްގެ އޭރުގެ ފެންވަރަކީ ގްރޭޑް 3 ގެ ފެންވަރެވެ. އުނގަންނައިދެމުން ދިޔައީ ހަމައެކަނި އިބްތިދާޢީ ތައުލީމެވެ. އާދޭހެވެ. ހިސާބާއި ދީނިއްޔާތާއި އަތުލިޔުމާއި ދިވެހި ބަހެވެ. ކިޔަވައިދިނުމުގެ އިތުރުން ބައެއްކަހަލަ އިތުރު ހަރަކާތްތައް ހިންގުނެވެ. މިގޮތުން ނަމާދު ހާޒިރީ ބެލެހެއްޓުމާއި، މިނިވަންދުވަހާއި ޤައުމީ ދުވަސްފަދަ މުހިއްމު ދުވަސްތައް ފާހަގަކުރުމަށްޓަކައި ތަމްސީލް ޝޯވތައް ބޭއްވުން ފަދަ ކަންކަން ހިންގުނެވެ. މީގެ އިތުރުން ކަސްރަތުގެ ޙަރަކާތްތައް ވެސް ގެންދެވުނެވެ.

 

          1997 ވަނަ އަހަރު، ހިސާބާއި އިނގިރޭސި ކިޔަވައިދިނުމަށްޓަކައި، ރައްޔިތުންގެ ޚަރަދުގައި ބިދޭސީ ދެ ޓީޗަރުން ގެނެވުނެވެ. އާދެ، މިސްޓަރ މަންޖޫނަތާ ރެއްޑީ ކަންޑި ޕޮލަންނާ ރެއްޑީ އާއި މިސްޓަރ މަނޯ ރަންޖަންއެވެ. ރައްޔިތުންގެ ތެރެއިން ހެޔޮއެދޭ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ގެނެވުނު އެ ޓީޗަރުންގެ މުސާރަ ހަމަޖައްސަވައިދެއްވަމުން ގެންދެވީ ދަރިވަރުންގެ އަތުން މަހު ފީ ނަގައިގެންނެވެ. 1990 ގެ އަހަރުތަކުގައި މިލަދޫގެ ތަޢުލީމުގެ އާ ބާބެއް ފެށުނެވެ. 1990 ވަނަ އަހަރުގެ ސެޕްޓެމްބަރ 18 ވަނަ ދުވަހު ސަރުކާރުގައި ޚަރަދުގައި މިލަދޫގައި ފުރަތަމަ އެޅި ސްކޫލް އިމާރާތް ހުޅުވުނެވެ. އެއާއި އެކު ކިޔަވައިދޭނެ ފެންްވަރު ރަނގަޅު ޓީޗަރުން އިތުރުވިއެވެ. 1991 ވަނަ އަހަރު ޕްރައިމަރީ ސްކޫލް ޓީޗިންގ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު ނ. މިލަދޫ މިރިހިމާގެ ހަރިއްޔާ މޫސާ ހިދާޔާސްކޫލްގައި ޚިދުމަތްކުރައްވަން ފެއްޓެވިއެވެ. ޖެހިގެން އައި 1992 ވަނަ އަހަރު ނަޔާޗާންދު ޢަބުދުﷲ ހަނީފް، ހިދާޔާސްކޫލާއި ގުޅިވަޑައިގެންނެވިއެވެ. 1993 ވަނަ އަހަރު މިލަދޫ ދިލްޝާދުގެ ޝިޔާމާ ޢަބުދުއްސައްތާރާއި ރަންބުސްތާނުގޭ ޙަބީބާ މުހައްމަދުވެސް ހިދާޔާސްކޫލްގައި ޚިދުމަތްކުރައްވަން ފެއްޓެވިއެވެ. ކިޔަވައިދިނުމުގެ ތަމްރީން ލިބިލައްވާފައި ތިއްބެވި މި އެންމެހާ ބޭފުޅުންގެ ޚިދުމަތް ލިބެން ފެށުމާއި އެކު ކިޔަވައިނުމުގެ ވައްޓަފާޅި ބަދަލުވެ، އެދުވަސްވަރު ރާއްޖެތެރޭގެ ގިނަ ސްކޫލްތަކާއި އެއްގޮތަށް ސްކޫލް ހިންގަންފެށުނެވެ. އަދި ތަފާތު އެކި ވައްތަރުގެ އިތުރު ޙަރަކާތްތައް ހިންގެން ފެށުނެވެ. ކުލަބު ހަރަކާތްތަކާއި ޕްރިފެކްޓް ބޯޑްގެ ހަރަކާތްތައް ފެށުނެވެ 1995 ވަނަ އަހަރުގެ މާޗް 5 ވަނަ ދުވަހު، އިތުރު 4 ކުލާސްރޫމްގެ ބިންގާ އެޅި، އެ އަހަރުގެ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު އާއިމާރާތުގެ ބޭނުން ކުރަންފެށުމާއެކު ހިދާޔާސްކޫލްގައި ހިންގޭ ޙަރަކާތްތައް އިތުރުވެގެން ދިޔައެވެ.

2000 ގެ އަހަރު ތަކުގެ ކުރީކޮޅު، ކިޔަވައިދިނުމުގެ ދާއިރާއިން ތަމްރީން ލިބިގެން ތިބި ޓީޗަރުންތަކެއް ސްކޫލާއި ގުޅިވަޑައިގެންނެވިއެވެ. މިގޮތުން 2000 ވަނަ އަހަރުގެ ޖެނުއަރީ މަހު ނ. މިލަދޫ މިރިހިމާގެ ޙަސަންމޫސާ، ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހަމަޖެހުނެވެ. އަދި 2002 ވަނަ އަހަރުގެ ނޮވެމްބަރ މަހު، އޯކިޑްމާގެ ޙުސައިން އަޙްމަދު، ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖެހުނެވެ. ޖެހިގެން އައި 2003 ވަނަ އަހަރު، ނ. މިލަދޫ ޗާންދަނީހައުސް އިލްޔާސް އަބުދުއްސަމަދު އާއި މިލަދޫ ކޫލްބްރީޒް ފާޠިމަތު ޢަލީމް، ހިދާޔާސްކޫލްގެ ޕްރައިމަރީ ޓީޗަރުންގެ ގޮތުގައި ހަމަޖެހުނެވެ. ތަމްރީން ލިބިގެން ތިއްބެވި ޓީޗަރުން ސްކޫލާއި ގުޅުމުގެ ނަތީޖާއަކަށްވީ ސްކޫލައި ތިބި ވަގުތީ ޓީޗަރުން މަދުވެ، ކިޔަވައިދިނުން އިތުރަށް ރަނގަޅުވެގެން ދިއުމެވެ.

ހިދާޔާސްކޫލްގައި އިނގިރޭސި މީޑިއަމަށް ތަޢުލީމު ދެވެން ފެށުނީ 2002 ވަނަ އަހަރުއެވެ. މިގޮތުން އިސްލާމީ ތަރުބިއްޔަތާއި ދިވެހި ބަސް އަދި ޤުރުއާން ފިޔަވައި ހުރިހާ މާއްދާއެއް އިނގިރޭސި ބަހުން ކިޔަވައިދޭން ފެށުނެވެ. އަދި މި މާއްދާތައް ކިޔަވައިދިނުމަށްޓަކައި ގެނެވުނު ބިދޭސީ ޓީޗަރުންނަށް މުސާރައާއި އިނާޔަތްތައް ހަމަޖައްސަވައިދެއްވީވެސް ދަރިވަރުންގެ އަތުން ފީ ނަގައިގެންނެވެ.

       ހިދާޔާސްކޫލްގައި ޖީ ސީ އީ އޯލެވެލް އިމްތިހާން ހަދަން ފެށީ 2006 ވަނަ އަހަރުއެވެ. ފުރަތަމަ ބެޗްގައި 30 ކުދިން އިމްތިހާން ހެދިނަމަވެސް އެކަށީގެންވާ ވަރުގެ ނަތީޖާއެއް ހޯދީީ 3 ދަރިވަރުންވެ. ވުމާއެކު ޖީސީއީ އޯލެވެލް ގައި ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަށްޓަކައި  އެކްސްޓްރާ ކުލާސްތަކާއި ރިމީޑިއަލް ކުލާސްތަކާއި ސްޓަޑީ ކޭމްޕް ފަދަ ހަރަކާތްތައް ހިންގަން ފެށުނެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި އަހަރުތަކުގައި ސްކޫލްގެ ނަތީޖާ ރަނގަޅުވެ، އަތޮޅުގެ ބޮޑެތި ސްކޫލްތަކާއި ވާދަކުރެވޭ ވަރަށް ސްކޫލަށް ކުރިއެރުން ލިބުނެވެ. މިގޮތުން 2008 ވަނަ އަހަރާއި 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ހިދާޔާސްކޫލަށް ޕްރޮގްރެސް އެވޯޑް ލިބިފައިވެއެވެ. ރަށުގައި ޕްރައިމަރީ ތަޢުލީމު ދެވުނު ނަމަވެސް، ގްރޭޑް 7 ނިންމާ ދަރިވަރުންނަށް ސާނަވީ ތަޢުލީމު ހޯދުމުގައި ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. ރަށުގެ ގިނަ ރައްޔިތުންނަކީ މެދުމިންވަރެއްގެ އާމްދަނީއެއް ލިބޭ ބަޔަކަށް ވުމުން، ކުދިންނަށް އިތުރު ތަޢުލީމް ދިނުމަށްޓަކައި ރަށުން ބޭރަށް ފޮނުވަންޖެހުމަކީ ގިނަ ރައްޔިތުންނަށް ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. އަތޮޅުގެ ބޮޑެތި ސްކޫލްތަކަށް ކުދިން ވައްދައިގެން އެ ރަށްރަށަށް ކުރަންޖެހުނު ޚަރަދުތަކާއި، ޖުންޖުލައިގެ ވިއްސާރައިގައި ކުރަންޖެހުނު ކަނޑުދަތުރު ތަކަކީ ގިނަ ރައްޔިތުންނަށްް ތަކުލީފަކަށް ވެގެންދިޔައެވެ. ވުމާއެކު ސަރުކާރުގައި ދަންނަވައިގެން އަމިއްލަ ރަށުގައި ސާނަވީ ތަޢުލީމް ދެވޭނެ މަގު ފަހިކުރެވޭތޯ ރައްޔިތުން ބުރަ މަސައްކަތްތަކެއް ކުރިއެވެ. މިގޮތުން ގްރޭޑް 7 ނިންމާ ދަރިވަރުންނަށް ދެވޭ އެންޓްރަންސް ޓެސްޓްގައި ދަރިވަރުން ބައިވެރި ކުރުވަންފެށިއެވެ. ނަމަވެސް، ސްކޫލްގެ އާބާދީ ކުޑަކަމުންނާއި އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ހޯދޭ ދަރިވަރުން މަދު ކަމުން، ސަރުކާރުގެ އެހީގައި ސާނަވީ ތަޢުލީމް ފެއްޓޭނެ ގޮތެއް ނުވިއެވެ. ވުމާއެކު، ސަރުކާރުގެ ހުއްދައާއި އެކު ބެލެނިވެރިންގެ ޚަރަދުގައި 2004 ވަނަ އަހަރު ހިދާޔާސްކޫލްގައި ގްރޭޑް 8 އުފައްދިއެވެ. އަދި 2005 ވަނަ އަހަރު ހިދާޔާސްކޫލަކީ ސަރުކާރު ސްކޫލަކަށް ބަދަލުވުމާއި ހަމައަށް، ސްކޫލް ހިންގާފައިވަނީ ބެލެނިވެރިންގެ ޚަރަދުގައެވެ.

2011 ވަނަ އަހަރު ހިދާޔާސްކޫލްގެ ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެނެވުނެވެ. އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރުމެވެ. މި ގެނެވުނު ބަދަލާއި އެކު ދަރިވަރުންނަށް ނަގައިދެވޭ ރަސްމީ ކުލާސްތަކުގެ އިތުރުން ކްލިނިކް ކްލާސްތަކާއި “ޓިވެޓް” ހަރަކާތްތައް ފަދަ ކަންތައްތައް ތަޢާރަފް ކުރެވުނެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ކުރީކޮޅު ސްކޫލް މެނޭޖްމަންޓް ބަދަލުވުމާއެކު މި ހަރަކާތްތައް ހުއްޓިފައިވާކަން ހިތާމައާއެކު ފާހަގަ ކުަރަމެވެ.

2013 ވަނަ އަހަރު މިލަދޫ ހިދާޔާސްކޫލްގައި 142 އަންހެން ކުދިންނާއި 80 ފިރިހެން ކުދިންނާއެކު ޖުމުލަ 222 ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުން ގެންދެއެވެ. އަދި މި ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި 22 ޓީޗަރުން ހަރަކާތްތެރިވެލައްވައެވެ. އަޅުގަނޑު އެދެނީ ހިދާޔާސްކޫލަށް ތަޢުލީމީ ރޮނގުތަކުގައި ކާމިޔާބުދެއްވުމެވެ. އަދި އެ ސްކޫލުން ތަޢުލީމް ހާޞިލްކުރާ ދަރިވަރުންނަކީ މުޖުތަމައަށާއި ޤައުމަށް ފައިދާ ކުރާނެ ހަރުދަނާ ދަރިންތަކެއްކަމުގައި ލެއްވުމެވެ.

Like
LikeLoveHahaWowSadAngry

7
ކިޔުންތެރިންގެ ހިޔާލު

avatar
900
ފަހުގެ ކުރީގެ މަޤްބޫލު
އަޙްމަދު
Guest
އަޙްމަދު

ލިޔުންތެރިޔާގެ ތަޢާރަފުގައި ބުނެފައިވާ “ކިޔަވައިދިނުމުގެ ރޮނގުން ބެޗެލާސް ހަދާފައިވާ ސަމީރާ އަކީ މޮޅު ލިޔުންތެރިއެއް، ޅެންވެރިއެއް، އަދަބިއްޔާތަށް ނުހަނު ފަރިތަ ހުނަރުވެރި ޝާއިރެއް” މިކަމާ އަޅުގަނޑު އެއްބަސްވަމެވެ. އަބަދުވެސް އެދެނީ ކާމިޔާބީއަށެވެ. ހިތްވަރާއެކު ތިޔަގޮތަށް ކުރިއަށްދާށެވެ.

ބަކޫ
Guest
ބަކޫ

ލިޔުން ރަނގަޅު. ނަމަވެސް ވާ ދެރަ ކަމަކީ އަހަރުތައް ތަރުތީބު ގެއްލިފައިވާކަން. އެހެންވުމުން ކަންތައްތައް އިސްފަސް ވެގެންގޮސް އެބަހުރި. މައުލޫމާތު ވަރަށް މުއްސަނދި

އަބޫކަޔާން
Guest
އަބޫކަޔާން

ހޮޅުދޫ ދަރިއެއްގެ ހައިސިއްޔަތުން މިލަދޫ އާ މެދު ފަޚުރުވެރިވަން… އަދި ސަމީރަ މިސް ގެ މިހިރަ ލިޔުންތެރިކަމަށް ވެސް ފަޚުރުވެރިވެވޭ.. އެހެން ނަމަވެސް މި ލިޔުމުގެ ފެށުން ފެށިގެން އައިސް މެދުތެރެ ފަސްދީ ފަހު އަތަށް އަޅާލައިގެން އައިސް ނިމެން ދަންފަޅިއަކަށް ވީއިރު ތަފްސީލުން ބައެއް އުނިކަން ފާހަގަ ކުރެވިގެން ދާންފެށިއެވެ. އެގޮތުގަ ކިޔަމުން ދަނިކޮށް މާ މުނާސަބު ނޫން ގޮތަކަށް ލިއުން ކޮޅު ނިމުނުކަން ހިތާމަޔާ އެކު ފާހަގަ ކޮށްލަން… މީ އަޅުގަނޑަށް ފެނުނުގޮތް… ޝުކުރިއްޔަ

މިލަދޫ ކަމަނަ
Guest
މިލަދޫ ކަމަނަ

މިލަދޫ ހިދާޔާސްކޫލްގެ ނަމުގައި ސަމީރާ އިބުރާހީމް ލިއުއްވާފައިވާ ލިއުމަކީ ރަނގަޅަށް މަޢުލޫމާތު ނުހޯދާ ދިރާސާކުރުމެއްނެތި ލިޔެފައިވާލިއުމެއް. ހިދާޔާސްކޫލްގެ ނަމަށް ބަދަލުވުމުގެ ކުރީން އެ ސުކޫލަށްކީ ނަމެއްވެސް އެ ސުކޫލަށް ރަށުންނާއި ރަށުން ބޭރުން ޚިދުމަތް ކުރެއްވި އެތައް މުޢައްލިމުންނެއްގެ ނަނަްވެސް ކުރެއްވި ޚިދުމަތެއްވެސް ނެތް. ރަށުގެ މިކަހަލަ މުހިއްމު ތަންތަނުގެ މަޢުލޫމާތު ބަޔަކާއި ހިއްޞާކުރާއިރު ފުރިހަމަ ތެދު މަޢުލޫމާތު ހިމެނުމަކީ ޤައުމާއި ރަށިގެ ތާރީޚައްޓަކަކައި ނުހަނު މުހިއްމު ކަމެއް. މުސްތަޤުބަލުގައި ދިރާސާކުރެވި ފުރިހަމަ ތެދު މަޢުލޫމާތު ހިމެނޭ ލިއުންތައް ފެންނާނެ ކަމަށް އުއްމީދު ކުރަން.

ސުނީ
Guest
ސުނީ

ވަރަށް ފުރިހަމަ ލިޔުމެއް

މުދައްރިސް
Guest
މުދައްރިސް

މީހަކު އެއްޗެއް ލިޔުނީމަ ފާޑު ކިޔާނީ. މޮޅެތި މީހުން ކީއްވެބާ ކުރިން މޮޅު ދިރާސާ އެއް ނުކުރީ

ކަަމަނަ އަނގަ
Guest
ކަަމަނަ އަނގަ

ލިޔުން މީހާއަށްވުރެ ކަމަނައަށް ސްކޫލްގެ މައުލޫމާތު ލިބިފަ އޮތް ކަމަށް ދައުވާ ކުރީމަ ހިނި އަންނަނީ. ލިޔުން މީހާގެ ތައާރަފް ބަލާލަބަ. ހަމަ ކޮމެންޓްކުރަން ގޮޅިއެއް އިނީމަ އެއްޗެއް ލިޔެލަނީ. އިނގޭ މީހާގެ ލިޔުމެއް ނިކަން ޖަހާލަބަލަ. ކަމަނަ ތިލިޔުން ކޮމެންޓްގަވެސް ކުށް އެބަހުރި. އެވަރު ވިސްނައިގެން މީހުނަށް ފާޑު ކިޔަންވާނީ.